ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް އައްޑޫ ސިޓީ، ހިތަދޫގެ ގެއެއް ބަލައި ފާސްކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ބޮކަރުމާގެ ފާސްކުރުމަށް ފުލުހުން ވަދެފައި ވަނީ މިރޭ 8 ޖަހާކަށް ހާއިރުއެވެ. އަދި ބޮކަރުމާގެ ބަލާ ފާސްކުރުމަށް ފުލުހުންނަށް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުގައި ވަނީ އެގެ ބަލާ ފާސްކުރަނީ ،ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ކަމަށް ވެސް 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.
އެސަރަހައްދުގައި ގެއެއްގައި ދިރިއުޅޭ މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ބޮކަރުމާގެ ބަލާ ފާސްކުރުމަށް ގާތްގަނޑަކަށް ގަޑިއެއް ހާއިރު ފުލުހުން އެގޭގައި ހޭދަކޮށްފައިވެއެވެ. ނަމަވެސް އެގެއިން ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
" ފުުލުހުން ވަނީ ބޮކަރުމާގޭގެ ފުރާޅު މައްޗަށް ވެސް އަރައި ފާސްކޮށްފައި. ނަމަވެސް އެއްޗެއް ގެންދިޔަ ކަމެއް ނޭނގޭ. " 'އައްޑޫލައިވް' އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ބޮކަރުމާގޭގެ އިތުރުން ވެސް ހިތަދޫގެ އިތުރު ގެއެއް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވި ނަމަވެސް އެއީ ކޮން ގެއެއްކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.'އައްޑޫލައިވް' ގެ ފަރާތުން މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ފުލުހުންގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް ފުލުހުން އަންނަނީ މާލޭގެ އެކި ތަންތަން ބަލައި ފާސްކުރަމުން ނެވެ. އަދި ބައެއް ތަންތަން ބަލައި ފާސްކުރުމަށްފަހު އެތަންތަނުން މީހުން ވެސް ހައްޔަރުކޮށްގެން ފުލުހުން ގެންގޮސްފައިވެ އެވެ.
ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ބަލާ ފާސްކުރަމުން އަންނަ ބައެއް ތަންތަނުން ގޮވާ ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ޝައްކު ކުރެވޭ އިތުރު ތަންތަން ވެސް ބަލަން މަޖުބޫރުވެފައިވާ ރައީސް ޔާމީން ވިދާޅުވި އެވެ.