ރާއްޖޭގައި އިސްލާމީ ތަޢުހީދުގެ އަލިކޮޅު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އަމިއްލަ ފުޅު ބުރަ މަސައްކަތުން ކީރިތި ޤުރްއާންގެ ދިވެހި ބަހުގެ ތަރުޖަމާއާ ތަފްސީރު ލިޔުއްވާފައިވާ މަޝްހޫރު ޢިލްމުވެރިޔާ ޝައިޙް އަބޫބަކުރު އިބްރާހީމް (ބަކުރުބެ) ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.
މަދީނާާގެ އިސްލާމިކް ޔުނިވަސިޓީން ދީނީ ތައުލީމު އުނގެނިވަޑައިގެންފައިވާ ބަކުރުބެ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް (އައިއެފްއެމް) ގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ބަކުރުބެ (ފޮޓޯގައި) ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު މަހެއްހާ ދުވަސް ވެދާނޭ ކަމަށް އައިއެފްއެމް އިން ބުންޏެވެ.
އައިއެފްއެމްގެ އޮފިޝަލަލު ވިދާޅުވީ ޅ. ހިންނަވަރަށް އުފަން ބަކުރުބެއަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށެވެ.
އަދި އެކަމުގެ ދަލީލަކީ ކީރިތި ޤުރްޢާންގެ ތަފްސީރު ދިވެހި ބަހުން ލިޔުއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަތުމެވެ.
ބަކުރުބެ ލިޔުއްވާފައިވާ ޤުރްއާން ތަފްސީރް ޗާޕް ކުރުމަށް މިހާރު ސަޢުދީ އަރަބިއްޔާއަށް ފޮނުވާފައިވާކަމަށް ވެސް އެފަރާތުން ވިދާޅުވިއެވެ.
ޝައިހު ބަކުރުބެ އަވަހާރަވި އިރު ހަތް ބޭފުޅަކާއި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ބަކުރުބެގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.