އެމްޑީޕީގެ ފަރާތުން ވާދަކުރަން އެންމެ ރަގަޅު ކެންޑިޑޭޓަކީ އެބޭފުޅާކަމަށް ޤަބޫލުކުރެވޭތީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ގަބޫލް ކުރައްވާ ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަ ކުރަން އެންމެ ރަނގަޅު ކެންޑިޑޭކީ އޭނާ ކަމަށެވެ.އެހެންވެ އެ އިންތިހާބް ކާމިޔާބު ކުރުމަށް އޭނާ އާ އެކު ތިބުމަށް އަލްހާން ވަނީ ގޮވާލައްވާފައެވެ.
ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން އަލްހާން ނިންމަވާފައި ވާއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ފޭދޫ ދާއިރާ އަށް ވާދަ ކުރައްވައި ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.
އަލްހާން އޭނާގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ ޑީއާރްޕީ އިންނެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ ޑީއާރްޕީ އުފެއްދެވި ކުރީގެ ރައީސް މައުމޫން އަށް ވަރަށް ބޮޑަށް ފާޑުކިޔުމަށް ފަހު އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.
އެމްޑީޕީ އާއި ގުޅިވަޑައިގެން އެޕާޓީގެ ނައިބު ރައީސް ކަމަށް އަލްހާން އިންތިހާބުވެވަޑައިގަތެވެ. އެކަމަކު އެމްޑީޕީގެ ލީޑާޝިޕާއި މެދު އުފެދުނު ޚިޔާލުތަފާތުވުން ތަކެއްގެ ސަބަބުން އެމްޑީޕީގެ ނައިބު ރައީސްކަމުން ވަކިކުރުމާއި ގުޅިގެން އޭނާ "ނިއު އެމްޑީޕީ" ގެ ނަމުގައި ސިޔާސީ ހަރަކާތެއް ވެސް ފެށިއެވެ. އެހެން ނަމަވެސ އެހަރަކާތަށް އެމްޑީޕީ މެންބަރުންގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީ އިން ވަކިކުރުމުން އަލްހާން ވަނީ ޖުމްހޫރީ ޕާޓީ އާާ ވެސް ގުޅިވަޑައިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2018 ގެ އިންތިހާބަށް އަލްހާން ނިކުންނަވަން ބޭނުންވާ ކަމަށް އިއުލާން ކުރައްވާފައިވާއިރު އޭނާއަށް އެމްޑީޕީއިން އެފުރުސަތު ދޭނެ ކަމަކަށް ނުބެލެވެއެވެ.