ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލުކޮށްފައިވަނީ އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައި ހުރި އިރު އަސާސީ އެތައް ކަންތައްތަކެއް ފުރިހަމަކޮށްދީފައިނުވާ ކަމަށް ބުނެ އޭނާގެ ފަރާތުން ޝަކުވާ ކުރުމުންނެވެ.
އެހެން ނަމަވެސް އިމްރާން ގޭބަންދަށް ބަދަލުކުރުމާއި އެކު އާއިލާގެ ފަރާތުން ވަނީ އެބޭފުޅާގެ ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދަން ފަށާފައެވެ.ގިނަ ދުވަސްތަކަކަށް ފަހު އިމްރާންގެ ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދަން ފަށާފައިވާއިރު އެބޭފުޅާގެ މައިބަދައަށް ލިބިފައިވާ އަނިޔާތައް ސީރިއަސްކަމަށް ވެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފަރާތުން ބުނި ގޮތުގައި، ޝެއިޚް އިމްރާންގެ މައިބަދައަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އިމްރާންގެ މައިބަދައަށް ދިމާވެފައިވާ މައްސަލަތައް އިތުރަށް ގޯސްވެގެން ދިޔައީ ގިނަ ދުވަސްތަކެއް ވަންދެން ސިއްޙީ ފަރުވާ މެދުކެނޑުމާއި ގުޅިގެން ކަމަށެވެ.
" ގިނަ ދުވަސްތަކެއް ވަންދެން. ޝެއިޚް އިމްރާން އަށް ބޭސް ފަރުވާގެ ފުރުސަތެއް ނުދިނުމުގެ ސަބަބުން އެބޭފުޅާގެ މައިބަދައަށް ދިމާވެފައިވާ މައްސަލަތައް އިތުރަށް ސީރިއަސް."، އިމްރާންގެ ގާތް ބޭފުޅަކު ބުންޏެވެ.
ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ދައުލަތުން ޝެއިޚް އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހު ބޭއްވި ޝަރީޢަތުގައި ވާހަކަ ދައްކަވަމުން ޝެއިޚް އިމްރާން ވަނީ އެބޭފުޅާއަށް އެތައް އަނިޔާތަކެއް ޖަލުގައި ދެމުންދާ ކަމަށާއި ސިއްހީ ކަންތައްތަކަށް ވެސް ކަރެކްޝަނަލް ސާވިސުން ނުބަލާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ޑޮކްޓަރަށް ދެއްކުމަށް ދެކޮޅު ހެދުމާއި ގޮޅި ހުންނަ ގޮތުން ނިދާއިރު ބުރަކަށީގައި ރިއްސުމާއި މަދިރި ހެފުމާއި، ވަގުތު ހިނގާ ގޮތް ނޭގުމާއި ގޮޅީގެ ތެރެއަށް ދުވާލުގެ އަލިކަން ނުލިބޭ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.