ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ނާޖައިޒު ގޮތެއްގައި ބޭނުންނުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވަނީ އެ ޤާާނޫނުގައި ގޯސްތަކެއް ހުރިކަމަށް އެއްބަސްވެވޭތީ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވިގޮތުގައި، ޓެރަރިޒަމް ޤާނޫނަކީ ޕާޓީތަކުގެ އަޑު ކަނޑުވާލަން ހެދި ޤާނޫނެއް ކަމަށާއި އެވަގުތަކު މެޖޯރިޓީ އޮންނަ ބަޔަކަށް މި ޤާނޫނުގެ ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތައް ހައްޔަރު ކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން އިއްޔެ ރައީސް ޔާމީން ތަސްދީގު ކުރެއްވި ޓެރަރިޒަމްގެ ޤާނޫނުގެ ސަބަބުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީން ލިބިދޭ އަސާސީ ހައްޤުތައްވެސް ނިގުޅައިގެންފައި ވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
" މީހަކު ބުނާ އެއްޗަކުން އެއީ ޓެރަރިޒަމް ކަމަށް އާއްމުންނަށް ހީވެޔޭ ބުންޏަސް ހައްޔަރު ކުރަންވީކަމަށް އޮވޭ. ޓީވީ ރޭޑިޔޯ އަދި އިންޓަރނެޓްގައިވެސް ލިޔާ އެއްޗެއްވެސް އާއްމުންނަށް ޓެރަރިޒަމް ކަމަށް ހީވުމުން އެމީހަކު ހައްޔަރު ކުރެވޭ. މިއާ ވަރަށް ކަންބޮޑުވާ ކަމެއް." އަލީ ޒާހިރު ވިދާޅުވިއެވެ.
އިދިކޮޅު ގިނަ މެމްބަރުން ދެކޮޅު ހަދަމުން ދަނިކޮށް މަޖިލީހުން އިއްޔެ އެ ބިލް ފާސްކުރީ މަޖިލީހުގެ މެންބަރުން ހުށަހެޅި އެއްވެސް އިސްލާހެއް ހިމެނުމެއް ނެތި އެވެ . އެހެންވެ އެކަމާއި މެދު ވެސް އަދާލަތު ޕާޓީގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.