ޝަރަފުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު އުސްވާ ހުސައިން ހޮވިއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި އުސްވާއަށް ޝީލްޑާއި އިނާމްތައް ހަވާލުކޮށްދެއްވީ އެ ހަފްލާގެ ޝަރަފްވެރި މެހެމާނު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބެވެ.
މިހަފްލާގައި ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި ސްކޫލްގެ ގަދަ ދިހައެއް ގައި ހިމެނުނު ދަރިވަރުންނަށް ވެސް ޝީލްޑް ދީފައިވެއެވެ. ޕްރައިމަރީ ބައިގެ ގަދަ ދިހައެއް ގައި ހޮވުނު ދަރިވަރުންނަށް ވެސް އިނާމްދީފައިވެއެވެ.
މީގެ އިތުރުން އެކި މާއްދާތަކުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށާއި އަހްލާގީ ގޮތުން ފާހަގަކޮށްލެވުނު ދަރިވަރުންނަށް ވެސް ތައްޓާއި އިނާމްދީފައި ވާއިރު ސްކޫލަށް ރީތި ނަމާއި ޝަރަފު ހޯދައިދިން ދަރިވަރުންނަށް ވެސް ރޭގެ ހަފްލާގައި ތައްޓާއި އިނާމް ދީފައިވެއެވެ.
ޝަރަފުއްދީން ސްކޫލަކީ ހިތަދޫ މުހިއްބުއްދީން ސްކޫލާއި ސ.އަތޮޅު ތައުލީމީ މަރުކަޒު އެއް ސްކޫލަކަށް ހެެދުމަށްފަހު ދެވިފައިވާ ނަމެކެވެ. އެގޮތުން އެ ދެ ސްކޫލް އެއް ހިޔާވައްސެއްގެ ދަށަށް އައިސް ޝަރަފުއްދީން ސްކޫލް ކިޔަންފެށުނީ 2012 ވަނަ އަހަރުގައެވެ. މިހާރު އެ ސްކޫލުގައި 1200 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން ގެންދެއެވެ.