ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި ނައިބު ރައީސް އަހްމަދް އަދީބް މަސައްކަތް ކުރަމުން ގެންދާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދިން ގޮތުގައި އެމްޑީޕީގެ ތާޢީދު ހޯދުމަށް ނައިބު ރައީސް އަދީބު އާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ އިއްޔެ ރޭ ދަންވަރު ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ.އަދި އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް 29 މެންބަރެއްގެ ސޮއި ވެސް ހޯދާފައިވާކަމަށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މެންބަރު ވަނީ ވިދާޅުވެފައެވެ.
" ނޯ ކޮންފިޑެންސް ނެގުމަށް 29 މެންބަރުންގެ ސޮއި ހަމަކުރި.އިއްޔެ ރޭގެ މަޝްވަރާތަކާއި ބެހޭގޮތުން އިދިކޮޅު މެންބަރަކު ވަނީ ރައީސް ޔާމީނާއި ބައްދަލުކޮށް އެވާހަކަތައް ކިޔާދީފައި. " މެންބަރު ވިދާޅުވިއެވެ.
މަޖިލިސް މެންބަރު އިތުރަށް ވިދާޅުވި ގޮތުގައި ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާއި ބެހޭގޮތުން ކުރި މަޝްވަރާތަކުގެ ވާހަކަ އިދިކޮޅު މެންބަރަކު ވަނީ ރައީސް ޔާމީނާއި ބައްދަލުކުރައްވައި ހިއްސާކުރައްވާފައެވެ. ރައީސް ޔާމީނަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދަން މަސައްކަތް ކުރާކަން އެނގިވަޑައިގެންފައިވާއިރު އެ މައްސަލަ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޕެޓިޝަންގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ގިނައިން އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް ސަބަބު ބަޔާންކޮށް މަޖިލީހަށް ޤަރާރެއް ހުށައެޅޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއި އެކުގައެވެ. މިހާރު މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަލާއިރު އެއީ 29 މެންބަރުންނެވެ.
ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގެމަށް އަދީބު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ދާދިފަހުން މީޑިޔާއަށް ދިން އިންޓަވިއުއެއްގައި އަދީބު ވަނީ "ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގައި ހުންނަވާނެ" ކަމަށް ވިދާޅުވެފައި ކަން ފާހަގަކޮށްލެވެއެވެ.