މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަށް ވީނުވީއެއް "ނޭނގުނު" މައްސަލަ އޭސީސީން މިހާރު ވަނީ ބަލަން ފަށާފައި ވާއިރު، އެތަނުގެ ފައިނޭންޝިއަލް ރިކޯޑްތަކުން އެއްވެސް ރަށެއް ވިއްކާފައިވާކަން އެނގެން ނެތްކަން ހާމަވެއްޖެއެވެ.
އޭސީސީގެ އޮފިޝަލަކު، 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އެމްއެމްޕީއާރްސީ އިން ގިނަ ރަށްތަކެއް ވިއްކާފައިވާއިރު، އޭގެ އެއްވެސް ރިކޯޑެއް އެތަނުގެ ފައިނޭންޝިއަލް ރިކޯޑް ތަކުން އެނގެން ނެތް ކަމަށެވެ. އެހެން ނަމަވެސް ރަށްތަކަށް ފައިސާ ދެއްކި ފަރާތްތަކުން، ފައިސާ ދައްކާފައިވަނީ ސީދާ އެމްއެމްޕީއާރްސީއަށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވަނީ، ކިހާ ފައިސާއެއް ކަން ރަސްމީކޮށް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް އެ އަދަދު 70 މިލިއަން ޑޮލަރާއި ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ބުންޏެވެ.
އެމްއެމްޕީއާރްސީ އިން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެން އެތަނުގެ މނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.