Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ލިންކުރޯޑުގައި ހެދިފައި ހުރި ވަޅުގަނޑަކަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ލިންކް ރޯޑްގައި ހެދިފައިވާ ވަޅުގަނޑެއް. އައްޑޫލައިވް ފައިލް ފޮޓޯ

އައްޑޫ ސިޓީ ލިންކު ރޯޑުގައި ސައިކަލެއް ދުއްވާފައިދިޔަ މީހަކު، އެމަގުގައި ހެދިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ ސަބަބުން އަނިޔާވެެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫފޭދޫ އާއި ފޭދޫ ގުޅޭ ހިސާބުން ލިންކު ރޯޑުން ދަތުރުކުރަނިކޮށް ވަޅުގަނޑަކަށް ވެއްޓުނު މި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ވަޅުގަނޑަށް ވެއްޓި އަނިޔާވީ ފިރިހެނަކަށެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި އެ މީހާ ވެއްޓުނު ވަޅުގަނޑަކީ ފެންހެދިފަ ހުރި ވަޅުގަނޑެކެެވެ.

"ފެން ހެދިފައި ހުރުމުން ވަޅުގަނޑު ހުރިކަން އަސްލު ނޭނގުނީ. " އައްޑޫލައިވް އާއި ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ވިއްސާރަވުުމުން އެ ވަޅުގަނޑުތަަކަށް ފެން އެޅިފައި ހުންނަ އިރު ވަޅުގަނޑުގެ ފުން މިނެއް ވެސް ނޭނގެ" ލިންކު ރޯޑުގެ ހާލަތާއި ބެހޭ ގޮތުން ވަގުތު އައްޑޫއަށް މައުލޫމާތު ދެމުން އައްޑޫގެ ރައްޔިތަކު ކިޔައިދިނެވެ.

ހައުސިންގ މިނސްޓްރީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މޫސުން ރަނގަޅުވުމާއި އެކުގައި ލިންކު ރޯޑު މަރާމާތު ކުރުުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ގުޅިގެން ފަށާނެ ކަމަށެވެ.

ނަމަވެސް އައްޑޫ ލިންކް ރޯޑް މަރާމާތު ކުރަން 1.3 މިލިއަން ރުފިޔާ އަށް އެމްއާރުޑީސީ އާއި ހަވާލުކޮށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ހައުސިންގ މިނިސްްޓްރީ އާއި އެމްއާރުޑީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި ނަމަ ވެސް ލިންކް ރޯޑް މަރާމާތު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން ކަން ފާހަގަކޮށްލެވެއެވެ.

އެމްއާރްޑީސީ އާއި ލިންކް ރޯޑް މަރާމާތު ކުރުމުގެ މަަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 3 މަސް ދުވަސް ތެރޭގައި އެމަސައްކަތް ނިންމާ ގޮތަށެވެ. އެހެން ނަމަވެސް ވެލިމަގުތައް އެއްވަރު ކުރުމާއި ލިންކުރޯޑުގެ ކުރެހުުުމުގެ މަސައްކަތުގެ އިތުރުން އެހެން މަސައްކަތްތަކެއް ލިންކުރޯޑުގައި ކުރިއަށް ދާ މަންޒަރެއް ނުފެނެއެވެ.

މިކަމާއި ގުޅިގެން އެމްއާރުޑީސީ ގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މި ދުވަސްވަރު އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވެސް ވިއްސާރަކުރަމުންދާ އިރު އައްޑޫގެ ގިނަ މަގުތަކުގައި ފެންގަނޑުތައް ހެދުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.