Last Updated: November 24, 05:46
Sunday, November 24, 2024
ރިޕޯޓް

ޗުއްޓީ އާއި ދިމާކޮށް މޯލްޑިވިއަންގެ އަގު އަތް ނުފޯރާ ފަށަށް!

ބޮޑު ޗުއްޓީއާއި ދިމާކޮށް، މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ރަށަށް ދިއުމަށް ޓިކެޓް ނަގަން ދިޔަ ނަމަވެސް ޓިކެޓްގެ އަގަށް "އަތް ފޯރާވަރެއް" ނުވެއެވެ. އެމީހުންގެ އިސްކޮޅުން ކުރުވެގެންނެއް ނޫނެވެ. ޤައުމީ އެއާލައިން 'މޯލްޑިވިއަން' އިން ވިއްކާ ޓިކެޓްގެ އަގު ބޮޑުވެގެންނެވެ. ކޮންމެ މީހަކު ވެސް އުފައްދާ ސުވާލަކީ، އަގު އެހާ ބޮޑީ ކީއްވެގެން ހެއްޔެވެ؟

'މޯލްޑިވިއަން' ގެ ފަރާތުން ދޭ ޖަވާބަކީ، "އަގުހެޔޮ ފެއާގެ ޓިކެޓްތައް ހުސްވީ" ކަމަށެވެ. ރަށަށް ދާން ބޭނުން ނަމަ ޖެހެނީ "ނޯމަލް ފެއާ" ގެ -/1777 ރުފިޔާގެ ޓިކެޓެއް ނަގާށެވެ. އެހެން ނޫންނަމަ ޖެހޭނީ، އެތައް ދުވަހެއް ކުރިން ރާވާފައި އޮތް ޗުއްޓީ ޕްލޭންތައް ކެންސަލްކޮށްލާށެވެ.
12231551_10153072626796150_811039915_n

ޝަކުވާ ކުރަން ބޭނުމިއްޔާ ކުރެވިދާނެއެވެ. ރުޅި އައިސްގެން ހަޅޭއްލަވައި، 'މޯލްޑިވިއަން' އާއި ދިމާލަށް ހެއްދެވި ނުހެއްދެވި އަށް ގޮވިދާނެއެވެ. ހިނިތުންވުމާއެކު 'މޯލްޑިވިއަން' އިން ބުނާ ކަހަލައެވެ. ރަށަށް ދާން ބޭނުމިއްޔާ ޖެހޭނީ، އަގުބޮޑު ޓިކެޓް ނަގައިގެން ދާށެވެ.

ހިތްހަމަނުޖެހުނަސް އިތުރު ގޮތެއް ނެތެވެ. 'މޯލްޑިވިއަން'ގެ ޓިކެޓް ވިއްކުމުގެ އަގުތައް ހުންނަ ގޮތާއި، އެމީހުންގެ އިޝްތިހާރުތައް ވަރަށް ތަފާތެވެ. އިޝްތިހާރުތަކުގައި ބުނެފައިވާ ގޮތުން، -/999 ރުފިޔާއަށް މާލެއިން ގަމަށް ދަތުރު ކުރެވެއެވެ. އެހެންވީ އިރު، -/1777 ރުފިޔާއަށް މިވިއްކަނީ ކޮން ޓިކެޓެއް ހެއްޔެވެ ؟

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން 'މޯލްޑިވިއަން'ގެ ޓިކެޓް ވިއްކާ އެޖެންޓަކު ބުނި ގޮތުގައި، ކޮންމެ ފްލައިޓަކުން ވެސް ވިއްކަނީ -/999 ގެ ވަކި އަދަދެއްގެ ސީޓު ތަކެއް ކަމަށެވެ. ބޮޑު ޗުއްޓީއާއި ދިމާކޮށް އެ މައްސަލަ ގިނަ ބަޔަކަށް ފާހަގަކުރެވިގެން ދިޔަ ނަމަވެސް، އެއީ އަބަދުވެސް އެކަން ހިނގާ ގޮތް ކަމަށް އެޖެންޓު ވަނީ ބުނެފައެވެ.

