އައްޑޫ ސިޓީ، ފޭދޫ ބިންހިއްކުމާއި ބެހޭ ގޮތުން 'އައްޑޫލައިވް' އިން ފާއިތުވި ސެޕްޓެމްބަރ މަހުގެ ތެރޭގައި ގުޅާލުމުން މެންބަރ އައިބީ ވިދާޅުވެފައިވަނީ، ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާއި ކަމަށާއި، އެއީ ދުބާއީގެ ޕާމް އައިލޭންޑް ހިއްކުމުގެ މަސައްކަތް ކުރި ކުންފުނި ކަމަށް އައިބީ ވިދާޅުވިއެވެ.
ފޭދޫ ބިންހިއްކުމުގެ މަސައްކަތާއި ބެހޭ ގޮތުން އައިބީ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ގިނަބަޔަކު ވަނީ އައިބީ އަށް ފާޑުކިޔާފައެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެ ގިނަބަޔަކު ގެންދަނީ އައިބީ އަށް ޝުކުރު އަދާކުރަމުންނެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ފޭދޫ ބިން ހިއްކުމުގަ މަސައްކަތް ފާއިތުވި ބުރާސްފަތި ދުވަހު ވަނީ ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައެވެ. އެ މަސައްކަތް ހަވާލުކުރީ އައިބީ ކުރިން ވިދާޅުވި ގޮތަށް ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވޭން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާއި އެވެ.
އެންމެ ފުރަތަމަ ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ބުނި މުއްދަތު ފާއިތުވެގެން ދިޔަ އިރުވެސް އެކަން ފެށިފައި ނުވުމުން، ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އެ ފާޑުކިޔުންތައް ވަކި ހިސާބަކުން ވަރަށް ބޮޑަށް ޒާތީވެގެން ގޮސް ސީދާ އައިބީއަށް ފާޑު ކިޔަން ފެށިއެވެ.
މިގޮތުން އެމްޑީޕީއަށް ތާޢީދު ކުރާ މީހުން ބުނާ ގޮތުގައި، އައިބީ އަކީ ރިސޯޓެއްގެ ވެއިޓަރެއްގެ ވަޒީފާ އަދާކުރި މީހެއް ކަމަށާއި، އެހެން ކަމުން މަޖިލީހަށް އެބޭފުޅާ ކުފޫ ހަމަނުވާ ކަމަށެވެ. އައިބީގެ ފެންވަރެއް ނެތޭ ކިޔާފައި ފާޑުކިޔަމުންދާ ފޭދޫގެ ރައްޔިތުން ޤަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ މެންބަރު ކަމަށް އައިބީ ހޮވިވަޑައިގަތީ، ފޭދޫގެ ރައްޔިތުންގެ ވޯޓާއި އެކު ކަމެވެ. ޑިމޮކްރަސީ އަކީ މެޖޯރިޓީއަށް ތަބާވުން ކަމަށް ވާއިރު ގިނަ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރަން ޖެހެއެވެ. އަދި ހަމަ އެގޮތަށް ފާޑުކިޔާނެ ބަޔަކު ތިބޭނެ ކަން ވެސް ޤަބޫލުކުރަން ޖެހެއެވެ.
" އަހަރުމެން ގަބޫލުކުރަން އައިބީ އަށް ތައުލީމީ މީހުން މަޖިލީހުގައި އެބަތިބި. އެކަމަކު ވަޅުޖެހިފައިވާ ފޭދޫގެ ތަރައްޤީއަށް އޭނާ މަސައްކަތް އެބަ ކުރޭ. އެގެންދަނީ ސަރުކާރަށް އުނދަގޫ ކޮށްގެން ވިޔަސް ފޭދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ބާރުއަޅަމުން" ފޭދޫގެ ޒުވާނަކު ބުންޏެވެ.
މަޖިލިސް މެންބަރު ކަމަށް އައިބީ އިންތިޙާބް ކުރެވުނު ފަހުން ފޭދޫގެ ކުރިއެރުމަށް ގިނަގުނަ ކަންތައްތަކެއް ވަނީ ކުރެވިފައެވެ. އޮގޮތުން ފޭދޫގެ ބައެއް މަގުތަކުގައި، ތާރު އެޅުމުގެ އިތުރަށް ބޮޑުމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަމަށާއި ތަފާތު އެހެނިހެން ދާއިރާތަކުން ވަނީ ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އައްޑޫގެ އެހެން ރަށްތަކަށް ވުރެ ކުރިން ޕެރަމެޑިކް އެމްބިއުލާންސެއް ފޭދޫއަށް ގެނައުމަށް ވެސް މެންބަރު އިބްރާހިމްދީދީ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.
