ވެރިކަމަށް އައުމަށްޓަކައި ކުރާ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް މަޤާމްތައް ހަމަޖެއްސުމާއި ތަފާތު އެކި މަންފާތައް ހޯދައި ދިނުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހިނގަމުންދާ ކަމެކެވެ. އަދި ވަކިން ޙާއްސަ ގޮތެއްގައި ދިވެހިރާއްޖޭގައި މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
މިދެންނެވި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަށް ފަޅު ރަށްތައް ދިނުމާއި، ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ހަވާލު ކުުރުމުގެ އިތުރަށް ސަރުކާރުގެ އެކި އޮފީސްތަކުން މަޤާމްތައް ހަމަޖައްސައެވެ. މީގެ ތެރެއިން ވެސް ރާއްޖެއަށް ބަލާއިރު އެންމެ އަޅައިގަންނަ ސިޔާސީ މަޤާމަކީ ކޯޑިނޭޓަރުންގެ މަޤާމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ މާއްދާތަކުގެ ތެރެއިން 115 ވަނަ މާއްދާ ވެގެން ދާނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އެންމެ ރަގަޅަށް ހަނދުމަފުޅު ހުންނަވާނެ މާއްދާކަމުގައެވެ. 115 މާއްދާގެ (ޅ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިހާތަނަށް 50 އަށް ވުރެ ގިނަ ކޯޑިނޭޓަރުން އެމަނިކުފާނު ވަނީ އައްޔަން ކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޯޑިނޭޓަރުންގެ ޢަދަދު 50 އާއި ގާތްކުރާއިރު އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބްގައި އެމަނިކުފާނުގެ ކެމްޕެއިންގައި ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތްތަކެވެ. ތަޢުލީމީ ގޮތުން ބަލާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އޯލެވެލް ފެންވަރުގެ މީހުންނެވެ. އެހެން ނަމަވެސް ފުރަތަމަ ޑިގްރީ ފުރިހަމަ ކޮށްފައި ތިބޭ ސިވިލް ސާވެންޓުންގެ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެއް އެމީހުންނަށް ދެމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.
އެންމެ ގިނަ އަދަދަކަށް ކޯޑިނޭޓަރުން ތިއްބަވާ ޔޫތް މިނިސްޓްރީގައި ތިއްބެވި ކޯޑިނޭޓަރުންގެ ތެރޭގައި ހިމެނެނީ ޔޫތް މިިނިސްޓްރީގައި ފިލްމީ ތަރިންނާއި ނެށުންތެރިންނާއި ފިލްމާއި ލަވަ ޑައިރެކްޓު ކުރާ ފަރާތްތަކާއި އަދި ކުރީގެ ކުޅިވަރު ކުޅުންތެރިންނެވެ. އެމީހުންގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ލިބެނީ ކޮން ކަހަލަ މަންފާތަކެއް ކަމެއް ނޭނގެއެވެ.
ކޯޑިނޭޓަރަކަށް 15000 ރުފިޔާއަށް ވުރެ މަދު ނޫން މުސާރައެއް ލިބޭއިރު އެގްޒެކެޓިވް ކޯޑިނޭޓަރަކަށް -/25000 ރުފިޔާ އާއި -/18000 ރުފިޔާއާއި ދެމެދުގެ އަދަދެއް ލިބޭ ކަމަށް ވެއެވެ. ހަމައެކަނި ޔޫތް މިނިސްޓްރީއަށް ހަމަޖައްސަވާފައި ތިބި ކޯޑިނޭޓަރުންނަށް ބަލާއިރު މަހެއްގެ މައްޗަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެގެން ދާއިރު އެއީ އަހަރެއްގެ މައްޗަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، ލޯންޗް ހާދިސާއަށް ފަހު ސަރުކާރަށް ކުރިމަތިވެފައިވާ ޕްރެޝަރާއި އެއްވަރުގެ ޕްރެޝަރެއް ކޯޑިނޭޓަރުންގެ ފަރާތުން ވެސް ކުރިމަތިވެފައިވާ ކަމަށެވެ.
" ކޯޑިނޭޓަރުންގެ ކޯޅުމަކީ ވެސް ރައީސް ޔާމީނަށް މިވަގުތު ކުރިމަތިވެފައިވާ ޕްރެޝަރެއް. ރައީސް ޔާމީނަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ކޯޑިނޭޓަރުންގެ މަސައްކަތަކީ ޓްވިޓާގައި ޒުވާބުކުރުން"، އޮފިޝަލް ބުންޏެވެ.
ސޯޝަލް މީޑިޔާގައި ބައެއް ކޯޑިނޭޓަރުންގެ ފަރާތުން ފެންނަމުން ދަނީ، "އައި ސްޓޭންޑްވިތްރައީސްޔާމީން" ނުވަތަ "އައިސްޓޭންޑްވިތްއަދީބް" ލިޔުއްވައިގެން ތިބެ ޓްވީޓް ކުރައްވަމުން ގެންދަވާތަނެވެ. ކޯޑިނޭޓަރުންގެ މަސައްކަތަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަގު ވައްޓާލުން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ބައެއް ކޯޑިނޭޓަރުންގެ ބަސްމަގު ހުރިކަން ފާހަގަކޮށްލެވެއެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ކޮންމެ މަހަކު ވެސް ކޯޑިނޭޓަރުންގެ މުސާރައާއި އެލަވެންސްތަކަށް ޚަރަދު ކުރަމުން ގެންދާއިރު، އެމީހުންގެ ފަރާތުން ރައީސް ޔާމީނަށް އޮތީ ކޮން ފާއިދާއެއް ތޯއެވެ ؟ ހުރިހާ ކޯޑިނޭޓަރުން ވަކި ކުރުމަށް ފަހު އެ ފައިސާ ރާއްޖޭގައި ތިބި ނިކަމެތިންނަށް ބައްސަވާ ނަމަ ވެސް ރައީސް ޔާމީނަަށް ކޯޑިނޭޓަރުންގެ ސަބަބުން އަމާޒުވާ ސިޔާސީ ރުޅިވެރިކަމުގެ ބަދަލުގައި ތައުރީފުގެ ބަސްތަކެއް ވެސް ލިބުން އެކަށީގެންވެއެވެ.