2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫ ސިޓީ، ހިތަދޫގެ ބޮޑުމަގުގައި ތާރު އަޅައި ހެދުމުން އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔައެވެ. ހިރަފުހާ ހެދި ސަލާމަތް ނުވެގެން އުޅުނު މީހުންނަށް ބޮޑު މަގު ހެދުމުން ލިބުނީ އާދަޔާ ޚިލާފް ހިތްހަމަޖެހުމެކެވެ. މީގެ އިތުރުން ވެހިކަލްތައް ދުއްވާ މީހުންނަށް ލިބުނީ އެއަށް ވުރެ ބޮޑު ހިތްހަމަޖެހުމެކެވެ.
ނަމަވެސް ތާރުއަޅައިގެން ހެދި މަގު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ނުގެންދާތީ، އެމަގުން ދަތުރުކުރާ ފަރާތްތަކަށް މިވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ވިއްސާރަ ވެއްޖެ ނަމަ މަގުގެ މެދުގައި ދެފަރާތުގައި ފެންބޮޑުވެ ދަތުރުކުރަން އުނދަގޫވެއެވެ. އެހެން ދުވަސްތަކުގައި ހިރަފުހުގު ސަބަބުން މަގުން ދަތުރުކުރާ މީހުންނަށް ބޮޑެތި ދަތިތަކާއި މިވަނީ ކުރިމަތިލާންޖެހިފައެވެ. އޭގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.
" މަގުގެ ދެ ފަރާތުގައި ބީޗް ހެދިފައި މިއޮންނަނީ. ބާރު ސްޕީޑްގައި ކާރެއް ދުއްވާފައި ދާއިރު ފަހަތުން ސައިކަލްގައި ދާ މީހާއަށް ހީވަނީ ވެލީގެ ތޫފާނެއްގެ ތެރެއަށް ވެދެވޭ ހެން" ހިތަދޫގެ ޒުވާނަކު ބުންޏެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހަކާއި ގުޅިގެން އައްޑޫގެ މަގުތަށް ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުވުމުގެ ކުރިން ހިތަދޫ ބޮޑުމަގު ބަލަހައްޓަމުން ދިޔައީ، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. ނަމަވެސް އޭރުވެސް އެ މަސައްކަތްތައް އެންމެ ރަގަޅަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އައްޑޫގެ މަގުތައް ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުވުމުން ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އެ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީގެ ފަރާތުން ވެސް އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާ ތަނެއް ނުފެނެއެވެ.
އެމްއާރްޑީސީގައި މަސައްކަތް ކުރައްވާ ބޭފުޅަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ހިތަދޫ ބޮޑުމަގު ކޮންމެ ދުވަހު އެއްފަހަރު ސާފުކޮށްގެން އެމައްސަލަ ހައްލުކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެއީ ކޮންމެ ދުވަހަކު ކުރަން އެހާ ފަސޭހަ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ހުއްޖަތެއް ގޮތުގައި އެބޭފުޅާ ދެއްކެވީ ލަންކާ ސަރުކާރުގެ އެހީގެ ދަށުން ހެދި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގެވެ.
" ލަންކާ އިން ހެދި މަގު ހަދާފައިވާ ގޮތަށް ހިތަދޫގެ ބޮޑު މަގަށް ނިކުންނަ ގޯޅި ތަކާއި ދިމާލަށް 10 ވަރަކަށް ފޫޓަށް ތާރު އަޅަންވީ. އޭރުން ތާރު މަގަށް ވެލި އެރުން މަދުކުރެވިދާނެ. " އޭނާ ވިދާޅުވިއެވެ.
ތަންކޮޅެއް ކުރިން ހިތަދޫ ބޮޑުމަގަށް ނިކުންނަން އޮންނަ ގޯޅިތަކުގައި ކޮންމެވެސް ވަރަކަށް ތާރު އަޅަން ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު މިހާތަނަށް އެއްވެސް ހިސާބެއްގައި އެފަދަ މަސައްކަތެއް ފެށިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ހިތަދޫގެ ބައެއް ރައްޔިތުން ޤަބޫލުކުރާ ގޮތުގައި، މަގު ސާފުކުރަން މީހުން ނުނެރެ ވެސް އެކަން ކުރެވިދާނެ ގޮތްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި މަގު ސާފުކުރާ ޙާއްސަ މެޝިނަރީ ގެނައުން ހިމެނެއެވެ. އެހެން ނަމަވެސް މިފަދަ މެޝިންތައް ގެނައުމަކީ، ކުރެވިދާނެ ކަމެއްތޯ ނުވަތަ ސަރުކާރުން ކޮށްދީފާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.
ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ މަގުތައް ބެލެހެއްޓުމަށް، ބޭނުންވާ ބައެއް ވެހިކަލްތައް އައްޑޫއަށް ގެނައުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އައިބީ ޤަބޫލުކުރައްވާ ގޮތުގައި އެ ވެހިކަލްތައް ގެނެވުމުން ހިތަދޫގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ވެސް ހައްލުކުރެވިގެން ދާނެ ކަމަށެވެ.
ސަރުކާރަށް ހައްލު ނުކުރެވުނު ! އަހަރުމެން އަމިއްލައަށް މަސައްކަތް ކުރަމާ ؟
ހިތަދޫގެ ރައްޔިތުން މަގު ސާފުނުކުރެވި އުނދަގޫ ތަކާއި ކުރިމަތިވެގެން ޝަކުވާކުރާ އިރު، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މަގު ސާފުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ސަރުކާރުގެ ކިބައިގައި ޤާބިލްކަން ނެތިގެން އެކަން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ، ހަމަ ހިތަދޫގެ ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެގެންދާނެ ދުވަހެކެވެ.
އެހެންކަމުން ހިތަދޫގެ ރައްޔިތުން އިޖްތިމާޢީ ޒިންމާއެއް ކަމުގައި ދެކިގެން އެކަން ކުރެވިދާނެއެވެ. ހިތަދޫއަށް އެކަނި ބެލިކަމުގައި ވިޔަސް އެތައް ޖަމިއްޔާތަކެއް ރަޖިސްޓްރީ ކޮށްގެން ހިންގައެވެ. އެހެން ކަމުން ހިތަދޫގައި ތިބި ވިޔަފާރިވެރިންގެ ވެސް އެހީތެރިކަމާއި އެކު މަހަކު އެއްފަހަރު ނަމަވެސް ބޮޑު މަގު ސާފުކުރެވިދާނެއެވެ. އޭގެ މަންފާކުރާނީ، ހުރިހާ ރައްޔިތުންނަށެވެ.