އައްޑޫ ސިޓީގައި ރައްކާތެރިކަން ދަމަހައްޓައި ރައްޔިތުންގެ މެދުގައި އަމާން ވެއްޓެއް ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނާ އެމްއެންޑީއެފް ސަދަން އޭރިޔަގެ ސިފައިން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އައްޑޫގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ސިފައިންގެ ޙަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
މީގެ އިތުރުން ކުއްލި ޙާލަތްތަކުގައި އަދި ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ދެ ފަރާތުން ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
އައްޑޫގައި އަމާންކަން ޤާއިމްކޮށް ކުށުގެ ނުރައްކާ ކުޑަ ކުރުމަށް އައްޑޫ ސިޓީ ޕޮލިސްގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންގެ އޮޕަރޭޝަން ޓީމެއް ވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރާއި ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު އަދި އައްޑޫ ސިޓީ ކޮމާންޑަރު ޗީފް އިންސްޕެކްޓާ ހުސައިން ސަމީރު ބައިވެރިވެވަޑައިގަތެވެ.