ސިވިލް ސަރވިސްގެ ވަޒީފާތަކަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިމްތިހާން އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންނަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ އަދި ވަޒީފާއަށް ގާބިލް ފަރާތްތަކެއްތޯ ދެނެގަތުމުގެ މަގްސަދުގައި ބާއްވާ ފުރަތަމަ އިމްތިހާނު ބޭއްވުމަށް ހަމެޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިމްތިހާންގެ ފުރަތަމަ ބުރުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުގެ މަސައްކަތް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގައިވަނީ ހަމަޖެހިފައެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް csti@csc.gov ށް އެޕްލިކޭޝަން ފޮނުވުމުގެ އިންތިޒާމްވެސްވަނީ ހަމަޖެހިފައެވެ. އެޕްލިކޭޝަން ބަލައިގަތުގެ ސުންގަޑިއަކީ ، 2015 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އެވެ.
އިމްތިހާނު ކަރުދާހުގައި ހިމެނޭ ބައިތައް
• އިދާރީ މަސައްކަތަށް ބޭނުންވާ މައުލޫމާތު
• ރަނގަޅަށް މުއާސަލާތުކުރުމާއި މުއާމަލާތު ކުރުމުގެ ހުނަރު
• ސިިވިލް ސާވިސްގެ ގަވައިދުތަކާއި އުސޫލުތައް
• ދިވެހި ބަހާއި ލިޔުންތެރިކަމުގެ ހުނަރު
މި އިމްތިހާނަށް ފަހު ދޭ ސެޓްފިކެޓް ތިން އަހަރު ދުވަހު ބޭނުން ކުރެވޭނެ އެވެ. އަދި ސެޓްފިކެޓް ލިބުމަށް ފަހު ވަޒީފާއަކާ ނުގުޅި ނުވަތަ ވަޒީފާއިން ވަކިވެފައި ވާތާ ތިން އަހަރު ވެއްޖެ ނަމަ އަލުން އިމްތިހާނު ހަދަން ޖެހޭނެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ވަޒީފާގައި ތިބި މީހުން މި އިމްތިހާނު ހަދާކަށް ނުޖެހޭނެ އެވެ. އެކަމަކު އެ މީހުން ވެސް އެހެން ވަޒީފާއަކަށް ބަދަލުވާ ނަމަ އިމްތިހާނު ހަދަން ޖެހޭނެ ކަމަށެވެ.
އިމްތިހާނާ ގުޅޭ އިތުރު މައުލޫމާތު
• އިމްތިހާނުގައި ބައިވެރިވުމަށް 150ރ.ގެ ފީއެއް ދައްކަން ޖެހޭ
• ސެޓްފިކެޓްގެ މުއްދަތުގައި އެހެން ވަޒީފާއަކަށް ބަދަލުވާ ނަމަ އަލުން ހަދާކަށް ނުޖެހޭނެ
• އިމްތިހާނުން ފާސްވާނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުމުން
• އިމްތިހާން ކަރުދާސް މާކުކުރާނީ މިކަމަށް ހާއްސަކޮށްގެން ސީއެސްސީން އެކުލަވާލާ ޓީމަކުން
މި ގޮތުން މި އިމްތިހާން ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓް އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނާއި ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. މި އިންތިހާނަށް ތައްޔާރުވާ ފަރާތްތަކުން ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިމްތިހާންގެ މުގައްރަރާއި ނަމޫނާ ކަރުދާހަށް ބަލައިގެން، އިމްތިހާނަށް ތައްޔާރުވެވިދާނެއެވެ. ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިހާން ކަރުދާސް އެކުލެވިގެންވަނީ މައިގަނޑު 4 ބައެއްގެ މައްޗަށެވެ.
1- ދިވެހި ބަސް
2- މުއާސަލާތު ކުރުމާއި މުއާމާލާތު ކުރުމުގެ ހުނަރު
3- އިދާރީ ހިންގުން
4- އެޕްޓިޓިއުޑް
މި އިމްތިހާންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، އިމްތިހާންގައި ބައިވެރިވުމަށް އެދޭ ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެން ހުންނާއެވެ.އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދައްކާ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ މަރުކަޒުތަކުންނެވެ. އެޕްލިކޭޝަން ފީ ބަލައިގަންނަ ތާރީޚް އިމްތިހާންގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެސް އެމް އެސް ގެ ޒަރީއާއިން އަންގާނެ ކަމަށް ކަތް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކުރާ ފަރާތްތަކަށް ދެވޭ ސެޓްފިކެޓްގެ މުއްދަތަކީ 3 އަހަރު ދުވަހެވެ. މި މުއްދަތުގެ ތެރޭގައި މި އިމްތިހާންގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކުރާ ފަރާތްތަކަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން ޕޮއިންޓް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މުސްތަގްބަލުގައި މި ސެޓްފިކެޓަކީ ސިވިލް ސަރވިސް އަށް ވަނުމަށް އެދޭ ފަރާތްތަކުން، ހުށަހަޅުމަށް ލާޒިމްކުރާ ސެޓްފިކެޓެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ހިސާބުން ފެށިގެން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުން މި އިމްތިހާންގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންޖެހެއެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން އަހަރަކު 2 ފަހަރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ސިވިލް ސަރވިސް އަށް ވަނުމަށް އެދޭ އިމްތިހާނާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ޓީމްތަކެއް މިހާރު ގެންދަނީ އައްޑޫ އަދި ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންނެވެ.