Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އެފްވައިސީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހާއްސަ ދަރުހެއް މިރޭ

ފޭދޫ ޔޫތް ކޮމިއުނިޓީ (އެފްވައިސީ) އިން އިންތިޒާމު ކޮށްގެން ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ދަރުހެއް މިރޭ ފޭދޫގައި އޮންނާނެ އެވެ.

ފޭދޫ ސްކޫލްގައި ބާއްވާ ދަރުސް ދެއްވާނީ، މަޝްހޫރު ދާޢީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. މި ދަރުހަކީ ފޭދޫގެ ޒުވާނުންގެ މެދުގައި އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ ރީތި ސިފަ އަށަގެންނެވުމަށް މި ޖަމިއްޔާގެ ފަރާތުން ބާއްވާ ފުރަތަމަ ދަރުހެވެ.

އެފްވައިސީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މި ދަރުހަކީ، ޒުވާނުން ޒިންމާދާރު ކުރުވުމުގެ ގޮތުންނާއި އަދި އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ ރިވެތި އާދަ މުޖްތަމަޢްގައި އަށަގެންނެވުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ދަރުހެކެވެ.

އެފްވައިސީ އިން މައުލޫމާތު ދޭ ގޮތުގައި، ކުރިއޮތް ތަނުގައި މިފަދަ ގިނަ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާގެ ފަރާތުން ވަނީ ނިންމާފައެވެ.

“މިއީ މިފަދަ ފުރަތަމަ ޕްރޮގްރާމް. ބޭނުމަކީ ޒުވާނުން ޒިއްމާދާރު ކުރުވުމާއި އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރީތި އަދަބު މުޖުތަމަޢުގައި އަށަގެންނެވުން. މިފަދަ ގިނަ ޕްރޮގްރާމް އަދި ކުރިއަށް ގެންދެވޭނެ. ބޭނުމަކީ ޒިއްމާދާރު މުޖުތަމަޢުއެއް ބިނާކުރުން. އަހަރުމެންގެ ތެރޭ މިހާރު އެކަކު އަނެކަކަށް އިޙްތިރާމު ކުރުން ވަރަށް ދަށް.” އެފްވައިސީގެ ރައީސް އާލީ ހަނީޒު ވިދާޅުވިއެވެ.

ދަރުސް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:45 ގަ އެވެ. ދަރުސް ނިމިގެން ޒުވަނުންނަށް ޚާއްސަ ސުވާލާއި ޖަވާބު ސެޝަނެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.