ދިވެހިރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ އަކީ އެތައް އެތައް ދިވެހި ރައްޔުތުންގެ ގުރުބާނީ ރަމްޒުކޮށްދޭ ޕާޓީއެކެވެ. އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އާދެވިފައިވަނީ ހިޔާލުފާޅުކުރުމުގެ ޒައްރެއްގެ މިންވަރުވެސްނެތް ދުވަސްވަރެއްގައި ބިރެއްނެތި ހިތްވަރާއެކު ނިކުތް ދިވެހިންގެ ތެރެއިން ބައެއްގެ މިންނެތް މަސައްކަތެއްގެ ސަބަބުންނެވެ. ރައީސް މައުމޫނުގެ ވެރިކަމަށް ފާޑުކިޔަން ފެށުމުން އެމްޑީޕީގެ އެތައް މެންބަރުންނެއް ޖަލުގައި ބަންދުކުރެވި ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަނިޔާލިބުނު ފަރާތްތަކާއި އިސްލާހީ ހަރާކާތުގައި ބައިވެރިވެ އެމްޑީޕީ ވުޖޫދައް ގެނައުމުގާ ގުރުބާންވި އެންމެހާ ފަރާތްތަކަކީ އެމްޑީޕީގެ މެންބަރުންގެ ހިތުގެ ފުންލޯބި ލިބިގެންވާ ފަރާތްކެވެ.
އަދި ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީގެ އާންމު މެންބަރުން ހިންގި ހަރަކާތްތަކާއި ގުޅިގެން އެ މެންބަރުންނާއި މެދު ފިޔަވަޅު އެޅިއިރު ސަރުކާރުގައި ތިއްބެވި އިސްބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުންގެ ނަފްރަތު ކުރާ ފަރާތްތަކެވެ. މިއީ އެމްޑީޕީގެ ހުރިހާ އާންމު މެންބަރުން ވެސް އިއްތިފާޤުވާ ހަޤީގަތެކެވެ.
ހަމައާއި އިންސާފަށް އެމްޑީޕީގެ ފަރާތުން ގޮވާލަމުން ގޮސް ދިވެހިރާއްޖޭގެ ވެރިކަމާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހަވާލުވެވަޑައިގަތީ، 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ 5 އަހަރު ފުރިހަމަ ނުވަނީސް ސަރުކާރު ވަނީ ވައްޓާލާފައެވެ. އެމްޑީޕީގެ މެންބަރުންގެ ބަހުން ނަމަ ބަޣާވާތަކުން އެމްޑީޕީގެ ވެރިކަން ވަނީ ވައްޓާލާފައެވެ. އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ހަރަކާތްތެރިވި ހުރިހާ މީހުންނަކީ އެޕާޓީގެ މެންބަރުން ސިފަކުރާ ގޮތުގައި 'ބާޣީންނެވެ.'
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބާއި އެމްޑީޕީ އިން ކުރިމަތިލި އިރު އެމްޑީޕީ އޮތީ ވަރަށް ވަރުގަދަކޮށެވެ. ޕާޓީގެ ހުރިހާ މެންބަރުން ވެސް ތިބީ، އިދިކޮޅު ފަރާތްތަކުން ނިކުމެ އެޕާޓީގެ ވެރިކަން ވައްޓާލުމާއި ގުޅިގެން އުފެދުނު ރުޅިވެރިކަމާއި އެކު އިންސާފު ހޯދަން އޮތް ހަމައެކަނި މަގަކީ، އަލުން ރާއްޖޭގެ ވެރިކަމަށް އެޕާޓީއަށް އާދެވުން ކަމަށް ދެކިގެންނެވެ. އެހެންވެ ކޮންމެ ބަޔަކާއި އެކު ކޯލިޝަން ހަދަން ޖެހުނު ކަމުގައި ވިޔަސް އެކަން ކޮށްގެން ވެސް ވެރިކަމަށް އައުމަށް އެޕާޓީގެ މެންބަރުން ވަނީ ބޮޑެތި ޤުރުބާނީ ތަކެއް ވެފައެވެ.
އެގޮތުން ޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުމާއި އެކު ނަމަވެސް، ޑީއާރްޕީގެ ކުރީގެ ލީޑަރ ތަސްމީން އަލީ އެބޭފުޅާގެ އަނބިކަނބަލުން ވިސާމް އަދި އޭރު ޑީއާރްޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރޮޒެއިނާ އާދަމްއަށް ވެސް އެމްޑީޕީ އާއި ގުޅުމުގެ ފުރުސަތު އެޕާޓީއިން ދިނެވެ. އަދ ރައީސް މައުމޫންގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ހުންނެވި، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެމްޑީޕީއާއި ގުޅިވަޑައިގަތެވެ. އެމްޑީޕީގެ ލީޑާޝިޕުން މިބޭފުޅުންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވި ނަމަވެސް އާންމު މެންބަރުންގެ މެދުގައި އެބޭފުޅުންނާއި މެދު އަބަދުވެސް ދެކެމުން އައީ ޝައްކުގެ ނަޒަރަކުންނެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު އެ ޕާޓީގެ މެންބަރުންނަށް އަނެއްކާވެސް ހިތްދަތިކަމެއް ލިބިގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އެޕާޓީއަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެންނެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވެގެން ދިޔަ އެއްބަޔަކީ، ޑީއާރްޕީ އިން އެޕާޓީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ. އޭގެ ތެރެއިން މަޖިލީހުގެ އިންތިޙާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ނުކުރެވުނު ބޭފުޅުންނެވެ.