މީގެ އިތުރުން ޒުވާނުންގެ މެދުގައި އައިބީގެ މަޤުބޫލުކަން އިތުރުވެގެން ގޮސްފައިވަނީ، ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް އައިބީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާތީއެވެ. އެގޮތުން އެމްޑީޕީއަށް ތާޢީދުކުރާ ޒުވާނުން ވެސް ގެންދަނީ މެންބަރު އައިބީ އަށް ތައުރީފުކުރަމުންނެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ބުނި ގޮތުގައި ފޭދޫ ބިންހިއްކުމާއި ބެހޭގޮތުން އައިބީ ސުވާލު ނުކުރައްވާ ހަފްތާއެއް ފާއިތުވެގެން ނުދާކަމަށެވެ. ފޯނުން ގުޅައިގެން ނުވަތަ އަމިއްލަފުޅަށް މިނިސްޓްރީއަށް ވަޑައިގެން އެކަމާއި ބެހޭ މައުލޫމާތު އޮޅުން ފިލުވާކަމަށެވެ.
"ހަފްތާ އަކު އެއް ފަހަރު ވަޑައިގަންނަވާނެ. ނުވަތަ ފޯނުން ގުޅައިގެން އޮޅުންފިލުވާނެ ކިހާ ހިސާބެއްގައި ތޯ ބިންހިއްކުމުގެ ކަންތައް އޮތީ." އޮފިޝަލް ބުންޏެވެ.
މެންބަރު ކަމަށް އައުމުގެ ކުރިން އައިބީ މަސައްކަތް ކުރެއްވީ ރިސޯޓެއްގައެވެ. ރިސޯޓްގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު އެ ރޮނގުން ރާއްޖެއިން ބޭރުން ތަމްރީންތައް ޙާސިލްކުރެއްވިއެވެ. އަދި ސީދާ އައިބީގެ ބެލުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ބަޔަކަށް ތަމްރީން ދެވިފައިވެއެވެ.
ރިސޯޓުގައި ވަޒީފާ އަށް ފަހު ރަށަށް ބަދަލުވެ، އައިބީ ވަޒީފާ އަދާކުރައްވާފައި ވަނީ ސ.ގަމުގައި ހިންގާ ސައުތް ލޭންޑް ރެސްޓޯރެންޓްގެ އެމްޑީއެއްގެ ގޮތުގައެވެ. އެ ރެސްޓޯރެންޓުގެ ކަންތައް ކުރިއަށް ގެންދެވި ގޮތް ރަނގަޅުކަމުން އެ ރެސްޓޯރެންޓުގެ ޙިއްސާގެ %30 ވެރިފަރާތުން އައިބީ އަށް ދިނެވެ. އޭގެ ފަހުން ރެސްޓޯރެންޓުގެ އެހެން ހިއްސާދާރެއްގެ ހިއްސާ ވިއްކާލުމުން ބައްލަވައިގަނެ މިހާރު ސައުތު ލޭންޑްގައި އައިބީގެ %50 ހިއްސާ އެބައޮތެވެ.
ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން، މަޖިލީހުގެ ހާޒިރީއަށް އެންމެ ފަރުވާތެރި ބޭފުޅެއް ކަމުގައިވާ އައިބީ އަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިތުރުން ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. އައިބީ އަށް ތާޢީދުކުރައްވާ ބޭފުޅުންގެ ނަޒަރުގައި، މިއީ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވާ ކަމެކެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވިގޮތުގައި އޭނާއަށް ވުރެ ތަޢުލީމީ ގޮތުން ފުންނާބު އުސްބޭފުޅުން މަޖިލީހުގައި ރައްޔިތުންގެ ޙައްޤުގައި ކޮށްދެއްވަނީ ކޮންކަމެއްތޯ އައިބީ ސުވާލު އުފެއްދެވިއެވެ.
" އަޅުގަނޑަށް ވުރެ މަތީ ފާސް ނަންގަވައިގެން ދާއިރާގެ ރައްޔިތުންގެ ހައްޤުގައި އަޑު އުފުލުމުގެ ބަދަލުގައި އެހެން ކަންތަކެއް މިކުރަނީ މަޖިލީހުގައި. އަޅުގަނޑުގެ ހުރިހާ ވެސް ވަގުތެއް މިދެނީ ފޭދޫގެ ރައްޔިތުން އަޅުގަނޑާއި ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް" އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވާ ގޮތުގައި އެބޭފުޅާ ހުންނެވީ އަމިއްލަ ފާއިދާއަށް މަސައްކަތްކުރުމެއް ނެތި، ފޭދޫގެ ރައްޔިތުންނާއި އަދި އައްޑޫގެ އެންމެހައި ރައްޔިތުންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ތައްޔާރަށެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލްކުރައްވާ ހުރިހާ މެންބަރުންނަށް ވެސް އެގޮތަށް މަސައްކަތް ކޮށްދެއްވުމަށް އައިބީ ވަނީ ގޮވާލައްވާފައެވެ.
ކޮންމެ ޕާޓީއެއްގައި ހުންނެވި ކަމުގައި ވިޔަސް ކޮންމެ މެންބަރެއްގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނަންވީ އައްޑޫގެ ތަރައްޤީއެވެ. ފޭދޫ ރައްޔިތުން ބުނާގޮތުގައި އައިބީ އެމީހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ގޮތް އެމީހުން ބަލައިގަންނަނީ އުފަލާއި އެކުގައެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް އެއްފަރާތް ކުރުމަށް ފަހު އައިބީ އަކީ ފޭދޫގެ އެންމެން ތައުރީފްކުރާ މެންބަރަށް މިވަނީ ވެފައެވެ.