ދިވެހި ޤައުމުގެ ޙާލަތާއި ބެހޭގޮތުން ޤައުމާއި މުޚާތަބުކޮށް ރައީސް ޔާމީން ވާހަކަ ދެއްކެވި އިރު އެމަނިކުފާނު ވަނީ ޖަލުތަކުގައި ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުންގެ މައްސަލަތަކާއި ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެއިން އެއްވެސް ބޭފުޅަކު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ކުރެއްވި ކަމެއްގެ ސަބަބުން ނޫން ކަމަށާއި ސިޔާސީ ވާދަވެރިޔަކު ނައްތާލަން އެމަނިކުފާނު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޖަލުގައި ބަންދު ކުރެވިފައި ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކާނަލް ނާޒިމްގެ މައްސަލައިގައި ތަފްސީލްކޮށް ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ.
އެހެން ނަމަވެސް "މޭޑޭ"ގެ މުޒާހަރާގައި ދެއްކެވި ވާހަކަތަކަށް ފަހު، ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ބެހޭ އެއްވެސް ވާހަކަ އެއް ރައީސް ޔާމީން ދައްކަވާފައެއް ނުވެއެވެ.
ޝެއިޚް އިމްރާނުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވާހަކަދައްކަވަމުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
މޭޑޭގެ މުޒާހަރާގައި ޝެއިޚް އިމްރާން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްނުކުރުމަށް ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން ދީނީ ޢިލްމުވެރިޔާ އަލްމަރްޙޫމް ޑރ.އަފްރާޝީމް އަވަހާރަކޮށްލެވުނު ހާދިސާއާއި ބެހޭ ގޮތުން ވެސް ޝެއިޚް އިމްރާން ވަނީ ވާހަކަ ދައްކަވާފައެވެ.
"ހުމާމް ބުނީ ތެދެއް. އަފްރާޝީމްގެ މަރުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އަދީބާއި ޔާމީނަށޭ. އެއީ ތެދެއް. އެކަން އެނގޭނީ އަދީބަށް. އެކަން އެނގޭނީ ޔާމީނަށް"، މޭޑޭގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެފައިވެއެވެ.
އަދި އެދުވަހުގެ މުޒާހަރާގައި ޝެއިޚް އިމްރާން ވަނީ އަލްމަރްޙޫމް ޑރ. އަފްރާޝީމްގެ މަރާ ބެހޭ ހަގީގަތްތައް ހިމެނޭ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ވެސް ދައްކާލާފައެވެ.
މެއި 1 ވަނަ ދުވަހުގެ މުޒާހަރާގައި ޝެއިޚް އިމްރާން ދެއްކެވި ވާހަކައިގެ ޚުލާސާ :
• "މިތާނގައި މިތިބީ 35،000 ރައްޔިތުން. މިރައްޔިތުންނަށް އަނިޔާކޮށްފައި ހިމާޔަތްކުރަން ޖެހޭ ވެރިކަމެއް ނޯންނާނެ. ސިފައިންނާއި ފުލުހުން ހަނދާން ކުރަން ޖެހޭ. މިރައްޔިތުންނަށް އަނިޔާކޮށްފައި ހިމާޔަތްކުރަން ޖެހޭ މިނިސްޓަރެއް ނުހުންނާނެ" .
• "ޑރ. އަފްރާޝީމްގެ މަރުގެ ފަހަތުގައި ވަނީ ހުސެއިން ވަހީދާއި އަދީބު، މިހިރީ ޑޮކިއުމެންޓް. އެކަން ސާބިތުކޮށްދޭ."
• "ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުރެވޭނީ އަޅުގަނޑުމެންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި"
• "ހުމާމް ބުނީ ތެދެއް. އަފްރާޝީމްގެ މަރުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އަދީބާއި ޔާމީނަށޭ. އެއީ ތެދެއް. އެކަން އެނގޭނީ އަދީބަށް. އެކަން އެނގޭނީ ޔާމީނަށް"
ރައީސް ނަޝީދުގެ ޝަރީޢަތް، "ހަވާ ފަޓާސް ބަރި" އެއް ހެން ކުރިއަށް ގެންދިޔައީ އެމަނިކުފާނު އެގޮތަށް އެދިވަޑައިގެން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ކާނަލް ނާޒިމްގެ ގެކޮޅުން ފެނުނު ކަމަށް ބުނާ ފިސްތޯލައިގެ މައްސަލަ ދޫކޮށްލީ ކޯޓަށް ކަމަށާއި އެއީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށްދޭން ޖެހޭނީ ކޯޓުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގިނަ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް، ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވާ އީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްސަލައާއި ބެހޭގޮތުން ވާހަކަފުޅު ނުދެއްކެވުމަކީ ސުވާލު އުފެދޭ ކަމެކެވެ. ޝެއިޚް އިމްރާންގެ ކުށެއް ނެތް ކަމަށް ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވަނީ ހެއްޔެވެ؟ ނުވަތަ ޝެއިޚް އިމްރާން ދެއްކެވި ވާހަކައަކާއި ގުޅިގެން 21 ވަނަ ގަރުނުގެ ގަޓު ހުރި ރައީސް ޔާމީން ބިރުފުޅު ގަންނަނީ ހެއްޔެވެ ؟