ދިވެހިރާއްޖޭގެ މަޖިލިސް މެންބަރުންނަކީ މަޖިލީހުގެ ތަޅުމުގައި މޮޅެތި ވާހަކަތައް ދެއްކެވުމުގެ މަސައްކަތް ކުރާ ބޭފުޅުންނެވެ. އާންމު ރައްޔިތުމީހާގެ ވިސްނުމުން ވެސް އެއީ ދޮގު ވާހަކަތަކެއް ކަން އެނގޭނެ އެތަކެއް ވާހަކަތަކެއް އެ މެންބަރުން ކޮންމެ ދުވަހަކުވެސް ގެންދަވަނީ ދައްކަވަމުންނެވެ. އެގޮތުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވާ ބޭފުޅަކީ، ވިލިފުށީ ދާއިރާގެ މެންބަރ ރިޔާޒް ރަޝީދެވެ. "ރާއްޖެތެރޭމީހުންނަށް މާލެ ނާދެވޭނެ" ކަމަށް ރިޔާޒް ވިދާޅުވި ވާހަކައަކީ ގިނަ އަދަދެއް ރައްޔިތުން ކުރީގެ ރެފްރީ ރިޔާޒާށް "ރަތް ކާޑު" ދައްކަން ޖެހުނު ސަބަބެކެވެ.
މަޖިލީހުގައި ދައްކަވާ ވާހަކަތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންގެ މަލާމާތް ރައްދުވެފައިވާ މެންބަރުންގެ ލިސްޓަށް ރިޔާޒް ރަޝީދު އާއި އެކު އެހެން މެންބަރަކު ވެސް މިވަނީ އިތުރުވެގެން ގޮސްފައެވެ. އެއީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މެންބަރު ފަލާހު މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި ވަރަށް ހައިރާންކުރުވަނިވި ވާހަކަތަކެއް ދައްކާފައެވެ.
މިފަހަރު މެންބަރު ފަލާހު ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިހާރު ޖަލުގައި އެ ހުންނެވީ އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ކަމަށެވެ. ނަމަވެސް މިއީ ދޮގެއް ކަން ރާއްޖޭގެ އެންމެހައި ރައްޔިތުން ވެސް ހެކިވާނެއެވެ. ނަމަވެސް ފަލާހު އެދައްކަވަނީ ކޮން ޝެއިޚް އިމްރާނެއްގެ ވާހަކަ ކަމެއް ނޭނގެއެވެ.
"އިމްރާން އަބްދުﷲ އަކީވެސް ކުށެއް ނެތް ބޭފުޅެއްގެ ގޮތުގައި ހައްޔަރު ކުރެވިފައިވާ ބޭފުޅެއްގެ ގޮތުގައި މިތާ (ރައްޔިތުންގެ މަޖިލީހުގައި) ބައެއް ބޭފުޅުން ސިފަކުރައްވައިފި. އެހެން ނަމަވެސް އަޅުގަނޑުމެން މާޒީއަށް ޖެހިލާފަ އިމްރާން އަބްދުﷲ މިގައުމަށް ނުރައްކާވާ ފަދަ އެތައް ވާހަކަތަކެއް ދެއްކިކަމާ އަދި ދިވެހިރާއްޖޭގެ ރައްޔިތުން ހޮވާފައިހުރި ރައީސަކަށް ނުރައްކާވާ ފަދަ އެތައް ވާހަކަފުޅެއް ދެއްކެވިތަން ޕޯޑިއަމުން ތަކުން ވެސް ފެނިވަޑައިގަންނަވާނެ. އެހެންވީމާ އިމްރާން އަބްދުﷲ އަކީ ވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޝަރުއީ ނިޒާމުގެ ތެރެއިން އޮތް ހުކުމެއްގެ ތެރެއިން އެމަނިކުފާނު އެކުރައްވަމުން ގެންދަވާ ޖަލު ހުކުމެއް އެ ތަންފީޒު ކުރައްވަމުން ގެންދަވަނީ." އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ރިކޯޑަކު ވެސް އަދި އެހެން ކޯޓެއްގައި ވެސް ޝެއިޚް އިމްރާންގެ މައްޗަށް ޝަރީޢަތެއް ކުރިކަމެއް އެނގޭކަށް ނެތެވެ. އެހެން ކަމުން މިއަދު މަޖިލީހުގައި މެންބަރު ފަލާހު ވިދާޅުވީ ކޮން ޖަލު ހުކުމެއްގެ ވާހަކަ ހެއްޔެވެ؟ އިމްރާންގެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންގޮސް މާފުށީ ޖަލުގައި ކުރިއަށް ގެންގޮސް ނިންމާލީބާއެވެ؟ ނުވަތަ މަޖިލީހުގައި ވިދާޅުވީ ފެނިވަޑައިގެންނެވި ހުވަފެންޕުޅެއްގެ ވާހަކަ ހެއްޔެވެ ؟
އެސްއީޒެޑް ބިލް ފާސްވުމުން ޕީޕީއެމުން އުފާފާޅުކުރި ދުވަހު، އެސްއީޒެޑް ބިލެއް އުފެއްދި ސަރުކާރަކަށް މަތިންދާބޯޓު ފަހަރުވެސް ރާއްޖޭގައި އުފެއްދިދާނެކަމަށް ވިދާޅުވި ބޭފުޅާ މިއަދު އެވަނީ ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ޝަރުޢީ ޙުކުމެއް އިއްވާފައިވާކަމަށް ވިދާޅުވެފައެވެ. މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯއެވެ؟