Last Updated: November 27, 13:36
Wednesday, November 27, 2024
ރިޕޯޓް

އައްޑޫ "ސިއްސުވާލި" ފަންޑިތަވެރިޔާގެ ޙަޤީޤަތް!

މިހާރަކަށް އައިސް އައްޑޫގައި، އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ، މާ މޮޅު ފަންޑިތަ ވެރިޔަކު އުޅޭ ވާހަކައެވެ. ފުރަތަމަ ބަލާލުމުންވެސް، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި، ސްކޭންކޮށް، ހުރިހާ ތަޙުލީލެއްކޮށް، ނަތީޖާނެރެ، ޖެހިފައިވާ ހުރިހާ ބައްޔެއް ބުނެދޭ "އާދަޔާއިޚިލާފު މޮޅު ޑޮކްޓަރެއްގެ" ވާހަކައެވެ.

ހުރިގޮތަށް ހުރި "ލެބޯޓްރީއެއްގެ" ވާހަކައެވެ. ނަމަވެސް އައްޑޫގެ ދީނީ ޢިލްމުވެރިންގެ ފަރާތުން އަޑުއިވެނީ، މިމީހާގެ ނުބައިކަމާއި ނޭއްގާނިކަމާއި، މިމީހާގެ ސަބަބުން ޢާއްމު ރައްޔިތުން މަގުފުރެދި، ޢަޤީދާ ފަސާދަވަމުންދާ ވާހަކައެވެ.

ކަންމިހެން ހުރުމާއިއެކު، މިމީހާގެ ޙަޤީޤަށް ހާމަކުރުމަކީ މުހިއްމު ކަމެއްކަމަށް "އައްޑޫލައިވް"ގެ ޓީމަށް ޤަބޫލުކުރެވޭތީ މީނާ އާއި ބެހޭ ހަގީގަތް ހޯދުމަށް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން 'އައްޑޫލައިވް'ގެ ރިޕޯޓަރުން ވަނީ މިމީހާގެ އުފަންރަށް ކަމަށްވާ ޏ.ފުވައްމުލަކުގެ ފަރާތްތަކާއި އިންޓަވިއުކޮށްގެން މައުލޫމާތު ހޯދައިފައެވެ.

ނަމާއި ތަޢުލީމީ ފެންވަރު

"އާދަޔާއިޚިލާފު މޮޅު ޑޮކްޓަރެއްގެ" ނަމުން މަޝްހޫރުވެފައިވާ މިމީހާގެ ނަމަކީ މަޢުސޫމެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ތުރުކީގެ އަށް ނިސްބަތްވާ މަޢުސޫމު ތަޢުލީމު ޙާސިލުކުރީ ގްރޭޑް 5 އާއި ހަމަޔަށެވެ. ތަޢުލީމީ ޙަޔާތަށް މައުސޫމަށް އަލްވަދާޢު ކިޔަންޖެހުނީ، ދިމާވި ސިއްޙީ މައްސަލައެއްގައި، ބޭސްފަރުވާކުރަން މާލެދާންޖެހުނު ހިސާބުންނެވެ.އެހެންވީމާ މަޢުސޫމުގެ ތަޢުލީމީ ފެންވަރަކީ، ގްރޭޑް 4 ގެ ފެންވަރެވެ. މީގެއިތުރުން ރަސްމީ އެއްވެސް އިދާރާއަކުން މަޢުސޫމު ކިޔެވި ކަމުގެ ރިކޯޑެއް އެއްވެސް މަދުރަސާއެއްގައި ފެންނާކަށް ނެތެވެ.

