މަސްވެރިންނަށް ބޭނުންވާ ބައެއް ތަމްރީން ދިނުމަށް އައްޑޫ ސިޓީ، މަރަދޫގައި މަސްވެރިންގެ ޙާއްސަ މަރުކަޒެއް ބިނާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި “ފިޝަމޭންސް ކޮމިޔުނިޓީ ސެންޓަ އައްޑޫ” އެޅުމަށް ބޭނުންވާ ބިން ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. ބިން ހަމަޖެހިފައި ވަނީ މަރަދޫ ކުރީގެ ލޯކަލް މާރުކޭޓް ކައިރިންނެވެ.
މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަން (އެމްއެފްއޭ) އިން މަރަދޫގައި އަޅާ މި މަރުކަޒުގައި މަސްވެރިކަމަށް ބޭނުންވާ މުވާސަލާތީ ސާމާނާއި، މަސްވެރިކަމާ ގުޅޭ އެހެން ބައެއް ސާމާނުވެސް ހުންނާނެއެވެ.އެމްއެފްްއޭގެ ޗެއާމަން މައިޒާން އަހުމަދު މަނިކު (އަހަންމަދޭ) މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް އަމާޒުކޮށްގެން އަޅާ ސެންޓަރެކެވެ.
އަހްމަދު މަނިކު ވިދާޅުވީ މިމަރުކަޒުގެ ބައެއްގެ ގޮތުގައި ކޮމިޔުނިޓީ އެންޑް ޓްރެއިނިން ސެންޓަރުތަކެއް ވެސް ހުންނާނެ ކަމަށާއި އެ ސެންޓަރު ތަކުން މަސްވެރިކަމަށް ބޭނުންވާ ހުރިހާ ތަމްރީނެއް ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި މެރިން ބަޔޮލޮޖީ، ކޯސްޓަލް ނެވިގޭޝަން، އޮންބޯޑު ހޭންޑްލިން (މަހުގެ ކޮލިޓީ ދެނެގަތުން) ހިމެނެއެވެ. މީގެ އިތުރަށް ޑައިވިންއާއި، ފަޔަރއެންޑް ރެސްކިޔުއާއި، އިލެކްޓްރީސިޓީ ފަދަ ދާއިރާއިން ތަމްރީން ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއިމާރާތް އެޅުމުގެ މަސައްކަތް ފަށާނީ އަންނަ މަހު ފަށަން ހަމަޖެހިފައިވާ އިރު 3 މަސް ދުވަސް ވަންދެން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އަހްމަދް މަނިކު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއިމާރާތް އެޅުމަށްފަހު އެސެންޓަރު 6 މަސްވަންދެން ހިންގާނީ އެމްއެފްއޭގެ ހަރަދުގައެވެ. އެފަހުން އެތަން ހިންގަން ޖެހޭނީ މަސްވެރިންނެވެ.
މިއީ އެމްއެފްއޭ އިން ގާއިމްކުރާ މިފަދަ ދެވަނަ ސެންޓަރެވެ. ފުރަތަމަ ސެންޓަރު ގާއިމް ކޮށްފައިވަނީ ލ. ގަނމު ތުނޑީ އަވަށުގައެވެ. އެސެންޓަރު ގާއިމް ކޮށްފައިވަނީ ދެހާސްތޭރަ ވަނަ އަހަރުއެވެ.