ކޮންމެ މުއައްސަސާއެއްގެ ވެސް އިސްވެރިޔަކަށް ހުންނަ ފަރާތެއް ވާންޖޭނީ އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ނަމޫނާ އެއްގެ ގޮތުގައެވެ. ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ބެހެއްޓުމަކީ، އިސްވެރިންގެ ގޮތުގައި ތިބޭ މީހުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެކަމަކީ އެ މުއައްސަސާ އަކާއި މެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އިސްވެރިންގެ ފަރާތުން ޤާނޫނާއި ޚިލާފަށް ޢަމަލުކުރާނަމަ މެދެންނެވި އިތުބާރު ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ބެހޭ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންމެ އޮފިސަރަކީވެސް ޚިޔާނާތާއި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއްގައި އެއްވެސް މިންވަރަކަށް ބައިވެރިވާ ބަޔަކަށް ވެގެންނުވާނެ ކަމަށާއި އަދި އެފަދަ ޢަމަލުތައް ކުރާ މީހުންނާމެދު އަޅާނުލައި ދޫކޮށްލައިގެން ތިބޭ ބަޔަކަށް ވެގެންނުވާނެއެވެ. އަދި ކޮންމެ އޮފިސަރަކުވެސް މަސައްކަތް ކުރަންވާނީ އޮފިސަރުންގެ މެދުގައި ކޮރަޕްޝަން ނައްތައިލުމަށްޓަކައި މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެ ޤަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ފަރާތަކުން ފައިދާއެއް ހޯދުމަށް ނުވަތަ އަމިއްލަ ބޭނުންތަކެއް ހާސިލުކުރުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް މަތީގައި ބަޔާންކުރެވުނު ޤަވާއިދުތަކާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި، މުޙައްމަދު ހުޝާމް ވަނީ ޚިލާފުވެވަޑައިގެންފައެވެ. ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެ މުއައްސަސާ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުގެ އަސްލަކީ އެއީއެވެ. މިވާހަކަތަކާއި ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް އެއްބަސްވެވަޑައިގަންނަވައެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ހުޝާމްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވުމުގެ އިތުރަށް 2010 އޯގަސްޓް މަހުގެ 05 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަތުގެއްގައި މާލޭގެ މާވެޔޮ މިސްކިތް ކައިރީ ހުއްޓާ ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައި ކިޑްނެޕްކޮށް، އަންހެން ކުއްޖަކާ، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ހިމެނޭ ފަރާތެކެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު. 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ހުޝާމްގެ ފަރާތުން ވަކިފަރާތަކަށް ނާޖައިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް ބުނެ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވިގޮތުގައި އެފަދަ މައްސަލަތައް ހުރި ނަމަވެސް ހުޝާމާއި މެދު ފިޔަވަޅެއް އެޅިފައި ނުވަނީ ވަކި ބައެއްގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޝާމް ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން 2009 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ކަރެކްޝަނަލް ސާވިސްގެ ލޯންޗުގައި ގަވާއިދާ ޚިލާފަށް މާލެއިން މާފުއްޓަށް 44 ފާޓާ ކުލަ ގެންގޮސްފައިވާއިރު އަނބުރާ ދައްކާގޮތަށް މާފުށީ ޖަލުގެ ސްޓޮކުން މާލިއްޔަތު ގަވާއިދާ ޚިލާފަށް އޭނާ މުދާ ދޫކޮށްފައިވާ މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) ފަރާތުން މި މައްސަލަ ބަލާފައިވާއިރު އެ ފަރާތުގެ ތަހުގީގު ރިޕޯޓުގައި ވަނީ މާފުށީ ޖަލުގެ ސްޓޮކުން ގަވާއިދާ ޚިލާފަށް ޕާފެކްޓު ނަމަކަށް ކިޔާ ކުންފުންޏަށް މުދާ ދޫކޮށްފައި ވަނީ ހުޝާމް ބުނެގެންކަން ތަހުގީގަށް ބަޔާންދިން ފަރާތްތަކުގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ހ. ފާލަންދޮށުގޭ މުހައްމަދު ހުޝާމްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ނިންމީ ކަމަށް ތަހުގީގު ރިޕޯޓުގައި ވެއެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ނުވެއެވެ.