މައުސޫމަށް ޤުރުއާން ކިޔަވަން އެނގޭތަ؟

މައުސޫމަކީ މަޝްހޫރު އެއްވެސް ޤުރުއާން ކުލާހަކުން ނުވަތަ ދަސްކުރާ ކުލާހަކުން ކިޔަވާ ވިދާޅުވި ބޭފުޅެއްކަމެއް އެނގޭކަށް ނެތެވެ. ޤުރުއާނާއި ވަރަށްވެސް ބީރައްޓެހި ބޭފުޅެކެވެ. މިކަމަށް ހެކިދީފައިވަނީ، މައުސޫމަށް ފަންޑިތަ ކިޔަވައިދިން، މައުސޫމުގެ އެންމެބޮޑު އުސްތާޒެވެ. އެމީހަކީ ފުވައްމުލަކު، ދޫނޑިގަމު އަވަށުގެ މަޝްހޫރު ފަންޑިތަވެރިޔާ މާހިރު ބޭބެއެވެ. ފުވައްމުލަކުން 'އައްޑޫލައިވް' އަށް މައުލޫމާތު ދިން މީހަކު މާހިރު ބޭބެ އާއި ހަވާލާދީ ބުނެފައިވަނީ، މައުސޫމު އަތުގައި އޭނާގެ (މާހިރު ބޭބެ) ފަންޑިތަ ފޮތްތައް ހުންނާނެ ކަމަށާއި، އެހެންނަމަވެސް، މައުސޫމަކަށް އަލިފުބާގެ އަކުރުތައްވެސް ރަނގަޅަށް ކިޔަން ނޭނގޭނެކަމަށެވެ.

މީގެ އިތުރުން ފުވައްމުލަކުގައި، މައުސޫމާއި އެއްކޮށް، ގޭގެއަށްގޮސް، ޤުރުއާން ކިޔަވަން އުޅުނު، ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ މެންބަރު ޙަސަން މުޠީޢު އޭނާ އާއި އެކު ގޭގެއަށް ކިޔަވަންދަނީ، މަޢުސޫމަށް ޤުރުއާން ކިޔަވަން ނޭގޭތީ ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ. ފުވައްމުލަކުގެ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މައުސޫމުގެ ބޮޑުމީހަކީ، މިދެންނެވި ކައުންސިލަރ ޙަސަން މުތީއު އެެވެ. މިކަމަށް ބާރު ލިބޭ އަނެއް ކަމަކީ މައުސޫމް އަމިއްލައަށް އޭނާގެ ބޮޑުމީހާ އަކީ ހަސަން މުތީއު ކަމަށް ބުނެ ސ.މަރަދޫ ބުރުޒު މިސްކިތުގެ އިމާމު ޢަލީ ޝައުޒޫނާއި ވާހަކަ ދައްކާފައިވުމެވެ.

މީގެ އިތުރުން މައުސޫމު ޤުރުއާން ކިޔެވިއަޑުއެހި ހަމަ އެކަމުވެސް ހުރިކަމަކަށް ނުވެއެވެ. ޝަރުޢީ ރުޤުޔާ ކުރެވޭނީ ޤުރުއާން ކިޔަވައިގެން ކަމަށް ވާއިރު ޤުރުއާން ކިޔަވަން ނޭނގޭ މީހަކު އެކަން ކުރާނެ ގޮތާއި މެދު ސުވާލު އުފެދެއެވެ. ރުޤިޔާ ކުރުމުގެ ނަމުގައި މައުސޫމް ބައެއް ގޭގެއަށް ގޮސްފައިވާއިރު އޭނާ ޤުރުއާން ކިޔެވި އަޑު އިވުނު އެއްވެސް މީހަކު ހުރިކަމަކަށް ނުވެއެވެ. އޭނާގެ ކިބައިން، ފެންނަނީ 'ސިމިސިމި' ލެއްވުމާއި ތުންތެޅުވުމާއި ފާޑުފާޑުގެ ވައްތަރު ޖެއްސުން ކަމަށް ވެއެވެ.

