ދިވެހިންގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތައް ގާނޫނު އަސާސީއަށް ގެނައި ކުއްލި އިސްލާހު ވެގެން ދިޔައީ ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކަށް މާބޮޑު މައްސަލައަކަށް ނުވި ނަމަވެސް އާންމު ރައްޔިތުން ވަރަށް ކަންބޮޑުވި މައްސަލައަކަށެވެ. ދިވެހިންގެ ބިން ފޮތިކޮށް ބޮޑެތި މަހުޖަނުންނަށް ގަނެވޭނެ އުސޫލަށް ކަންކަން ބަދަލުކޮށްލުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ޙާއްސަގޮތެއްގައި އެ އިސްލާޙް ފާސްކުރުމަށް ވޯޓު ދެއްވި މަޖިލީހުގެ މެންބަރުންނަށެވެ.
ރައްޔިތުންގެ މަޖިލިހުން މި އިސްލާހް ފާސްކޮށްފައިވަނީ ވަރަށް ތަނަވަސް އަޤުލަބިއްޔަތަކާއި އެކުގައެވެ. ސަރުކާރަށް ތާޢީދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ވެސް ވޯޓާއި އެކުގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ސަރުކާރާއި ދެކޮޅަށް ވަރުގަދަ ހަރަކާއްތަކެއް ހިންގަމުން ދިޔަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް އެ އިސްލާޙު ފާސްކުރުމަށް ވޯޓް ދިނުން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމެއްގެ ގޮތުގައެވެ. އެއްބަޔަކު ސިފަކުރި ގޮތުގައި އެމްޑީޕީގެ މެންބަރުން ސަރުކާރާއި އެކު ޑީލް ހެއްދެވީ އެވެ.
އެމްޑީޕީގެ އިސްވެރިންގެ އަމާޒު ހުރީ ކޮންމެ ގޮތަކަށް ހަދާފައި ވެސް ރައީސް ނަޝީދު މިނިވަން ކުރުން ކަމަށްވާތީ އެ އިސްލާޙް ފާސްކުރަން ވޯޓު ދިނީ މަޖުބޫރީ ޙާލަތުގައި ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް، އެންމެ މީހެއްގެ ދިފާޢުގައި ޤައުމު ވިއްކާލަން ވޯޓް ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ހުށަހެޅުނު އިސްލާޙަށް ވޯޓު ދިނީ ރައީސް ނަޝީދު މިނިވަން ކުރަން ބޭނުންވެފައި ތިބިވަރުން ކަމަށެވެ.
"އެމްޑީޕީގެ ހަރަކާތްތައް ފެށީ ރައީސް ނަޝީދު މިނިވަން ކުރަން. އެހެންވީމާ ފަހަތަށް ޖެހެންވާ ޙާލަތްތަކުގައި ފަހަތަށް ވެސް ޖެހެންވާނެ. އެކަމަކު ސަރުކާރުގެ ފަރާތުން ފެނުނީ މަކަރުވެރިކަން." އޭނާ ބުންޏެވެ.
ސަރުކާރުން ހުށަހެޅި އިސްލާޙު ފާސްވެގެން ދިޔައީ އެއްވެސް ކަހަލަ ދެކޮޅު ވެރިކަމެއް ނެތި، ވަރަށް ތަނަވަސް އަޣްލަބިއްޔަތަކާ އެކުގައެވެ. ކުޑަގޮތަކަށް މަތިމަތިން ވާހަކަ ދައްކާލުމަށްފަހު އެ ބިލް މަޖިލީހުން ނުކުމެގެން ދިޔައީ ނުހަނު ފަސޭހަ ކަމާއެކީގައެވެ. ބިލަށް ދެކޮޅު ހެއްދެވީ އެންމެ 14 މެމްބަރުންނެވެ.
މަޖިލީހުގައި ވޯޓް ނެގުމުގެ ކުރިން، ރައީސް ނަޝީދު އެއްކޮށް ގޭބަންދަށް ބަދަލު ކުރުމަށް ސަރުކާރާއި އެއްކޮށް ވާހަކަ ދެކެވުނެވެ. އެމްޑީޕީ އިން އުއްމީދުކޮށްގެން ތިބީ ސަރުކާރުން ބޭނުންވި ގޮތަށް 'މިނިވަން50' ގެ ހަރަކާތްތަކަށް މުޒާހަރާ ކުރުން މެދު ކަނޑާލުމާއި ސަރުކާރުން ބޭނުންވި އިސްލާޙް ފާސްކޮށްދިނުމުން ރައީސް ނަޝީދު އެއްކޮށް ގޭބަންދަށް ބަދަލު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ކަންތައް ވެގެން ދިޔައީ އެމްޑީޕީ އިން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ.
ނަޝީދު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. 'އަނިޔާވެރިކަން' ނިންމަން ނިކުތް އެމްޑީޕީގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ދިޔައީއެވެ. ސަރުކާރަށް ވުރެ އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ރާއްޖޭގެ ބިންތައް ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތައް ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް ވޯޓު ދިން އެމްޑީޕީގެ މެންބަރުންނަށެވެ.
ރައްޔިތުން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އަމާޒުކޮށް "ޤައުމު ވިއްކާލި މެންބަރުން"ގެ ލަޤަބު ދިނެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އެ އިސްލާޙަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި ވަކި ވަކި މެންބަރުންނާއި ބައްދަލުކުރައްވައި ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ރައްޔިތުންގެ ރުޅިވެރިކަން އެ މެންބަރުންނަށް އަމާޒުވެފައި އެހެން ވިދާޅުވާ ވާހަކައަކުން މައިތިރިވާ ހިސާބުގައެއް ނޫނެވެ.
އެ މައްސަލައާއި ގުޅިގެން 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް މެންބަރުން ވަނީ ޕާޓީގެ ލީޑާޝިޕުގެ ފަރާތުން އެ މެންބަރުންގެ ދިފާއުގައި އެއްޗެއް ވިދާޅުނުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ކުރިމަތީގައި އެ މެންބަރުން "ކަތިލެވެމުންދާ" ކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރަސްމީކޮށް ސަރުކާރާއި އެކު އެމްޑީޕީ އިން ޑީލް ހެދި ކަމަށް އެއްބަސް ނުވި ކަމުގައި ވިޔަސް، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގެނައި އިސްލާޙަށް ވޯޓު ދިނީ ކީއްވެގެންކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއޮތީ ސާފުކޮށް ފެންނާށެވެ. އެކަމަކު ސުވާލަކީ އޭގެ ސަބަބުން އެމްޑީޕީއަށް ލިބުނީ ކޮން މަންފާއެއް ތޯއެވެ؟ ރައީސް ނަޝީދު އަދިވެސް ހުންނެވީ ޖަލުގައެވެ.