މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ “ރައްކާ” ރޯޑް ޝޯވް މި އަހަރު އައްޑޫގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.
“ފުރާނައިގެ ނުރައްކަލަށް: ރައްކާތެރި ދުވެލި ހިޔާރުކުރައްވާ” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ރޯޑް ޝޯވގެ ސްޕޮންސަޝިޕް އެގްރީމެންޓްގައި ފުލުހުންނާއި އެލައިޑް އިންސުއަރެންސާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ.
ފުލުހުންގެ ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދުއެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެއްވީ އެލައިޑްގެ ޖެނެރަލް މެނޭޖަރު މުޙައްމަދު އަޙްމަދު އާއި ކޮންސަލްޓަންޓް މާކެޓިން ނިއުޝާދު ޝަރީފެވެ.
މި އެގްރީމެންޓްގައި ސޮއި ކުރެއްވުމަށް ފަހު ނަވީން ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން މަގުމަތީގެ ހިނގާ އެކްސިޑެންޓްތަކާއި މަގުމަތީގެ ޤަވާއިދުތަކާއި ޤާނޫނުތައް ތަންފީޒްކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކު ރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއުޝާދު ވިދާޅުވީ ފުލުހުންނާ އެކު މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި އެކުންފުނިން ބައިވެރިވެފައިމި ވަނީ މިދިޔަ އަހަރުގެ ރޯޑް ޝޯއަކީ ވަރަށް ކާމިޔާބު ރަނގަޅު ހަރަކާތެއް ކަމަށް ފާހަގަވެފައިވުމާއި އައްޑޫގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އެކުންފުނީގެ ވެވެން އޮތް އެހީތެރިކަން ފޯރުދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މިފަދަ ކަމެއް ކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފެންނާތީ ކަމަށެވެ.
މި ހަރަކާތުގައި އައްޑޫގެ އެކި މުއައްސަސާތަކަށާއި އާންމު ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ މަހާސިންތާތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު މިހަރަކާތުގައި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުޑަކުދިންގެ ހަވީރަކާއި ސްކޫލު ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ރޯޑް ޝޯވް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 15-20 އަށެވެ.