ބްރެޒިލް ނުވަތަ ރިއަލް މެޑްރިޑްގެ ކޯޗުކަމަށް އެއް ދުވަހުން އަންނަން ބޭނުންވާ ކަމަށާއި އޭނާ މަސައްކަތްކުރަމުން ގެންދަނީ އެ އަމާޒަށް ވާސިލްވާން ކަމަށް ކުރީގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޮސް ބުނެފިއެވެ.
އަލް ޕްރައިމާ ޓޯކު ކިޔާ ރޭޑިއޯ އަކަށް ދިން ބަޔާނެއްގައި ކާލޮސް ބުނީ ރިއަލް މެޑްރިޑަށް އެނބުރި އަންނަ ވަގުތު އައުމުން އޭނާ އެކަން ކުރާނެ ކަމަށެވެ.
"އަހަރެން މިތާނގައި މަސައްކަތްކޮށް ދަސްކުރަމުން މިގެންދަނީ އެއް ދުވަހުން ރިއަލް މެޑްރިޑް ނުވަތަ 17 އަހަރުވަންދެން އަހަރެން ކުޅުނު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމަށް އާދެވޭތޯ. އަހަންނަށް ހީވަނީ ދޮރުތައް ހުރީ ހުޅިވިފައި ހެން. ރިއަލް އަށް އެނބުރި އަންނަ ވަގުތު އައިސްފިނަމަ އަހަރެން ލަސްނުކޮށް އެކަން ކުރާނަން،" ކާލޮސް ބުންޏެވެ.
ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޯމާ ގުޅޭގޮތުން ރޮބާޓޯ ކާލޮސް ބުނީ ރޮނާލްޑޯ އަކީ އާދައިގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ދަނޑުމަތީގައި ކުޅެނީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް ކަމަށެވެ. އޭގެ އިތުރުން ރޮނާލްޑޯ އަކީ ކުޅިބަލާ މީހުންނަށްވެސް ހިތްގައިމު މަންޒަރެއް ފޯރުކޮށްދޭ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށް ވެސް ރޮބާޓޯ ކާލޮސް ބުންޏެވެ.
ރެއާލްގެ ކޯޗު ރަފައޭލް ބެނީޓޭޒް އާ ގުޅޭގޮތުން ރޮބާޓޯ ކާލޮސް ބުނީ އޭނާ އަކީ ފާޑުކިޔޭ ފެންވަރުގެ ކޯޗެއް ނޫން ކަމަށާއި ރިއަލް މެޑްރިޑްގެ ކޯޗުކަމުގެ ގޮތުގައި ބެނީޓޭޒް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކާލޯސްގެ ފުޓުބޯޅަ ކެރިއަރު 1990 ވަނަ އަހަރު ފެށީ ޔުނިއާއޯ ސައޯ އިންނެވެ. އަދި އޭގެ ތިން އަހަރު ފަހުން ވަނީ ޕަލްމެއިރާސްއާ ގުޅިފަ އެވެ. އަދި 1995 ވަނަ އަހަރު ވަނީ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވެފަ އެވެ. އިޓަލީގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ކާލޯސްގެ މޮޅު ކުޅުން ފެނިގެން ދިޔައީ ރެއާލް މެޑްރިޑަށް ބަދަލުވި ހިސާބުންނެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ބްރެޒިލްގެ ކޮރިންތިއަންސަށް ބަދަލުވުމުގެ ކުރިން 2007 ވަނަ އަހަރު ތުރުކީގެ ފެނަބާޗީ އަށް ވެސް ކުޅެފަ އެވެ. ހިލޭ ޖެހުންތަކަށް މަޝްހޫރު ކުޅުންތެރިޔާ ވަނީ ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިފަ އެވެ.