އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލައެވެ. ކުރިން އަންގާލުމަކާއި ނުލައި ކަރަންޓު ކެނޑުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވުމަކީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަކެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ނަފްރަތު އަމާޒުވެގެންދާ އެއް ބަޔަކީ، އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި މަސައްކަތް ކުރަމުންދާ ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނެވެ.
ކޮންމެ ދުވަހަކު ހެން އާންމުންގެ ފަރާތުން މަލާމާތާއި ނަފްރަތުގެ ބަސްތައް އެމީހުންނަށް އަމާޒުވަމުން ދެއެވެ. އާންމު ރައްޔިތުން އެކަންޏެއް ނޫނެވެ. ފެނަކަ ކޯޕަރޭޝަނުގެ މާލޭ އޮފީހުގައި ތިއްބަވާ އިސްވެރިން ވެސް އެ މުވައްޒަފުންނަށް މަލާމާތް ކުރައްވަމުން ގެންދަވަނީއެވެ. ނުވިތާކަށް، މުވައްޒަފުން އަމިއްލައަށް "ކަރަންޓު ކަނޑާލަނީ" ކަމަށާއި "އިންޖީނުތަކަށް މައްސަލަ ޖައްސަނީ" ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެސް ކުރަނީއެވެ.
ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންގެ ފަރާތުން މީޑިޔާތަކަށް އިންޖީނުގޭގެ އެއްވެސް ކަމަކާއި ބެހޭގޮތުން މައުލޫމާތުދީފި ނަމަ ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ބުނެ ދީފައިވާ އިންޒާރުތަކާއި އެކު ވެސް އެތަނުގެ ބައެއް މުވައްޒަފުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް 'އައްޑޫލައިވް' އާއި ހިއްސާކޮށްފައެވެ.
އެންމެ މިނިޓަކަށް ވެސް ކަރަންޓު ކެނޑިފައި އޮންނާކަށް ބޭނުމެއް ނޫން !
އައްޑޫ އިންޖީނުގޭގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ފަރާތަކުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި އައްޑޫ އިން އެންމެ މިނިޓަކަށް ވެސް ކަރަންޓު ކެނޑިފައި އޮންނަން އެމީހުން ބޭނުން ނުވާކަމަށެވެ. އަދި އިންޖީނުގޭގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ އަމިއްލަ މަސައްކަތެއް ކަމުގައި ދެކިގެން ކަމަށެވެ.
" މި މަސައްކަތް މިކުރަނީ އަމިއްލަ ކަމެއްގެ ގޮތުގައި. މިތަނުގައި މަސައްކަތް ކުރާ އައްޑޫގެ އެއްވެސް މީހަކު ބޭނުމެއް ނޫން އެންމެ މިނިޓަކަށް ވެސް ކަރަންޓު ކެނޑިފައި އޮންނާކަށް. ކަރަންޓު ކެނޑުނީމާ ގެއްލުން ވަނީ އުނދަގޫ ވަނީ ފަރަންޖީންނަކަށް ނޫން ހަމަ މި އައްޑޫ މީހުންނަށް" އައްޑޫ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.
މީގެ އިތުރުން 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެހެން މުވައްޒަފެއްގެ ވާހަކައިން އެނގުނު ގޮތުގައި މިދިޔަ ރޯދަ މަހުގެ ތެރޭގައި ކަރަންޓު ކަނޑައިގެން ދިޔަ ދުވަހަކު އިންޖީނުގޭގެ މުވައްޒަފެއްގެ ގޭގައި ހުރި ޓީވީއެއް ހަލާކުވި ކަމަށެވެ.
މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެރިން އިސްކަމެއް ނުދޭ
ދިވެހިރާއްޖޭގެ ވަޒީފާ އާޢި ބެހޭ ޤާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މުވައްޒަފުންގެ އަތުން، އެއްވެސް އުޖޫރައެއް އެކަމަށް ނުނަގައި، ވަޒީފާ އަދާކުރާ ތަނުގައި، މަސައްކަތްކުރާ މުވައްޒަފުންގެ ޞިއްޙަތަށާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، ވަޒީފާދޭ ފަރާތުން އަޅަންވާނެއެވެ. އޭގެ ތެރޭގައި ކުރާ މަސައްކަތުގެ ބާވަތުން، ސިއްހަތަށް ގެއްލުންހުރި ކަންތައްތައް މަސައްކަތްކުރާ ތަނުން ނައަތާނުލެވޭނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ، އެފަދަ ނުރައްކަލުން ސަލާމަތްވުމަށް ބޭނުންކުރާނެ ރައްކާތެރި ހެދުމާއި ތަކެތި ހޯދައި ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އައްޑޫ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުން ބުނާގޮތުގައި އެތަނުގެ ހުރިހާ މުވައްޒަފުންނަށް ވާ ވަރަށް ހެލްމެޓާއި، ބޮއިލަރު ސޫޓް އަދި ސޭފްޓީ ބޫޓްތައް ވެސް ހަމައެއް ނުވެއެވެ. އެކަމުގެ ޝަކުވާ އިސްވެރިންގެ އަރިހުގައި އެތައް ފަހަރަކު ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް މުވައްޒަފުން ބުނެއެވެ.
" ޝަކުވާކުރަން ފެށުމުން ގެނެސްފި ބޮއިލަރު ސޫޓްތަކެއް ވެސް. އެކަމަކު މިތާ އިންޖީނެއްގެ މަސައްކަތް ކުރާއިރު، އެންމެން ވެސް އެބަޖެހޭ އެކަމުގަ އުޅެން. އެންމެ 6 ބޮއިލަރު ސޫޓް މިއޮތީ. ސޭފްޓީ ޝޫޒް ވެސް ހަމައެއް ނުވޭ " މުވައްޒަފަކު ބުންޏެވެ.
" ވާހަކަ ދައްކަން ޖެހިއްޖެއްޔާ ދެއްކިދާނެ ކިތަންމެ ވާހަކައެއް ވެސް. މިއުޅެނީ މަސައްކަތް ކުރާ ގަޑީގައި ބޯނެ ސާފު ފެން ފޮދެއް ނުލިބިގެން. މިއޮތްހާ ދުވަހު ފެން ބުއީ މިތާ ފުރާޅުން ފެންނަގައިގެން. ތިބޭފުޅުން ވަޒަންކޮށްލައްވާ އިންޖީނުތަކުން އަރާ ދުމުން ތަޢައްޔަރުވެފައިވާ ފުރާޅަކުން ނަގާ ފެނުގެ ފެންވަރު " އެހެން މުވައްޒަފަކު ބުންޏެވެ.
'އައްޑޫލައިވް'ގެ ފަރާތުން ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހުގެ އިސްވެރިއެއްގެ ފަރާތުން ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް، ބައެއް ބޭފުޅުންގެ މަސައްކަތް ހުރި ގޮތުން "ބިޒީ" ކަމަށް ބުނެ މައުލޫމާތު ދޭން ވަނީ ދެކޮޅު ހަދާފައެވެ.
އައްޑޫގެ ރައްޔިތުންނަށް މުވައްޒަފުންގެ އިލްތިމާސެއް
" އަޅުގަނޑުމެން އަސްލު ވަރަށް ދެރަވާ ކަމެއް އައްޑޫގެ ބައެއް ރައްޔިތުން ރުޅިވެރިކަމުގެ ބަސްތައް ރައްދުކުރާ ކަމީ. ހަޤީޤަތުގައި ޒުހެއިރުގެ މައްސަލައެއް ވެސް ނޫން މީކީ. އެބޭފުޅާ ވެސް ހުންނަނީ މާލޭގެ އޯޑަރުތައް ތަންފީޒުކުރަން. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު މަސައްކަތެއް ނުކުރާނެ ގަސްތުގައި އިންޖީނެއް ހަލާކު ކުރަން. މި ޔަޤީންކަން އަޅުގަނޑުދެން" މުވައްޒަފުންގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ އެހުމުން މުވައްޒަފަކު ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫ އިންޖީނުގޭގެ މުވައްޒަފުން ބުނާގޮތުގައި، ފެނަކައިގެ ނިންމުންތަކާއި ގުޅިގެން އެތަނުގައި ތިބި މީހުންނާއި ޒާތީ ގޮތުން ޖައްސާލުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ އާންމު ރައްޔިތުން ވެސް ޒާތީ ނުވެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރުމަށް. "