ފުވައްމުލަކުގައި މައުސޫމު

ފުވައްމުލަކު ރައްޔިތުން ބުނަނީ، ތިމަންމެން މަޢުސޫމު ދަންނަނީ، ޒުވާނުން ބޯއެއްޗެހި ބޮއެ އެފަދަ ވިޔަފާރިތައްވެސް ކުރާ ކުއްޖެއްގެ ގޮތުގައިކަމަށެވެ. އައްޑޫގައި މަޢުސޫމު ހޯދާފައިވާ ދަރަޖައާއި، އައްޑޫގައި މަޢުސޫމުގެ މޮޅުކަމުގެ ވާހަކަ ކިޔައިދިނުމުން، ފުވައްމުލަކު މީހުންނަށް އެކަންވީ ހައިރާންކުރުވަނިވި ކަމަކަށެވެ. އެވާހަކަ އަޑުއެހުމަށް އެމީހުންގެ ދޫމައްޗަށް އައީ ޝަހާދަތުގެ ދެކަލިމައެވެ.

މަޢުސޫމުއާއި ޖިންނި

މައުސޫމަކީ ޖިންނި ގެންގުޅޭމީހެއްކަމަށް ތަފާތު އެކިފަހަރު މަތިން އޭނާ ވަނީ އެއްބަސްވެފައެވެ. އެގޮތުން މީސްމީހުންނަށް ޖެހިފައިވާ ބަލިތަކާއި އެފަދަ ބަލިތަކުގެ ތާރީޚުތައްވެސް، މައުސޫމާއި ހަމަޔަށް (ގިނަފަހަރު ގޯސްކޮށް) ގެނެސްދެނީ، ޖިންނީންކަމަށް މައުސޫމު ވަނީ އެއްބަސްވެފައެވެ.އަދި މިކަންކަމަށް އެހީތެރިވަނީ މުއުމިނު ޖިންނީން ކަމަށާއި، ކާފަރު ޖިންނީން ތިމަންނަ ބަހަށްޓަނީ ވަކި ހިސާބެއްގައި ކަމަށްވެސް މައުސޫމު ބުނެފައިވެއެވެ.

ނަމަވެސް ޖިންނީންނަކީ، އަހަރެމެންގެ ލޮލަށް ނުފެންނަ ބަޔަކަށްވާތީއާއި، އިންތިހާއަށް ދޮގުހަދާ އޮޅުވާލާ ބަޔަކަށްވާއިރު، އެއީ މުއުމިނު ޖިންނިއެއްކަން ނުވަތަ ނޫންކަންވެސް އެނޭނެ އެއްގޮތެއްވެސް ނޯންނާނެވެ. ކާފަރު ޖިންނީންވެސް ބުނާނީ ތިމަންނާއަކީ މުއުމިނު ޖިންނި އެއްކަމަށެވެ.

ޖުމްލަގޮތެއްގައި ބަލާއިރު "އާދަޔާއިޚިލާފު މޮޅު ޑޮކްޓަރަކަށް" ވެގެން އުޅޭ މައުސޫމުގެ ފަރުވާއަކީ، ކީރިތި ޤުރުއާން ކިޔަވައިގެން ދެވޭ ފަރުވާއެއް ނޫނެވެ. އެއީ ޖިންނީ ބޭނުންކޮށްގެން، އެބައިމީހުންގެ އެހީތެރިކަން ހޯދައިގެން ދެވޭ ފަރުވާއެކެވެ. ޖިންނީންނާއި ޑީލްތަކެއް ހަދައިގެން ދެވޭ ފަރުވާއެކެވެ. މައުސޫމުގެ ހުރިހާވެސް އެއްޗަކީ ޖިންނިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޢިލްމުވެރިޔަކު ވިދާޅުވިގޮތުގައި އެހެންވީމާ މައުސޫމު މިވަންނަނީ ސިޙުރުވެރިންގެ ތެރެއަށެވެ. މުއުމިނު ޖިންނިއަކަށް ވިޔަސް، ކާފަރު ޖިންނިއަކަށް ވިޔަސް، ޖިންނީންގެ އެހީތެރިކަން ހޯދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމަކެވެ. އެއީ ޝިރުކެވެ. މިފަދަ ފަންޑިތަ ހަދާމީހާއާއި، ފަންޑިތަޔަށް އެދޭމީހާވެސް ދީނުން ބޭރުވެގެން ހިގައިދާނެއެވެ. ނުވަތަ ޢަޤިދާ ކިލަނބު ވެދާނެއެވެ.

