އައްޑޫ ސިޓީ ގައި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭން ގަލްފް ކްރާފްޓްގެ ހަތަރު ލޯންޗް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަނެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލްގެ ސީއީއޯ ޖުނެއިދު އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން ގަތީ 30 ފަސިންޖަރުންގެ ތިން ލޯންޗާއި 22 މީހުންގެ ޖާގައިގެ ލޯންޗެއް ކަމަށެވެ. މީގެ އިތުރުން 105 މީހުންގެ ޖާގައިގެ ފައިބަރު ދޯންޏެއް ވެސް، އައްޑޫގައި ފެރީގެ ހިދުމަތް ދޭން މިހާރު ވަނީ ގަނެފައެވެ.
އެމްޕީއެލްގެ އަމާޒަކީ އަންނަ މަހުގެ 10 ހިސާބުގައި ފޭދު އާއި ހުޅުމީދޫ އަދި ފުވައްމުލަކުގައި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފެށުން ކަމަށް އެ ކުންފުނީގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އެކަމަށްޓަކައި ލޯންޗާއި ފެރީ ދޯނި މި މަހުގެ ފަހުކޮޅު އައްޑުއަށް ގެންދެވޭވަރުވާނެ ކަމަށާއި، ކަނޑު ދަތުރުފަތުރުގެ އިތުރުން އައްޑު އާއި ފުވައްމުލަކުގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާ 13 ބަސް އަންނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ ގެންނާނެ ކަމަށް، އެކަން ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން އަންގާފައިވާ ކަމަށް ވެސް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.
އެމްޕީއެލްއިން ބުނީ އައްޑު އާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ފަށާއިރު، ކުރިން އެމްވީކޭއިން ނެގި އަގަށް ވުރެ ބޮޑު އަގެއް ނުނަގާނެ ކަމަށެވެ.
• 13 ބަހުގެ ތެރެއިން ފުވައްމުލަކުގައި ގެންގުޅޭނީ 2 ބަސް
• ހުޅުމީދޫގައި 2 ބަސް
• ބާކީ ނުވަ ބަސް ގެންގުޅޭނީ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫގައި
• އޭސީ ކޮށްފައިވާ ފެރީއެއް ފުވައްމުލަކަށް ހާއްސަކުރަން ވަނީ ނިންމާފައި
• އައްޑު އާއި ފުވައްމުލަކާ ދެމެދު މުދާ އުފުލާ ދޯންޏެއްގެ ދަތުރުތައް ވެސް ހަމަޖެހިގެންދާނެ.
މީގެ އިތުރުން އައްޑު އާއި ފުވައްމުލަކާ ދެމެދު މުދާ އުފުލާ ދޯންޏެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި އޭގެ ބޭނުމަކީ ސިމެންތި އާއި ހިލަވެލި އަދި އެހެނިހެން މުދާ އައްޑު އާއި ފުވައްމުލަކާ ދެމެދު ފަސޭހައިން ބަދަލުކުރެވޭނެ މަގެއް ވިޔަފާރިވެރިންނަށް ފަހިކޮށްދިނުމެވެ.
އައްޑޫގައި އެންމެ ފަހުން ފެރީ އާއި ބަހުގެ ހިދުމަތް ދިނީ އެމްވީކޭއިންނެވެ. އެކަމަކު އެކަށީގެންވާ ފެންވަރަށް އެ ހިދުމަތް ނުދެވުމާ އެކު، އެކަން ވަނީ ހުއްޓާލައިފަ އެވެ. އެމްޕީއެލްއިން ބުނީ އައްޑު އާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ފަށާއިރު، ކުރިން އެމްވީކޭއިން ނެގި އަގަށް ވުރެ ބޮޑު އަގެއް ނުނަގާނެ ކަމަށެވެ.