އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ތަރުޖަމާންގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް އަލީ ޒާހިރު މިދިޔަ ހަފުތާގައި އައްޔަންކޮށްފި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އެ ޕާޓީގެ ނައިބު ރައީސްކަމަށް އަލީ ޒާހިރު އައްޔަންކުރީ އެ މަގާމުގައި ހުންނެވި ޑރ. މައުރޫފް ހުސެއިން އިސްތިއުފާ ދެއްވުމުންނެވެ. 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބައެއް ސަބަބުތަކަށްޓަކަ އެވެ.
އަދާލަތު ޕާޓީން ބުނީ އަލީ ޒާހިރު އެ މަގާމަށް އައްޔަންކުރީ މަޝްވަރާ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތަކުން ކަަމަށެވެ. އެ ޕާޓީ އަށް މިހާރު ކުރިމަތިވެފައިވާ ނާޒުކު ހާލަތުގައި، އާއްމު މެމްބަރުން ބޭނުންވާ މިސްރާބަށް ޕާޓީ ގެންދިއުމުގެ ގާބިލްކަން އަލީ ޒާހިރުގެ ހުރި ކަމަށް ގަބޫލްކުރާ ކަމަށް އަދާލަތުން ބުންޏެވެ.
އަދާލަތުން ބުނީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުުހައްގުން ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ޕާޓީ އަށް އިތުރު ކުރިއެރުން ގެނެސްދެއްވަން އަލީ ޒާހިރު މަސައްކަތް ކުރައްވާނެ ކަމަށެވެ.
މެއި 1 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އޭނާގެ ޝަރީއަތް ފަށައި ތިން މަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އިމްރާން ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފަ އެވެ.