އެމްޑީޕީގެ ސަރުކާރުގު ރަން ޒަމާނުގައި އެޕާޓީއާއި ގުޅިވަޑައިގެންނެވި، މިހާރު އެޕާޓީގެ ޗެއާޕާސަން އަލީ ވަޙީދު އަށް ވެސް މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކެންދޫ ދާއިރާގެ ގޮނޑިއަށް، އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލި ޑީއާރްޕީގެ ކުރީގެ ލީޑަރ ތަސްމީން އަލީ އަށާއި ރ.މަޑުއްވަރީ ގޮނޑިއަށް ކުރިމަތިލި ވިސާމް އަލީ އަށް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.އެމްޑީޕީގެ އާންމު މެންބަރުންގެ ނުރުހުން ޑީއާރްޕީއިން އެ ޕާޓީއާއި ގުޅުނު މެންބަރުންނަށް އަމާޒުވުމުގެ އަސްލަކީ، ރައީސް މައުމޫންގެ ވެރިކަމުގައި އެ ޕާޓީގެ މެންބަރުންނަށް ލިބުނު އަނިޔާތަކެވެ. ރައީސް ނަޝީދުގެ އިރުޝާދުތައް ޤަބޫލުކޮށްގެން، ތަސްމީން އަލީ އާއި އަބްދުﷲ ޝާހިދަށް ފާޑުނުކިޔައި ހިމޭނުން ތިބި ކަމުގައި ވިޔަސް އެބޭފުޅުންނާއި މެދު އާންމު މެންބަރުންގެ ހިތް ސާފު ނުވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
އެމްޑީޕީގެ ބާނީ އަކީ ރައީސް ނަޝީދެވެ. އެޕާޓީގެ ހުރިހާ މެންބަރުން އެއްބައިވަންތަކުރުވާ ބާނީ އަކީ އެމަނިކުފާނެވެ. ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު އެމަނިކުފާނު ޖަލަށް ލުން ވެގެން ދިޔައީ، ޕާޓީގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެމަނިކުފާނު މިނިވަން ކުރުމަށް އެމްޑީޕީގެ މެންބަރުން ތިބީ ބޭނުންވެފައެވެ. މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު އާއި މެއި 1 ވަނަ ދުވަހު އެމްޑީޕީގެ އާންމު މެންބަރުން ވަނީ އެމީހުން ރައީސް ނަޝީދު މިނިވަން ކުރުމަށް ބޭނުންވާ މިންވަރު ދައްކުވައިދީފައެވެ.
އެހެން ނަމަވެސް އެ ދެ މުޒާހަރާއަށް ބަލާއިރު ވެސް، އެމްޑީޕީގެ ލީޑާޝިޕުން އެޕާޓީގެ އާންމު މެންބަރުންގެ ވިންދާއި އެއްގޮތަށް މުޒާހަރާތައް ކުރިއަށް ގެންގޮސްފައި ނުވާކަމުގެ ޝަކުވާ އެޕާޓީގެ މެންބަރުން ކުރެއެވެ. ފެބްރުއަރީ 27 ވަނަ ދުވަހު ސަރުކާރާއި ދެކޮޅަށް ނިކުތް ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރު މައިތިރި ކުރުވީ ޚުދު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނެވެ. މެއި 1 ވަނަ ދުވަހުގެ މުޒާހަރާ އާއި ބެހޭގޮތުން އެޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ސަރުކާރާއި އެކު "ޑީލް" ހެއްދެވި ކަމަށް ވާހަކަ ދެކެވެއެވެ. އޭގެ ތެރޭގައި ވެސް ހިމެނެނީ، ޑީއާރްޕީ އިން އެ ޕާޓީއާއި ގުޅިވަޑައިގެންނެވި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މެން ފަދަ ބޭފުޅުންނެވެ.
ތަކުރާރުކޮށް އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރަމުން ގެންދިޔަ ހަރަކާތްތަކަށް ލިބެމުންދިޔަ ނާކާމިޔާބީތަކާއި އެކު ވެސް ޕާޓީގެ އާންމު މެންބަރުން ގެންދަނީ މާޔޫސް ވުމެއް ނެތި ހިތްވަރާއި އެކު މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، ޕާޓީގެ ލީޑާޝިޕުން ވަނީ ސަރުކާރާއި އެކު ތަފާތު 'ޑީލް' ތައް ހައްދަވައި، ފަހަށް ޖެހިފައި ކަން ފާހަގަކޮށްލެވެއެވެ. ނައިބު ރަައީސް ކަމަށް އަހްމަދް އަދީބް ގެނައުމަށް މަޖިލީހުގައި ވޯޓް ދިނުމާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙަށް ވޯޓް ދިނީ ރައީސް ނަޝީދު މިނިވަން ކުރުމުގެ އުއްމީދުގައެވެ. ނަމަވެސް ސިޔާސީގޮތުން އެމްޑީޕީއަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށް އެޕާޓީގެ މެންބަރުން ޤަބޫލުކުރެއެވެ.