މައުސޫމުގެ ފުށުން ފެންނަންހުރި ސިޙުރުވެރިންގެ ބައެއް ޢަލާމާތްތައް

މައުސޫމުގެ އަމަލްތައް ހުންނަ ގޮތުން ސިހުރުވެރިންގެ ފަރާތުން ފެންނަ ބައެއް ކަންތައް އޭނާގެ ކިބައިން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ، ޖިންނީންގެ އެހީތެރިކަންހޯދުމެވެ. އަދި އަތުގެ ހުރިހާ އިނގިއްޔެއްގައި އަނގޮޓި އަޅައިގެން އުޅުމެވެ. އަދި އަތުން ފާޑުފާޑުގެ ވައްތަރު ޖެއްސުމެވެ. އަދި ޤުރުއާން ކިޔަވާކަމަށް ހަދަންވެގެން ކިޔާއެއްޗެއް ނޭނގޭގޮތަށް ސިމިސިމި ލެއްވުމެވެ.

މައުސޫމުގެ އެހީތެރިކަން ހޯދާފައިވާ ބައެއް މީހުން ކިޔައިދިން ގޮތުގައި އެމީހުން ގާތު، ތިބާ ރަނގަޅުވީ، ތިމަންނަގެ ގަދަކަމުން ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކު އަންހެންކަނބަލެއްގެ ގާތު މައުސޫމު މިހެން ބުނެފައިވާ ކަން އެ އަންހެން މީހާގެ އާއިލާ މީހަކު ވަނީ 'ބުނެފައެވެ. މީގެ އިތުރުން އަދި މުސްތަޤުބަލުގައި ވާނޭ ކަންކަން އެނގޭ ކަމަށް ވެސް މައުސޫމް ގެންދަނީ ދަޢުވާކުރަމުންނެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ސ.މަރަދޫ މިސްކިތުގެ އިމާމް ޝައުޒޫން ވިދާޅުވިގޮތުގައި މައުސޫމު ވަނީ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އޭނާގެ ލޯ އަނދިރިވާނެކަމަށް ބުނެފައެވެ. (މުސްތަޤުބަލުގައި ވާނޭ އެއްވެސްކަމެއް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭނގޭނެއެވެ.)

މައުސޫމު ގާތުގައި ހުރެގެން ޤުރުއާން ކިޔެވުމުން މައުސޫމަށް އުނދަގޫވެގެން އުޅުމަކީ ވެސް މައުސޫމުގެ ކިބައިން ގިނަބަޔަކަށް ފާހަގަކުރެވިފައިވާ ކަމެކެވެ. މިކަން ތަޖުރިބާކުރި މީހުންގެ ތެރެއިން އެކަކީ، ޝައުޒޫނެވެ.

ޝައުޒޫނު ވިދާޅުވި ގޮތުގައި، އެބޭފުޅާ ޤުރުއާން ކިޔަވާފައި، މައުސޫމާއި ދިމާލަށް ފުމެލާ ކޮންމެފަހަރަކު، މައުސޫމު ސިއްސައިގެން ދިޔަކަމަށެވެ. ޝައުޒޫންގެ އިތުރުން ޝެއިޚް އަހްމަދު ނާޒިހުވެސް މިގޮތަށް ކަންތައްކުރެއްވުމުން މަޢުސޫމު ސިއްސައިގެން ދިޔަކަމަށް ވެއެވެ.

