ޤާނޫނު އަސާސީގެ 112 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވަނީ ނައިބު ރައީސަކު ކަނޑައަޅަނީ ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން އެހީތެރިވެދިނުމަށް ކަމަށާއި އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ، ގާނޫނުއަސާސީގައިވާ ގޮތުން، އެ މަގާމާ ދެން ހަވާލުވާނީ ނައިބު ރައީސް ކަމަށެވެ.
2008 ވަނަ އަހަރުން ފެށިގެން ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި ހަތަރު ނާއިބު ރައީސަކު ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ނައިބު ރައީސް ކަމުގެ މަގާމުން ރައީސަށް ނުވަތަ ރައްޔިތުންނަށް ލިބޭ ފައިދާ އަށް ވުރެ، އުފެދޭ މައްސަލަތައް ބޮޑު ކަން ފާހަގަކުރެވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި 2 ވަނަ ނާއިބު ރައީސް އަހްމަދު އަދީބު މަގާމުން ވަކިކުރުމާ އެކު ގިނަ ބަޔަކު ވަނީ ރާއްޖެއަށް ނައިބު ރައީސަކު ބޭނުންވޭތޯ ސުވާލު އުފައްދަން ފަށާފައެވެ. އެއް ބަޔަކު ޤަބޫލު ކުރާ ގޮތުގައި، ރާއްޖެއަށް ނައިބު ރައީސަކު ބޭނުމެއް ނުވެއެވެ. ނައިބު ރައީސް ކަމުގެ މަޤާމު އުވާލާ ގޮތަށް ޤާނޫނު އަސާސީ އިސްލާޙް ކުރުަމަށް މަސައްކަތް ކުރެވެމުން ދާކަމުގެ ވާހަކަ ތައް ވެސް ދެކެވެމުންދާ ކަން ފާހަގަކޮށްލެވެއެވެ.
ނައިބު ރައީސް އަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް އެހީތެރިވާން ހުންނަވާ ބޭފުޅާގެ މަޤާމެވެ. އެހެން ކަމުން އެ މަޤާމު އުވާލެއްވުމަކީ، ރައީސްގެ މަސައްކަތްތައް އިތުރުވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ. އެހެންވެ އެކަމާއި މެދު ވެސް ސިޔާސީ ބޭފުޅުންގެ ޚިޔާލު ތަފާތެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚަށް ބަލާއިރު ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ބުނަމުން ގެންދަނީ، އެ ޕާޓީއަކީ ރާއްޖޭގެ ވެރިކަން ކުރުމަށް އެންމެ ކުޅަދާނަ ޕާޓީ ކަމުގައެވެ. ދޭތެރެއަކުން ސިޔާސީ ނުތަނަވަސްކަން ނައްތާލުމަށް އަވަސް އިންތިޙާބު ތަކަށް ގޮވާލި ނަމަވެސް އިންތިހާބުގެ ނަތީޖާ އާއި ހިސާބުން ކޮންމެވެސް އެއްބަޔަކަށް ގޯސްވެގެން ދަނީ، އިލެކްޝަންސް ކޮމިޝަނެވެ.
އެއްވެސް ބަޔަކު ސިޔާސީ ގޮތުން ބަލި ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމްކުރުމަށް 2 ރައީސުން ކިހިނެއް ވާނެ ހެއްޔެވެ؟
އިންތިޙާބެއް ބޭއްވުމަށް ފަހު އެންމެ ގިނަ ވޯޓު ހޯއްދަވާ 2 ބޭފުޅުން ރައީސް ކަމުގެ މަޤާމާއި ހަވާލު ކުރަންވީއެވެ. އޭރުން ރާއްޖޭގެ 2 ރައީސުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ ރާއްޖޭގެ ތަރައްޤީއަށްޓަކައެވެ. މިގޮތަށް ޢަމަލުކުރަން ފެށުމާއި އެކު، ރައީސް ކަމުގައި ތިއްބަވާ ބޭފުޅުންނަށް ސަލާމަތީ ބާރުތަކަށް އަމުރު ކުރުން ހުއްޓުވަން ޤާނޫނަށް ބަދަލު ގެންނަން ޖެހޭނެއެވެ. އެހެން ނޫންނަމަ ކޮންމެވެސް އެއް ރައީސަކު ބަޣާވާތެއް ގެނައުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވާތީއެވެ.
ސަރުކާރުގެ ކެބިނެޓުގައި ވެސް ކޮންމެ މިނިސްޓްރީއަކަށް 2 މިނިސްޓަރުން އައްޔަން ކުރައްވަން ވާނެވެ. އޭރުން ކޮރަޕްޝަންގެ މައްސަލަތައް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑަށް ވެސް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
މިނިވަން މުއައްސަސާތަކުގައި ވެސް ތިއްބަވަން ޖެހޭނީ، ރައީސް ކަމުގައި ތިއްބަވާ 2 ބޭފުޅުން އައްޔަން ކުރާ 2 ފަރާތެކެވެ. އޭރުން އެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ފްލެޓްތައް ހަވާލުނުކޮށް ވެސް ދެމެހެއްޓިދާނެއެވެ.
ރާއްޖެއަކީ، ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމެއް ކަމުން ކޮންމެ އަތޮޅެއް ވެސް ބެލެހެއްޓުމަށް 2 ވެރިން ހަމަޖައްސިދާނެއެވެ. މިގޮތަށް އައްޔަން ކުރާ ވެރިންނަކީ 2 ރައީސުން އައްޔަން ކުރާ ބަޔަކަށް ވާން ޖެހޭނެއެވެ. އޭރުން ރަށްތަކުގައި ވެސް އިންސާފުން ކަންތައް ކުރެވެން ވާނެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޚަށް ބަލާއިރު ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ހުރިހާ ސިޔާސީ ބޭފުޅުން ވެސް ބޭނުންވަނީ ވެރިކަމާއި އާރާއި ބާރު ކަމެވެ. ސިޔާސީ ގޮތުން އެއްބަޔަކަށް އަނެއް ބަޔަކު ގޯސްވެގެން ހަޅޭއްލަވަމުން ދަނީ ރައްޔިތުންނަށް ހެޔޮ އެދިގެނެއް ނޫނެވެ. އެހެން ކަމުން 2 ރައީސުން ގެނެސް ސަރުކާރު ހަމައަށް ބަހާލައިފި ނަމަ ހަމަ ފަހަރެއްގައި ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކާއި ހަނގުރާމަ ނުކޮށް ޤައުމު ކުރިއަރުވަން މަސައްކަތް ތަކެއް ކޮށްފާނެއެވެ.