ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލަކު ދިރިއުޅުއްވާ ގ. ހުމަށީގެ އާއި ރެހެނދި 2 ފްލެޓްގެ ސީސީޓީވީ ކެމެރާގެ ފްޓޭޖްތައް ގެންގޮސްފި އެވެ.
ގ.ހުމަށީ ގޭގެ ސީސީޓީވީ ފުޓޭޖް ފުލުހުން ގެންދިޔަކަން ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އޭގެގެ ސީސީޓީވީ ފުޓޭޖް ހޯދަން ފުލުހުން ދިޔަކަމަށާއި ގެންދިޔަ ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ގ.ހުމަށީ ގެއަށް ފުުލުހުން ވެދެ ސީސީޓީވީ ފްޓޭޖްތައް ގެންދިޔައިރު ނައިބު ރައީސް މިވަގުތު ހުންނެވީ ސިންޕޫރުގައެވެ.
ރިއާސީ ލޯންޗުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ނައިބު ރައީސާ ގުޅުން ހުރި ބައެއް ތަންތަން ބަލައިފާސްކޮށް ބައެއް ތަންތަނުގެ ސީސީޓީވީ ފުްޓޭޖް ވަނީ ގެންގޮސްފައެވެ.
އޭގެ ތެރޭގައި އަދީބުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާމިދު އިސްމާއީލް (ގަލްފް ކްރާފްޓް ހާމިދު) އުޅުއްވާ މ. ޝުރާމަންޒިލް އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ނިހާން ދިރިއުޅުއްވާ ހ. މޫންލިޓްވިލާގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތަކާއި އަދީބުގެ ގާތް ބޭފުޅެއްކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އުޅުއްވާ ހ. ހިޔާކޯޅި އާއި އެމްއެމްޕީއާރްސީގެ އޮފީސް ހިމެނެ އެވެ.
ފިނިފެންމާގައި ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ވަރަށް ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި ނައިބު ރައީސަށް ދިއްކުރަމުން އަންނަ އިރު އަދީބު ވަނީ އެކަން ދޮގު ކުރައްވާ ދިފާއުގައި ދެފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައެވެ.
ޗައިނާގެ ސިލްކްރޫޓް ނިންމުމުގެ ރަސްމިއްޔާތަށާއި އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އަދީބު މާލެ ވަޑައިގަންނަވަން އޮތީ މިއަދު އެވެ. ނަމަވެސް މިވަގުތު ސިންގަޕޫރުގައި މަޑު ކުރައްވައިގެން ހުންނެވިއިރު އަޑުތައް ފެތުރިފައި ވަނީ އެމަނިކުފާނު މާލެ ވަޑައިގަންވަނީ މި މަހުގެ 24 ގައި ކަމަށެވެ. އަދީބު ސިންގަޕޫރުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މެޑިކަލް ލީވެއް ނަންގަވައިގެން ކޮމިޝަނާ އޮފް ޕޮލިސް ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.