Last Updated: November 24, 09:26
Sunday, November 24, 2024
ޚަބަރު

ހެރެތެރެ ރީބްރޭންޑްކޮށް “ކެނެރީފް ރިސޯޓް މޯލްޑިވްސް” އަށް

ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ “ކްރެސެންޑާސް ހޮސްޕިޓަލިޓީ މެނޭޖްމެންޓް” އާ ދިވެހި ކުންފުންޏެއް ހިއްސާވެގެން އައްޑޫ ސިޓީގައި ހިންގަމުން އަންނަ “ހެރެތެރަ އައިލެންޑް ރިސޯޓް” ރީބްރޭންޑް ކޮށް އެ ރިސޯޓުގެ ނަން “ކެނަރީފް ރިސޯޓް މޯލްޑިވްސް” އަށް ބަދަލުކޮށްފިއެވެ.

ހަތަރު ތަރީގެ މި ރިސޯޓް ރީބްރޭންޑް ކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ރޭގެ ރަސްމިއްޔާތގައި ވާހަކަ ދައްކަވަމުން މިނިސްޓާ ސައީދު ވިދާޅުވީ އެ ރިސޯޓްގައި ވީހާ ވެސް ގިނަ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި އެ ކުންފުނިން އިންވެސްޓްކުރަން ނިންމި ނިންމުމަކީ ވަރަށް ފުރިހަމަ ނިންމުމެއްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކްރެސެންޑާސް ކުންފުނީގެ ޗެއާމަން ލޯރެންސް ލިއޯ ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ގުޅިގެން އިގްތިސާދީ ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ.

ކެނަރީފް ރިސޯޓް މޯލްޑިވްސް ތަރައްގީ ކުރުމުގެ މަޝްރޫއު ބަހާލާފައި ވަނީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި މި ރިސޯޓުގެ ކޮޓަރިތައް އިތުރަށް ތަރައްގީކޮށް، މިހާރު ދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ކޮޓަރި އިތުރުކޮށް ވޯޓާ ބަންގަލޯ ތައާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގާތްގަނޑަކަށް 4.5 ކިލޯމީޓަރުގެ މި ރިސޯޓަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ދިގު ރިސޯޓެވެ. މީގެ ކުރިން ހެރެތެރެ ރިސޯޓް ހިންގަމުން އައިސްފައިވަނީ “މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން” (އެމްޓީޑީސީ) ގެ ދަށުންނެވެ. ނަމަވެސް 2014 ވަނަ އަހަރު އެ ކުންފުނިން ވަނީ އެ ރިސޯޓް 33.33 މިލިއަން ޑޮލަރު ނުވަތަ 513 މިލިއަން ރުފިޔާއަށް ވިއްކާލާފައެވެ.