މިދެބޭފުޅުން ކިޔެވި އާޔަތްތަކަކީ، އާޔަތުލްކުރުސި އާއި ބަޤަރާސޫރާތުގެ 102 ވަނަ އާޔަތެވެ. ތިބޭފުޅުންނަށްވެސް މިކަން ޓެސްޓު ކުރެވިދާނެއެވެ. މައުސޫމު ފެނުނީމާ އާޔަތުލް ކުރުސި ކިޔަވާފައި މައުސޫމާއި ދިމާލަށް ފުމެލާށެވެ. އޭރުން މައުސޫމަށް އުނދަގޫ ވާކަން ތިބޭފުޅުންނަށް ވެސް ފާހަގަކުރެވިދާނެއެވެ.

މިކަން 'އައްޑޫލައިވް'ގެ ނޫސްވެރިން ވަނީ ތަޖުރިބާކޮށްފައެވެ. އާޔަތުލް ކުރުސި ކިޔަވާފައި ފުމެލުމުން މައުސޫމް މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެތަނުން ދިއުމަށެވެ. މިފަދަ އެންމެހާ ކަންކަމުން ސާބިތުކޮށްދެނީ، މަޢުސޫމަކީ ސީޙުރުވެރިއެއްކަމެވެ.

މުއުސޫމު އަށް ވަޅުލާފައި ހުންނަ ސިޙުރު ހޯދިދާނެ ހެއްޔެވެ؟

ޖިންނީން ދޭ މަޢުލޫމާތެއްގެ ޢަލީގައި، މިވެނި ތަނެއްގައި، މިވެނިއެއްޗެއް އެބައޮތޭ ކިޔާފައި، ހަމަ އެބުނާތަނެއް ބަލައިގެން ނުވަތަ ކޮނެގެން، މިފަދަ މީހުން އެއްޗެހި ނަގާހަދައެވެ. ނަމަވެސް މާދަމާ މިފަދަ ޖިންނި ގެންގުޅޭ އެހެން މީހަކު ނުވަތަ މިއަށްވުރެ މޮޅު މީހަކު ގެއަށް ގެނަޔަސް އެމީހާވެސް ސިޙުރު ނަގާނެއެވެ. އަދި އޭގެ އަނެއް ދުވަހު އެހެން މީހަކު ގެނައި ކަމުގައިވިއަސް މިކަންވަނީ މިހެންނެވެ.
އެހެންވީމާ، ޖިންނި ގެންގުޅޭ މިހާ ސިޙުރު ނަގަނީއެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެއީ އޭނާ މަކަރާއި ޙީލަތުން ފައިސާ ހޯދަނީ އެވެ. އެހެންނޫނަސް ސިޙުރުވެރިޔަކު ސިޙުރު ނައްތާލާނެކަމަށް ބެލުމަކީ، މަސްވެރިޔަކު އޭނާ މަހައްދާ ދޯނި ފައްތާލާނެކަމަށް ބެލުންފަދަ ކަމެކެވެ.

މަޢުސޫމަށް މީހަކަށް ފަރުވާ ކުރެވިދާނެހެއްޔެވެ؟

ޖަވާބަކީ، ޖިންނި ބޭނުންކޮށްގެން، ޖިންނިތަކާއި ހެދޭ ޑީލްތަކެއްގެ ދަށުން، ވަގުތީ ފަރުވާއެއް ލިބިދާނެއެވެ. ނަމަވެސް އެއީ ދާއިމީ ފަރުވާއެއް ނޫނެވެ. އަދި ވަކީން ޚާއްޞަކޮށް ސިޙުރުވެރިޔާއާއި ޖިންނިތަކާއި މައްސަލަޖެހޭދުވަހު، ފަރުވާ ލިބިގަތް ހުރިހާ އެންމެންނަށް މައްސަލަަތަކެއް ދިމާވެދާނެއެވެ. އެހެންވީމާ އެއީ ފަރުވާއެކޭ ދެންނެވޭކަށް ނެތެވެ.

