Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރ މުންދު ގޭގައި މަޑުކުރަން އަންގައިފި

މުންދު އާއި ނައިބު ރައީސް އަދީބް. ފޮޓޯ: ހަވީރު އޮންލައިން

ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފު (މުންދު) ގޭގައި މަޑުކުރަން އަންގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގައި މަޑުކުރުމަށް އެބޭފުޅާއަށް އަންގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މުންދު ކުރި ޓްވީޓެއްގައި ވަނީ، "އާދީއްތަ ދުވަހު އޮފީހަށް ނުނިކުންނެވުމަށް އަންގާފައިވާތީ އެހެންވެ މަޤާމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އުފާކުރާ ކަމަށް ވެސް ޓްވީޓްގައި ވެއެވެ.

މުންދު އަށް ގޭގައި މަޑުކުރުމަށް އަންގާފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މައުމޫނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް އުޅުއްވުމަށްފަހު ރައީސް ވަހީދުގެ ސަރުކާރުގައި ޔޫތު މިނިސްޓަރ ކަން ކުރެއްވި މުންދު އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރުގެ ދަރިކަލެކެވެ. މުންދު ގެއަށް ފޮނުވާލާފައިވާއިރު، ނައިބު ރައީސް އަހުމަދު އަދީބު ކުރިން ފުރުންވަމުން ގެންދަވާ އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާގެ މަގާމުން ވެސް ވަނީ ވަކި ކުރައްވާފައެވެ.