ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗްކޮޅުގައި ދިން ޙަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަ ދައްކަމުން، ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް، އަހްމަދު އަދީބު ވަނީ އިދިކޮޅު އެމްޑީޕީ އިން މަޝްވަރާކޮށްފައެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވުމުން ބައެއް ފަރާތްތަކުން، އެކަމަށް ހަޖޫޖަހައި ވާހަކަ ދައްކާފައިވާއިރު، އޭގެ ފަހުން ފެންނަމުންދާ ކަންތައްތަކުން އަދީބު އާއި އެމްޑީޕީގެ މެދުގައި ގުޅުމެއް އޮތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ. އަދީބުގެ 'އަނިޔާވެރިކަމާއި' ދެކޮޅަށް ނިކުތް އެމްޑީޕީގެ ފަރާތުން އަދީބަށް "ސިޔާސީ ލޯބީގެ" ސިޓީ ފޮނުވަން ޖެހުމަކީ އެމްޑީޕީގެ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ.
އެމްޑީޕީގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަން ފަޅާއަރާފައި ވާއިރު އެމްޑީޕީގެ ލީޑާޝިޕުން އެކަމާއި ބެހޭ ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން އަދީބުގެ ދިފާޢުގައި ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި ދާދިފަހުން އެމްޑީޕީ އިން ބޭއްވި 'ކުއްލިކަޅެއް' ހަރަކާތުގައި ވެސް އެޕާޓީގެ ބައެއް އެކްޓިވިސްޓުން "އަދީބުގެ ކުށެއް ނެތް" ކަމަށް ބުނެ ޝުޢޫރު ފާޅުކޮށްފައިވެއެވެ.
އެމްޑީޕީގެ ފަރާތުން އަދީބަށް ހަމްދަރުދީ ވާން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ. އަދީބަކީ، އެމްޑީޕީގެ އެތައް ރައްޔިތުންގެ ލޯބި ލިބިފައިވާ، 'ރާއްޖެ ޓީވީ'ގެ ސްޓޭޝަން ރޯކޮށްލުމުގެ ތުހުމަތު ކުރެވޭ ފަރާތެވެ. 'މިނިވަން' ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި ކަމުގެ ތުހުމަތު އެމްޑީޕީގެ ފަރާތުން ކުރީ ވެސް އަދީބަށެވެ.
"މޭޑޭ" ގެ މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު އާއި އެޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ކުޑަގޮޅިއަށް ދާން ޖެހުނީ ވެސް އަދީބުގެ 'އަނިޔާވެރިކަމާއި' ދެކޮޅަށް ނިކުމެގެންނެވެ. އެމްޑީޕީގެ ހުރިހާ މެންބަރުންގެ ލޯބި ހޯއްދަވާފައިވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް ނިންމީ ވެސް، އަދީބު އާއި ގާތް ގުޅުމެއް އޮންނަ ކުރީގެ ޕީޖީ މުހުތާޒް މުހުސިނެވެ.
ރައީސް ނަޝީދު ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަނަލް ސާވިސް އިން ލިޔުމެއް ދިން ކަމަށް އެމްޑީޕީ އިން ބުނަމުން ގެންދާއިރު، އެ ލިޔުމުގެ ސައްޙަ ކަމާއި މެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފައެވެ. އެ ލިޔުމަކީ ސައްޙަ ލިޔުމަކަށް ވިޔަސް އަދި ނުވިޔަސް، އެ ލިޔުމެއް ރައީސް ނަޝީދަށް ދީފައިވަނީ، އަދީބު އާއި ގާތްގުޅުމެއް އޮންނަ، ކަމިޝަނަރ އޮފް ޕްރިޒަންސް ހުޝާމްގެ ބެލުމުގެ ދަށުގައި އޮތް މުއައްސަސާ އަކުންނެވެ.
ނައިބު ރައީސް ކަމުގެ މަޤާމަށް އާދެވުމާއި އެކު އަދީބަށް އެމްޑީޕީގެ ބޭނުން ކެނޑުނީއެވެ. ރައީސް ނަޝީދަށް ދާން ޖެހުނީ އެނބުރި ޖަލަށެވެ. އެމްޑީޕީގެ މެންބަރުން އަނެއްކާވެސް ރޮއްވާލާފައެވެ. އެއާއި އެކު ޕާޓީގެ ލީޑާޝިޕުގެ ޤާބިލް ކަމާއި މެދު އާންމު މެންބަރުންގެ ހިތްތަކުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.
ސިޔާސީ މައިދާނުން އަދީބު ގެއްލުމަކީ، ރައީސް ޔާމީންގެ ސަރުކާރަށް ލިބުނު ނިކަމެތިކަމެކެވެ. އޭގެ ފައިދާ އެންމެ ބޮޑަށް ނެގެން އޮތް ބަޔަކީ ވެސް ޚުދު އެމްޑީޕީއެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުން ފެންނަމުން ދަނީ، ބައިކޮޅަށް އަނެއްކާ ވެސް ގޯލެއް ޖައްސަވަން އުޅުއްވާ މަންޒަރެވެ.
"ސިޔާސީ ލޯބީގެ" ސިޓީގެ އިތުރަށް އެމްޑީޕީ މަޖިލިސް މެންބަރުން އަދީބުގެ އަތުން ރިޝްވަތު ނެންގެވި ކަމުގެ އަޑުތައް ވެސް މިވަނީ ގަދަވެފައެވެ. ނައިބު ރައީސް ކަމުގެ މަޤާމުން އަދީބް ވަކިކުރުމަށް ނެގި ވޯޓުގައި އެމްޑީޕީ އިން ބައިވެރިނުވީ އަދީބު އާއި އެކު 'ޑީލެއް' ހަދާފައިވާތީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން އެވާހަކަތައް ދޮގު ކުރައްވައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމާއި ދެކޮޅަށް އެޕާޓީގެ މެންބަރެއް ކަމަށްވާ، އަހްމަދު ނާޝީދް (އޭޑީކޭ ނާޝިދު) ވެސް ވަނީ އަދީބުގެ އިތުބާރު ނެތްކަމަށް ވޯޓް ދެއްވާފައެވެ.