Last Updated: November 24, 10:22
Sunday, November 24, 2024
ޚަބަރު

ޖުޑިޝަރީގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަދައްކާ ވަކީލުންނާ މެދު ފިޔަވަޅު އަޅަނީ

ޖުޑިޝަރީގެ އިތުބާރު ގެއްލޭ ގޮތަށް ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކާ ގާނޫނީ ވަކީލުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފި އެވެ.

ޑީޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނީ ވަކީލުންނަކީ ގާނޫނީ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގައްޔާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި އެފަދަ ޒިންމާއެއް އަދާ ކުރަމުންދާ ބައެއްގެ ސުލޫކާއި އަހުލާގު ބައްޓަންކޮށް ބަލަހައްޓަމުން ގެންދިއުމަކީ ސުޕްރީމް ކޯޓުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޯޓުތަކުގައްޔާއި ކޯޓުން ބޭރުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނާ ބެހޭ ގަވައިދާ ހިލާފަށް އަމަލު ކުރާ ވަކީލުންނާ މެދު އެ ވަގުތަކު އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގެ ބާރު ސުޕުރީމް ކޯޓަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ކަމުގެ ހަގީގަތާ ހަމައަށް ވާސިލުވުމެއް ނެތި ހަގީގަތް އޮޅޭ ގޮތައް އަދި ރައްޔިތުންގެ މެދުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާމެދު އޮއްނަ އިތުބާރު ގެއްލޭ ގޮތައް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފަށް ދައްކާ ވާހަކަތަކަކަށް ވާތީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަން މި ފުރުސަތުގައި ހަނދާންކޮށްދެމެވެ،" ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސުޕުރީމު ކޯޓުން މިދިއަ ހަފްތާގެ ތެރޭގައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބުގެ ގާނޫނީ ވަކީލު ޙުސައިން ޝަމީމަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

ސުޕުރީމް ކޯޓުން ބުނެފައި ވަނީ ޝަމީމް ސަސްޕެންޑްކުރީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ޢަމަލުކުރަންޖެހޭ ގަވައިދުތައް ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސާކިއުލާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު"ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޙުސައިން ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވަމުންދާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅުއްވަންދެން ކަަމަށެވެ.