އެމްޑީޕީގެ ލީޑާޝިޕުން މެންބަރުންނަށް ވިސްނައިދިނީ ސަރުކާރަށް ދޫ ދީގެން ރައީސް ނަޝީދު މިނިވަން ކުރެވޭނެ ކަމަށެވެ. އެކަން އެގޮތަަށް ނުކުރެވުމުން އަނެއްކާވެސް މަގުމަތީ ހަރަކާތަށް ނިކުމަށް މިވަނީ ގޮވާލާފައެވެ.އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެ ޕާޓީއަށް ދިމާވެގެން އުޅޭ ހުރިހާ ވެސް މައްސަލައަކީ، ޕާޓީގެ އިސްސަފުގައި އެމްޑީޕީ ފިކުރުގެ ބޭފުޅުން ނެތުމެވެ.
" މީގެ މައްސަލައަކީ، އަސްލު އެމްޑީޕީ ފިކުރުގެ މީހަކު ލީޑާޝިޕުގައި. އެމްޑީޕީއަކީ ވަރަށް ގަދަފަދަ ފިކުރެއް. ސަރުކާރަށް އާދޭސްކޮށްގެން ކަންކަން ކުރުވުން އެއީ އެމްޑީޕީ ފިކުރެއް ނޫން" އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ބުންޏެވެ.
މީގެ މައްސަލައަކީ، އަސްލު އެމްޑީޕީ ފިކުރުގެ މީހަކު ލީޑާޝިޕުގައި. އެމްޑީޕީއަކީ ވަރަށް ގަދަފަދަ ފިކުރެއް. ސަރުކާރަށް އާދޭސްކޮށްގެން ކަންކަން ކުރުވުން އެއީ އެމްޑީޕީ ފިކުރެއް ނޫން" އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ބުންޏެވެ.
ރައީސް ނަޝީދު ޖަލަށް ލެވިފައިވާއިރު އެބޭފުޅާއަށް ފަހު ޒިންމާތައް ނަންގަވަން ހުރީ ޗެއާޕާސަން އަލީ ވާޙީދެވެ. ނަމަވެސް އެބޭފުޅާ މިވަގުތު ހުންނެވީ "ފިއްލަވައިގެން" ގޮސް އިނގިރޭސިވިލާތުގައެވެ. އަލީ ވަޙީދު ވިދާޅުވާގޮތުން އެބޭފުޅާ ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު މިނިވަން ކުރުމުގެ މަސައްކަތެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރައްވަން ރާއްޖޭގައި ހުންނަވަން އަލީ ވަޙީދަށް ނުކެރުނީތޯ އެމްޑީޕީގެ އާންމު މެންބަރުން ސުވާލު އުފައްދައެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ ގޮތުގައި ސިފަކުރެވިގެންދާ ބޭފުޅުންނަށް ބަލާއިރު ރައީސް މައުމޫންގެ ސަރުކާރުގެ އިސްވަޒީފާތައް އަދާކުރެއްވި ގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި ރައީސް މައުމޫންގެ ސެކްރެޓަރީކަން އަދާކުރެއްވި އަބްދުﷲ ޝާހިދު އާއި ރައީސް މައުމޫންގެ ސަރުކާރުގައި ހޯމް މިނިސްޓަރ ކަން ކުރެއްވި ތަސްމީން އަލީ ހިމެނެއެވެ.
މީގެ އިތުރުން ޑީއާރްޕީގައި ތިބެ އެމްޑީޕީގެ މެންބަރުންނަށް ފާޑުކިޔަމުން ދިޔަ، އަލީ ވަޙީދު އާއި ރޮޒެއިނާ އާދަމް މެން ފަދަ ބޭފުޅުން ހަގީގަތުގައި ވެސް ރައީސް ނަޝީދު މިނިވަން ކުރަން ބޭނުންވޭތޯ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެ މެންބަރުން ދެކޭ ގޮތުގައި ނޮވެމްބަރ 6 ވަނަ ދުވަހު ރައީސް ޔާމީންގެ ކިބައިން "މިންޖުވާން" ނިކުންނަ ގޮތަށް ޑީއާރްޕީ ތެރެއިން ނުވަތަ 30 އަހަރުގެ ސަރުކާރުގެ ތެރޭގައި އުޅުމަށް ފަހު އެޕާޓީއަށް އައި ފަރާތްތަކުގެ ވަކިތަކުން އެމްޑީޕީގެ ލީޑާޝިޕް "މިންޖުވާން" މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.