އޭސީސީގެ އޮފިޝަލަކު ނަންހާމަނުކުރުމަށް ޝަރުުތުކޮށް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީކޮށް އެކަން ހުއްޓުވާފައިވަނީ، ސީދާ ނައިބު ރައީސް އަހްމަދް އަދީބު އަންގަވައިގެން ކަމަށެވެ. ނައިބު ރައީސް އަދީބް އާއި ހުޝާމްގެ މެދުގައި ގާތްގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވިފައިވާއިރު، ހުޝާމްގެ ގެކޮޅު ކަމުގައިވާ ހ. ފާލަންދޮށުގޭގައި ހިންގާ ނައިބު ރައީސް އަދީބު ހިންގާ އޮފީހެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ދާދިފަހުން ފުލުހުން ވަނީ އެތަނުން ކޮމްޕިއުޓަރެއްގެ ސީޕީޔޫ އާއި އެހެނިހެން ސާމާނު ގެންގޮސްފައި ވާކަން ފާހަގަކޮށްލެވެއެވެ.
އޭސީސީގެ ފަރާތުން، ތަހުގީގް ކުރި ހުޝާމްގެ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގް ރިޕޯޓް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ. އެ ރިޕޯޓްގައި ކަރެކްޝަނަލް ސާވިސްގެ ބައެއް މުވައްޒަފުންގެ ބަޔާންތަކުގައި ވަނީ ޕާފެކްޓް ކިޔާ ކުންފުންޏަކަށް މުދާ ދޫކޮށްފައިވަނީ ސީދާ ހުޝާމް އަންގައިގެން ކަމަށް ބުނެފައެވެ.
ހުޝާމްގެ މައްސަލަ އޭސީސީގެ ފަރާތުން ޕީޖީ އޮފީހަށް ނުފިނުވާ ލަސްކުރަމުންދަނީ ކީއްވެގެން ކަން ސާފުކުރުމަށްޓަކައި، 'އައްޑޫލައިވް'ގެ ފަރާތުން އޮޅުންފިލުވަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ކޮރަޕްޝަނުގެ މައްސަލަތަކުގެ އިތުރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، މިއަހަރު ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިން އިރު އެއްވެސް އުސޫލެއް ނެތި ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާތީ އެކަމާއި މެދު އެތާގެ މުވައްޒަފުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ބުނި ގޮތުގައި، އެންމެ ދަށް ރޭންކްގައި ތިބި މުވައްޒަފުންގެ ތެރެއިން ބައެއް މީހުންނަށް ޓްރިޕްލް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ.
" އިހަށް ދުވަހު މިތަނަށް ވަން މީހުންނަށް އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ޓްރިޕްލް ޕްރޮމޯޝަން ދީފައި މިވަނީ. މިއީ އެއްވެސް އިންސާފެއް ނޫން." އޭނާ ބުންޏެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި ބެހޭ ޤަވާއިދެއް މިހާތަނަށް އެކުލަވާލާފައެއް ނުވެއެވެ.
ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ، އަދި ރައީސް ޔާމީން ވިދާޅުވިގޮތަށް އެމަނިކުފާނަށް "އެހީތެރިކަން ނުދެއްވި" ނައިބު ރައީސް އަދީބާއި އެހާ ގާތްގުޅުމެއް އޮތް ހުޝާމް އަދިވެސް މަޤާމުގައި ބެހެއްޓުމަކީ ހަމަގައިމުވެސް އެމަނިކުފާނުގެ ސަރުކާރު އިތުރަށް ބަދުނާމުވާނެ ކަމެކެވެ. ކުށްވެރިން ތަކެއް ބަންދުކޮށްފައި ތިބޭ ޖަލެއް ބަލަހައްޓަން ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ބޭފުޅަކު ބެހެއްޓުމަކީ، ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ވެސް މެއެވެ.