" ބޮޑު ޗުއްޓީ ވީމަ އެކަންޏެއް ނޫން. އަބަދުވެސް އިންނަނީ ވަކި އަދަދެއްގެ އަގުހެޔޮ(-/999 ގެ ޓިކެޓް) ޓިކެޓްތަކެއް. އެ ހުސްވީމަ ދެން ޖެހޭނީ. އަގު ބޮޑު ފެއާތަކުގެ ޓިކެޓް ނަގަން" ޓިކެޓް އެޖެންޓް ބުންޏެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޓިކެޓް އެޖެންޓް ބުނި ގޮތުގައި، ބޮޑު ޗުއްޓީއާއި ދިމާކޮށް، އަގުހެޔޮ ޓިކެޓް އެއްގޮތަކަށް ވެސް ނުވިއްކައޭ ބުނުމަކީ ގޯހެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ޤައުމީ އެއާލައިނުން ރައްޔިތުން 'ފެލަމުން' ދާއިރު، ރާއްޖެއިން ބޭރުގެ އެއާލައިންތަކުން ވަނީ، ދިވެހިންނަށް ހެޔޮއަގުގައި ދަތުރުކުރެވޭނެ ގޮތްތަކެއް ހެދުމަށް ދަތުރުތަކެއް ފަށާފައެވެ. ސްރީލަންކާގެ ބަޖެޓް އެއާލައިން ކަމުގައިވާ، މިހިން ލަންކާއިން، ރާއްޖެ އާއި ލަންކާ އާއި ދެމެދު ދަތުރުތައް ފަށަން ހަމަޖެއްސާފައި ވާއިރު، ޓިކެޓްތަކުގެ އަގު ހުރީ ވަރަށް ބޮޑުތަން ހެޔޮކޮށްލާފައެވެ.
Document-page-001

މެގަ މޯލްޑިވްސް އިން އަގުހެޔޮކޮށް މެލޭޝިއާއަށް ފެއާތައް ފަށުމަށް އިޝްތިހާރު ކުރަމުން އަންނަ އިރު މި ދުވަސްކޮޅަކީ ބޮޑެތި ހުރިހާ އެއާލައިންތަކުންވެސް އަގު ހެޔޮ ފެއާތައް ތައާރަފްކުރާ ދުވަސްކޮޅެވެ.

ސްކޫލް ބަންދާއި ދިމާކޮށް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށްދާން ފޮށިތަންމަތި ބަންދުކޮށްގެން އެތައް ބަޔަކު ތިބި އިރު ގައުމީ އެއާލައިންގެ ދެކޮޅު ޓިކެޓްގެ އަގުބޮޑުކަމުން އެމީހުން ތިބީ މާޔޫސްވެފައިއެވެ. ލަންކާ، އިންޑިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓްގެ އަގަށްވުރެ ގަން/މާލެ/ގަން ޓިކެޓް އަގުބޮޑެވެ.

"މޯލްޑިވިއަން"އިން އަގު ހެޔޮ ފެެާ ހޯދުމުގެ ދަތިތައް ބޮޑުވެގެން ގޮސްފައިވަނީ ކުރިން ގަމާއި މާލެ އާއި ދެމެދު ދަތުރު ކުރި ވިލާ އެއާގެ ދަތުރުތައް މެދު ކަޑާލުމާއި ގުޅިގެންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު އެވާހަކަ ދޮގު ކުރެވޭކަށްވެސް ނެތެވެ. މާލެ ދިއުމަށް "މޯލްޑިވިއަން" ނޫން ގޮތެއް ނެތީމައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ "މޯލްޑިވިއަން" ބޭނުން ނަމަ ކުރިއާލައި އިޝްތިހާރުކޮށް، ބޮޑު ޗުއްޓީ އާއި ދިމާކޮށް، ގަން/ކޮލަމްބޯ/ގަން، އަދި ގަން/ޓްރެވިންޑްރަމް/ގަން ދަތުރުތައް ވެސް ފެށިދާނެކަމަށެވެ. ނަމަވެސް އެކުންފުނިން އެފަދަ ފަސޭހައެއް އައްޑޫ ރައްޔިތުންނަކަށް ދޭން ބޭނުން ނުވާކަން ސާބިތުވާ ކަމަށެވެ.

"މީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން. ބޮޑު ޗުއްޓީ އާއި ދިމާކޮށް އެތައް ބަޔަކު ރާއްޖޭން ބޭރަށް ދޭ. އަނެއްކާ އައްޑޫން ޕާސްޕޯޓްގެ ހިދްމަތް މިވަނީ ފެށިފައި، އެހިދްމަތް ބަރާބަރަށް އެބަލިބޭ. ވީއިރު ގަމުން މިދަތުރުތައް ނުކުރެވޭނެ ސަބަބެއް ނެތް. އެމީހުންނަށް އެނގޭ އަގުބޮޑުކޮށްވެސް އައްޑޫ މީހުން ދަތުރު ކުރާނެކަން. އެހެންވެ ފެލަނީ" މޯލްޑިވިއަންގެ ކަސްޓަމަރަކު ބުންޏެވެ.

'މޯލްޑިވިއަން'ގެ ޓިކެޓް ތަކުގެ އަގު ބޮޑުވެގެން ޝަކުވާ ކުރަމުން ދަނީ ހަމައެކަނި އައްޑޫގެ ރައްޔިތުންނެއް ނޫނެވެ. ފުވައްމުލަކާއި، ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް 'މޯލްޑިވިއަން' އިން ޓިކެޓް ވިއްކާ އަގު މިވަނީ ބޮޑު ބުރައަކަށް ވެފައެވެ. އިތުރު ދެވަނަ ފަރާތެއް ނެތުމުގެ ހުރިހާ ފައިދާއެއްް ނަގަނީތާއެވެ؟