ދިވެހިރާއްޖޭގެ ނައިބު ރައީސް އަހްމަދް އަދީބު އަށް ތާޢީދު ކުރާ ފަރާތްތަކުން ބުނާގޮތުގައި އެމަނިކުފާނަކީ ކުރުމުއްދަތެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯއްދެވި ސިޔާސީ ލީޑަރެވެ. އެއީ އަދީބަށް ތާއީދު ކުރާ މީހުންގެ ވާހަކައެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ވަނީ އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތު ކުރަމުންނެވެ.
ނަމަވެސް އެއިން އެއްވެސް ކަމަކާއި "ގުޅުމެއް ނެތް" ކަމަށް ވިދާޅުވަމުން އަދީބު ގެންދެވީ ސަރުކާރުގެ ތެރޭގައި އެމަނިކުފާނުގެ ބާރު އޮތް މިންވަރު އާންމު ރައްޔިތުންނަށް ސާބިތުކޮށްދެމުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އަދީބުގެ "ގުޅުމެއް ނެތް" ސިލްސިލާއަށް މިވަނީ ނިމުމަކަށް އައިސްފައެވެ.
ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ވަޒީފާއަށް ނިކުތް އަހްމަދް އަދީބް އާންމުންނަށް އެނގިގެން ދިޔައީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ކަމުގެ މަޤާމަށް އައި ހިސާބުންނެވެ. ނަމަވެސް ސިޔާސީ މައިދާނުގައި އަދީބުގެ 'ބާރުވެރިކަން' ރައްޔިތުންނަށް ފެންނަން ފެށީ ޓޫރިޒަމް މިނިސްޓަރ ކަމަށް އައްޔަން ކުރެވުނު ހިސާބުންނެވެ.
ރައީސް ވަޙީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރ ކަން އަދާކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ހަމަ އެމަގާމު އަދީބަށް ލިބުނެވެ. އެހެން ނަމަވެސް އަދީބު ފެނުނީ ޓޫރިޒަމް މިނިސްޓަރަކަށް ވުރެ "ބޮޑު ވަޒީރު"ގެ މަޤާމު އަދާކުރައްވަމުން ގެންދެވި ތަނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބަހުގެ ހަމަލާތައް ފޮނުވާލުމާއި، އަދީބު ހިތްޕުޅާއި ނުވާ ސިޔާސީ ބޭފުޅުން ނިޒާމުން ގެއްލުވާލުމުގެ މަސައްކަތް ފެށިގެން ދިޔައެވެ.
ބޮޑެތި ތުހުމަތުތައް އަދީބުގެ މައްޗަށް ކުރެވެމުން ދިޔަ ނަމަވެސް އަދީބު ދިޔައީ ކޮންމެ ފަހަރަކު ވެސް އެ ތުހުމަތު ތަކުން ބަރީޢަތްވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ކުރެވުނު ތުހުމަތުތަކާއި އެކު އަދީބު މިވަނީ ހައްޔަރުކުރެވިފައެވެ. ދެން އޮތީ އަދީބުގެ މައްޗަށް ކުރެވޭ ޝަރީޢަތް ބަލަން ތިބުމެވެ.
އާދައިގެ ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި ހުންނަވައި އަދީބު ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރ ކަމަށެވެ. އެއަށް ފަހު ނައިބު ރައީސް ކަމުގެ މަޤާމާޢި ހަވާލުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޑައިގަންނަވަން ޖެހުނީ ޖަލަށެވެ. ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް މިއީ އިބްރަތެކެވެ.