ސ. ހުޅުމީދޫގައި ޤާއިމްކުރާ ހައިކޯޓުގެ ދެކުނު ގޮފީގެ މުވައްޒަފުން ހަމަޖެއްސުމަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް (އޮކްޓޫބަރު 9 ން 11 ށް) މީދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދިޔަ އިންޓަވިއު ޕެނަލްގައި،ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ ޚިލާފަށް ސިޔާސީ އެކްޓިވިސްޓެއް ބައިވެރިކުރި މައްސަލަ ފެންމަތިވެއްޖެއެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މި އިންޓަވިއު ޕެނަލްގައި ހިމެނިފައިވާ ސިޔާސީ ބޭފުޅަކީ ހައުސިންގ މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ މުހައްމަދު ޖަމީލް އެވެ. ޖަމީލް އަކީ ހައުސިން މިނިސްޓްރީން ހުޅުމީދޫގައި ގާއިމް ކުރި އޮފީހުގެ ކޯޑިނޭޓަރއެވެ. އަދި އެ މަގާމަކީ ސިޔާސީ މަގާމެކެވެ.
ޖަމީލަކީ މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ރައީސް ކަމުގެ ދައުރުގައި ހުޅުދޫގެ ބޮޑުކަތީބުކަން ކުރެއްވުމަށް ފަހު، ހުޅުދޫ އޮފީހުގެ ސިވިލް ސަރވިސް މަޤާމެއްގައި ހުންނަވަނިކޮށް 65 އަހަރު ފުރިގެން ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅެކެވެ.ޖަމީލް ފަދަ ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅަކު މި އިންޓަވިއު ޕެނަލްގައި ހިމެނުމަކީ ޝަރުޢީ ދާއިރާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، ޝަރުޢީ ދާއިރާ އަށް މުވައްޒަފުން ހަމަޖެއްސުމުގައިވެސް ސިޔާސީ ނުފޫޒު އޮތްކަން އެނގިގެންދާ ކަމެއް ކަމުގައި ބައެއް އާންމު ރައްޔިތުން ފާހަގަކުރެއެވެ.
"މި ރަށުގައި އެބަތިބި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ އިސްވެރިން ވެސް ސިޔާސީ ދާއިރާގައި މަސައްކަތްނުކުރައްވާ. މި އިންޓަވިއު ޕެނަލްގައި ބައިވެރިކުރާނެ ޝަރުޢީ ދާއިރާގެ ބޭފުޅަކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުލިބުނު ކަމަށް ވަންޏާ ކީއްވެ ސިޔާސީ ނޫން މީހަކު ބައިވެރިނުކުރީ" ހުޅުމީދޫގެ ރައްޔިތަކު ބުންޏެވެ.
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 83 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އިންޓަވިއު ޕެނަލްގައި ސިޔާސީ މަޤާމެއް އަދާކުރަމުންދާ މީހަކު، ނުވަތަ ސިޔާސީ ޙަރަކާތްތެރިއަކު ހިމެނައިގެން ނުވާނެ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ހައިކޯޓުގެ ދެކުނު ގޮއްޕަށް މުވައްޒަފުން ހޯދުމަށް ކުރި އިޢުލާނުގައިވާ މަޤާމްތަކުގެ ތެރެއިން 7 މަޤާމަށް ޖުމްލަ 90 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.