2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައި ވަނީ، ޤައުމުގެ ހާލަތާއި ގުޅޭގޮތުން މިއަދު ހެނދުނު ދިވެހި ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެބޭފުޅާ އާއި ވާދަކުރައްވާ މީހުން ހައްޔަރު ކުރުމުގެ ފޯކަސްއެއްގެ ތެރޭގައި ނޫޅުއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
" ރައީސް ޔާމީން 2018 ގައި ކުރިމަތިލާކަށް އަދި ނުނިންމަން. އަދި 2018ގެ އިންތިޚާބުގައި ވާދަކުރަން ތިބި މީހުން ނައްތާލާކަށް މަސައްކަތެއް ނުކުރަން " ރައީސް ޔާމީން ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރެއްވުމާއި މެދު ގޮތެއް ނުނިންމަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، "ރައީސް ޔާމީން 2018"، މި ޝިއާރުގެ ދަށުން 2018 ވަނަ އަހަރުގެ އިންތިހާބަށް ރައީސް ޔާމީން ކާމިޔާބުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ކެމްޕެއިންގެ އިސްކޮށް ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާއެއް ވަރަށް ފަހުން ވަނީ ބާއްވާފައެވެ.