ރެޑްބުލް ވިނިންގ ފައިވް، އައްޑޫ ސިޓީ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ޕޮލިސް ސީނިއާސް ހޯދައިފިއެވެ.
ޕޮލިސް ސީނިއާސް މި މުބާރާތުގެ އައްޑޫ ސިޓީ ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސ.ފޭދޫ ފްރެންޑްސް ކުލަބާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
ބްރެޒިލްއަށް 2016 ވަނަ އަހަރު ދިއުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މިމުބާރާތުގެ އައްޑޫބައިގެ ފައިނަލް މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާތީ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން ނެވެ. ޕެނަލްޓީގައި ޕޮލިސް ސީނިއާސް އިން ކުރި ހޯދީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. އައްޑޫ ސިޓީ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދުމުން ޕޮލިސް ސީނިއާސް އަށް ވަނީ މާލޭގައި ބާއްވާ ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ.
ރެޑްބުލް ވިނިން ފައިވް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން އައްޑޫ ކޮލިފައިންގައި ތިރީސް ދެ ޓީމް ވާދަކޮށްފައި ވެއެވެ.
ރެޑްބުލް ވިނިން ފައިވް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މި އަހަރުގެ ރެޑްބުލް ވިނިން ފައިވް މުބާރާތުގެ ކޮލިފައިން ބުރުތަކާއެކު، މި މުބާރާތް ގާތްގަނޑަކަށް ދެ މަސް ދުވަހަށް ދިގު ދެމިގެންދާނެ އެވެ. މި އަހަރު ރެޑްބުލް ވިނިން ފައިވް ގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ބްރެޒިލްގެ ސަންތޯސް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ރެޑްބުލް އިން 2013 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްކުރި ރެޑްބުލް ވިނިން ފައިވް މުބާރާތަކީ ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގައި 181 ޓީމަކުން ޖުމްލަ 905 ކުޅުންތެރިން ބައިވެރިވިއިރު، އެ މުބާރާތް ވެގެންގޮސްފައިވަނީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތަށެވެ.