ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅޭ މީހުންނަކީ ވަރަށް ހެއްވާ ބައެކެވެ. އެމީހުން މިއަދު ހެނދުނު ދައްކާ ވާހަކަ އާއި މިރޭ ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ދިމާ ނުވާނެއެވެ. ދުވާލު ގަޑީގައި މީ ރޭގަނޑޭ ބުނަން ވެސް އެބޭފުޅުން ފަހެއް ނުޖެހޭނެއެވެ.
ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ސިޔާސީ ބޭފުޅުން ކޮންމެ އެއްޗެކޭ ކިޔަސް އެއަށް ސަނާ ކިޔާނެ މީހުން އަހަރުމެންގެ ތެރޭގައި ތިބެއެވެ. އެހެން ކަމުން ސިޔާސީ މީހުން ކުރާ ކޮންމެ ކަމެއްގެ ޒިންމާ ނަގަން ރައްޔިތުން ވެސް ޖެހޭނެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚް ހޫނުވެގެންދާ ކޮންމެ ފަހަރަކު އިވޭ އެއް އަޑަކީ، ކޮންމެވެސް ޕާޓީ އަކުން ރާއްޖޭގެ ކޮންމެ ވެސް ރިސޯޓަކަށް ނާންނާށޭ ބުނެ ގޮވާލާ އަޑުތަކެވެ.
މާޒީއަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އެންމެ ގިނައިން ގޮވާލާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ. މިއީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ފަރާތުން ތަފާތު އެކި ފޯރަމް ތަކުގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީ އިން ގޮވާލަނީ ހަމައެކަނި ވަކި ބައެއްގެ ރިސޯޓުތަކަށް ނުދިއުމަށް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ފަރާތުން ގޮވާލާ މިފަދަ ގޮވާލުން ތަކާއި ގުޅިގެން އޭގެ ގެއްލުން ކުރިމަތިވެގެން ދަނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަށެވެ.
އޮކިއުޕެންސީ ދަށްވެގެން ދަނީ ހަމައެކަނި، ޤާސިމް އިބްރާހިމް ނުވަތަ ސަން ޓްރެވެލް ސިޔާމްގެ ރިސޯޓު ތަކުގައެއް ނޫނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ ގިނަ ދުވަސް ވެފައިވާ ފަރާތަކުން ބުނި ގޮތުގައި ސިޔާސީ މަންފާ ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ. އޭގެ ސަބަބުން ގެއްލުން ވަނީ ސީދާ ރާއްޖޭގެ އެންމެ އާދައިގެ އާއިލާތަކަށް ކަމަށް އޭނާ ޤަބޫލުކުރެއެވެ.
" އަހަރެން ގަބޫލުއް ނުކުރަން ބޮއިކޮޓު ކުރަން ޖެހޭނެ ކަމަށް. ސަން ސިޔާމު ސިޔާސީ ގޮތުން ގޯސް ހަދަންޏާ އެކަމާ ސިޔާސީ ގޮތުން ދިމާކުރަންޖެހެނީ. އޭނަގެ ރިސޯޓު ތައް ބޮއިކޮޓު ކުރީމަ ނިކަމެތި މީހާގެ މުސާރަ (ސާވިސްޗާޖް) ކުޑަވެގެން ދަނީ."
މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ވަކި ރިސޯޓުތަކަށް ޒިޔާރަތް ނުކުރުމަށް ސީދާ އެމްޑީޕީގެ ބައެއް ފަރާތްތަކުން ގޮވާލާފައި ވާއިރު، މިހާރު އެޕާޓީގެ ފަރާތުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ދަށްވަމުން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
ބޮއިކޮޓު ކުރަން ގޮވާލުމަށް ފަހު، ފަތުރުވެރިކަން ދަށަށް ދިޔައީމާ އެކަމާއި ކަންބޮޑުވުން ވެސް ފާޅުކުރަނީ އެވެ. އެހެން ނަމަވެސް މިފަހަރު އެމްޑީޕީގެ މެންބަރުން ބުނާ ވާހަކައެއް އެބައޮތެވެ. އެއީ، ފަތުރުވެރިކަން ދަށަށް ގޮސްގެން އުޅެނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކަމަށެވެ. އެ ބޭފުޅުންގެ ނަޒަރުގައި ގޯސްވަނީ ސަރުކާރެވެ.
އަޅުގަނޑުގެ ނަޒަރުގައި އެމްޑީޕީ އިން ވެސް ޒިންމާ ނަގަން ޖެހޭނެއެވެ. ސިޔާސީ މަންފާއެއް ހޯދުމަށް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާތީއެވެ.