ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މީގެ ކުޑައިރުކޮޅެއް ކުރިން އައިޖީއެމްއެޗަށް ގެނެސްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް ނާޒިމް އައިޖީއެމްއެޗަށް ގެނައީ ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. ނަމަވެސް ޑޮކްޓަރަކަށް ދެއްކުމަށް މާލެ ގެންނަކަން ނާޒިމްގެ އާއިލާއަށް އަންގާފައެއް ނުވެއެވެ.
ކާނަލް ނާޒިމަށް އެކަށީގެންވާ ފަރުވާ ލިބުން ލަސްވާ މައްސަލާގައި އާއިލާ އިން ވަނީ އޭޝިއަން ހިއުމަން ރައިޓްސް އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރެސެންޓްގެ އެހީ އަށް އެދިފަ އެވެ. އަދި މީގެ އިތުރުން ނާޒިމް ޖަލަށްލި މައްސަލަ ވެސް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ހުށަހަޅާނެ ކަމަށް ވެސް އެބޭފުޅާގެ އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ނާޒިމްގެ ބޭސްފަރުވާއަށް އެބޭފުޅާ އިންޑިއާ އަށް ފޮނުވައިދޭން އާއިލާ އިން އެދުނު ނަމަވެސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިނީ ބޭސްފަރުވާ އަށް ހަފުތާއަކަށް ސިންގަޕޫރަށް ދިއުމަށެވެ. އެކަމާއި ގުޅިގެން ރައީސް އޮފީހަށް ވެސް ނާޒިމްގެ އާއިލާއިން ވަނީ ސިޓީ ފޮނުވާފައެވެ. އެހެން ނަމަވެސް އެސިޓީއަށް މިހާތަނަށް ރައީސް އޮފީހުން ޖަވާބު ދީފައެއް ނުވެއެވެ.