ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމަށް ޖަލުގައި ވެސް ސަލާމަތެއް ނެތް ކަމަށާއި އެކަމާއި ކަންބޮޑުވާކަމަށް އާއިލާއިން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ކާނަލް ނާޒިމްގެ އާއިލާގެ ބޭފުޅަކު ބުނި ގޮތުގައި ކުރިން ނާޒިމް ފްރޭމް ކުރީ ދަންވަރު ނިދާފައި އޮތްވައި ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ކަމަށާއި މިހާރު ކާނަލް ނާޒިމް އާއި ސިޔާސީ ކުށްވެރިންތަކެއް ހައްޔަރުކޮށްފައި ހުރި އެޕާޓްމެންޓުން "އެއްޗިހިތަކެއް" ފެނުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
" ކުރިން ފިސްތޯލަ ހޯދީ ނިދާފައި އޮތްވައި ގޭތެރެއަށް ވަދެ. މިހާރު ޖަލުގައި ބަންދުކޮށްފައި ހުއްޓައި އެބުނާ "އެއްޗިހިތަކެއް" ފެނިގެން މިއުޅެނީ." ނާޒިމްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ބުންޏެވެ.
"އެއްޗިހިތަކެއް" ފެނިފައިވާކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ ،ކާނަލް ނާޒިމާއި ޝެއިޚް އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ މަޖިލިސް މެންބަރ އަހްމަދް ނާޒިމާއި އަދި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތް އިބްރާހިމްކިލެގެފާނު ބަންދުކޮށްފައި ތިބި ހިންމަފުށީ ޖަލުގެ ޔުނިޓުންނެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ކާނަލް ނާޒިމް ދޫނިދޫގައި ބަންދުކޮށްފައި ހުރި ގޮޅި ވެސް ފުލުހުން ވަނީ ފާސްކޮށްފައެވެ. އެފަހަރު އެ ގޮޅި ފާސްކުރި އިރު ވީޑިއޯ ވެސް ކޮށްފައިވެއެވެ. ނަމަވެސް މިފަހަރު ނާޒިމް އާއި އިތުރު ސިޔާސީ ކުށްވެރިންތަކެއް ތިއްބެވި ޖަލުގެ ޔުނިޓް ފާސްކުރި އިރު ވީޑއޯކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުވެފައެއް ނުވެއެވެ.
ކާނަލް ނާޒިމް ބަންދުކޮށްފައި ހުންނަވާ އެޕާޓްމެންޓުން "އެއްޗހިތަކެއް" ފެނިފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާއިރު، ނާޒިމްގެ ކޮއްކޮ އާޒިމް އާއި ދޮށީ ދަރިކަނބަލުން ވަނީ އިންޑިއާ އަށް ވަޑައިގެން އިންޑިޔާގެ ބައެއް ސިޔާސީ ބޭފުޅުންނާއި ވަނީ ބައްދަލުކޮށް އާއިލާގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިގޮތުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް ކޮމިޓީގެ ޗެއާ ޑރ. ޝާޝީ ތަރޫރް އާއި ވެސް ވަނީ ބައްދަލުކޮށްފައެވެ.