ރެޑްބުލް އިން އިންތިޒާމްކޮށްގެން ފާއިތުވި ދެ އަހަރުވެސް ރާއްޖޭގައި ބޭއްވި ރެޑްބުލް ވިނިން 5 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހު މި މުބާރާތް ބާއްވަން ނިންމާފައި ވާއިރު، ރެޑްބުލް އިން ވަނީ މި އަހަރުގެ މުބާރާތް ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މި ފަހަރު މާލެއާއެކު، މި މުބާރާތުގެ ކޮލިފައިން ބުރުތައް ރާއްޖޭގެ 9 ސަރަހައްދެއްގައި ކުރިއަށް ދާއިރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ކޮލިފައިން މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ގައެވެ.
މިދިޔަ އަހަރުވެސް ރެޑްބުލް ވިނިން 5ގެ ކޮލިފައިން ބުރު ސ.ފޭދޫ އަދި ޏ.ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ރެޑްބުލް ވިނިން 5 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މި އަހަރުގެ ރެޑްބުލް ވިނިން 5 މުބާރާތުގެ ކޮލިފައިން ބުރުތަކާއެކު، މި މުބާރާތް ގާތްގަނޑަކަށް 2 މަސް ދުވަހަށް ދިގު ދެމިގެންދާނެ އެވެ.
މި އަހަރު ރެޑްބުލް ވިނިން 5 ގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ބްރެޒިލްގެ ސަންތޯސް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި މުބާރާތް 5 އޮން 5 މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ ރެޑް ބުލް ވިނިން 5 ގެ ގަވައިދުތައް ތަފާތެވެ. މި މުބާރާތުގައި ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހިމެނެ އެވެ. މި މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ވަގުތުން ދަނޑުން ބާލަން ޖެހުމެވެ.
މި މުބާރާތުގައި ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮންނައިރު ޓީމެއްގެ ކުޅުންތެރިން ހުސްވާ ހިސާބުން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.
ރެޑްބުލް އިން 2013 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްކުރި ރެޑްބުލް ވިނިން 5 މުބާރާތަކީ ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގައި 181 ޓީމަކުން ޖުމްލަ 905 ކުޅުންތެރިން ބައިވެރިވިއިރު، އެ މުބާރާތް ވެގެންގޮސްފައިވަނީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތަށެވެ.
މި އަހަރުގެ މުބާރާތުގެ ރެޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލާފައިވާއިރު، ރެޖިސްޓްރާކުރައްވާނީ www.redbull.com/winning5mdv އިންނެވެ.
ރެޑްބުލް ވިނިން 5 ގެ ކޮލިފައިންކުޅޭ ރަށާއި ތާރީހްތައް:
• ޏ. ފުވައްމުލައް – 30-31 ނުވެމްބަރު
• ސ. ފޭދޫ – 30-31 ނުވެމްބަރު