އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ވިއްކާ މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އެއް އަހަރުގެ ތެރޭގައި 26 ޕަސެންޓް ހެޔޮވެފައިވާކަން އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮމެސްޓިކް ފްލައިޓްތަކަށް 0.91 ސެންޓަށް ވިއްކި ޖެޓް ފިއުލް ލިޓަރެއްގެ އަގު މިހާރު ވަނީ 0.67 ސެންޓަށް ހެޔޮކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 26.76 ޕަސެންޓްގެ ހެޔޮވުމެކެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން މިހާތަނަށް 21.17 ޕަސެންޓް ހެޔޮވިއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ 40.76 ޕަސެންޓް ހެޔޮވެފަ އެވެ.
މީގެ އިތުރުން، އިންޓަނޭޝަނަލް ފްލައިޓްތަކަށް ކުރިން 0.92 ސެންޓަށް ވިއްކި ޖެޓް ފިއުލް ލީޓަރެއް މިހާރު ވިއްކަނީ 0.67 ސެންޓަށެވެ. އިންޓަނޭޝަލަން އެއާލައިންތަކުން ފިއުލް ސާޗާޖް ދަށް ކޮށްފައި ނުވި ނަމަވެސް، ބައެއް އެއާލައިންތަކުގެ ޓިކެޓް އަގު ހެޔޮކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ޖެޓް ފިއުލް ލީޓަރެއްގެ އަގު އަހަރެއްގެ ތެރޭގައި 26 ޕަސެންޓަށް ހެޔޮވި ނަމަވެސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ، ޤައުމީ އެއާލައިން 'މޯލްޑިވިއަން' އިން ނަގާ ފިއުލް ސާޗާޖަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިއަހަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް 'މޯލްޑިވިއަން' އިން ވިއްކާ ޓިކެޓުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ އެކަމާއި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.