ނައިބު ރައީސް އަހްމަދު އަދީބު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުން ފަސްކުރައްވައިފި އެވެ.
ކުރިން ނައިބު ރައީސް އެނބުރި ވަޑައިގަތުމަށް ހަމަޖައްސަވާފައި އޮތީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ނައިބު ރައީސް އެނބުރި ވަޑައިގަަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ނައިބު ރައީސް މި މަހުގެ 13 ވަނަ ދުވަހު ޗައިނާ އަށް ވަޑައިގަތީ ރާއްޖޭގެ އިންވެސްޓެމެންޓް ފޯރަމް ހުޅުވުމަށާއި ސިލްކް ރޫޓާބެހޭ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ކުރިން ވަޑައިގަތުމަށް ހަމަޖައްސަވާފައި އޮތީ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް އެ ދަތުރުފުޅަށް ރައީސް ވަޑައިނުގެން އަދީބު ފޮނުއްވީ، ސެޕްޓެމްބަރު 28 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެންނެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ނައިބު ރައީސް މިހާރު ހުންނެވީ ސިންގަޕޫރުގަ އެވެ. ނަމަވެސް ސިންގަޕޫރަށް ވަޑައިގަތީ ކީއްކުރައްވަން ކަމެއް އަދި ނޭނގެ އެވެ. ނައިބު ރައީސް ޗައިނާއިން ސިންގަޕޫރަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް، ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާނު ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ބޭސްފަރުވާ އަކަށް ކަމަށް ބުނެ ހުސައިން ވަހީދު ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އޭނާ އަށް ނޭނގި ފުލުހުންގެ ބައެއް ތަހުގީގްތައް ކުރިއަށް ގެންދާ ކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ.
ލޯންޗްކޮޅުގެ މައްސަލަ ރައީސް ޔާމީން އެކުލަވާލާފައިވާ ޙާއްސަ އިންކުއަރީ ކޮމިޝަނަކުން ތަހްގީގުކުރަމުންދާއިރު، މެމްބަރު ނިހާނު ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް ނޭނގެ އެވެ.
ލޯންޗްކޮޅު އެއްޗެއް ގޮއްވާލި މައްސަލައާގުޅިގެން، ސަރުކާރަށް ތާއިދުކުރާ ބައެއް ފަރާތްތަކުން އަދީބަށް ތުހްމަތުކުރެއްވި ނަމަވެސް، އެ މައްސަލަ ތަހްގީގުކުރާ ނެޝަނަލް އިންކުއަރީ ކޮމިޝަނުގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ މައްސަލަ އެއްވެސް މީހަކަށް އަދި ތުހްމަތު ނުކުރާ ކަމަށެވެ. އަދި ލޯންޗްގެ ހާދިސާ އާއި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތްކަމަށް އަދީބު ވެސް ވަނީ ވިދާޅުވެފައެވެ.