ޢިލްމުވެރިން މަޢުސޫމަށް ނަސޭޙަތް ދެއްވިހެއްޔެވެ؟

'އައްޑޫލައިވް'ގެ ފަރާތުން މައުލޫމާތު އޮޅުންފިލުވާލުމުން އެނގިފައިވާ ގޮތުގައި މަޢުސޫމަށް ނަސޭޙަތް ދެއްވި ޢިލްމުވެރިންގެ ތެރޭގައި، ޝެއިޚް މުޙައްމަދު ޝަމްޢޫނު އާއި ޝެއިޚް އަޙްމަދު މައުމޫނު އާއި ޝެއިޚް އަޙްމަދު ނާޒިހު ހިމެނެއެވެ. އަދި މީގެ އިތުރުން މަރަދޫ މިސްކިތުގެ އިމާމު އަދި އައްޑޫ ހައި ސްކޫލުގެ އިސްލާމް މުދައްރިސު ޢަލީ ޝައުޒޫނުވެސް ވަނީ، މައުސޫމަށް ވަރައްގިނައިރުވަންދެން ނަޞޭޙަތް ދެއްވާފައެވެ.

ނަމަވެސް މިހާރުވެސް، އެހެން މީހުންގެ ގާތުގައި މައުސޫމު ބުނަމުންދަނީ، ތިމަންނާ ކުރާކަންކަމަށް، އެއްވެސް ޢިލްމުވެރިޔަކު، ދެކޮޅު ނަހައްދަވާކަމަށެވެ. ދޮގުހަދައި އޮޅުވާލަނީއެވެ.

ކަން މިހެން ހުރުމާއިއެކު، އިސްވެ ބަޔާންވެދިޔަ ޙަޤީޤަތްތަކަށް ބަލާއިރު، މަޢުސޫމަކީ ޝަރުޢީ ރުޤުޔާ ކުރާ ފަންޑިތަ ވެރިޔެއް ނޫނެވެ. އަދި އެއްވެސް ގޮތަކުން އެކަމަށް ޤާބިލު މީހެއްވެސް ނޫނެވެ. އަދި މީނާއަކީ ސިޙުރުވެރީންގެ އެތައް ޢަލާމާތް ތަކެއް ފެންނަން ހުރި ސިޙުރުވެރިއެކެވެ. މަކަރުވެރި ޙީލަތްތެރިއެކެވެ. ކިޔުންތެރިންނާއި ހަމައަށް މިމަޢުލޫމާތު ގެނެސްދީފައިވަނީ އައްޑޫގައި ތިއްބެވި އެތައް ޢިލްމުވެރިންނެއްގެ ފަރާތުން އެހީތެރިކަން ހޯދުމަށް ފަހުގައެވެ.

މި މަސައްކަތަކީ، މަޢުސޫމާއި މައުސޫމު ފަދަ މީހުންގެ ސިޙުރާއި މަކަރުން ސަލާމަތްވެފައިވާ ބަޔަކަށް އައްޑޫ ސިޓީގެ ރައްޔިތުންނާއި ރާއްޖޭގެ އެންމެހައި ރައްޔިތުން ހެދުމަށްޓަކައި، އައްޑޫގައި ތިއްބެވި ދީނީ ޢިލްމުވެރިންތަކެއްގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. އަދި 'އައްޑޫލައިވް'ގެ އިޖްތިމާޢީ ޒިންމާއެއް ކަމުގައި ދެކިގެން މި މައްސަލަ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހެޅުމަށް މިހާރުވަނީ ނިންމާފައެވެ.

(ފަންޑިތަ ހެދުމުގައި ޖިންނީންގެ އެހީތެރިކަން ހޯދުމާއި ބެހޭގޮތުން އައްޝައިޚް މުޙައްމަދު ޝަމްޢޫންގެ ބަސް)