ސްޕެނިޝް ލަލީގާގެ ގަދަ ބާރު ކަމަށްވާ ރިއަލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއިއެކު 0-4 ގެ ނަތީޖާ އަކުން ރިއަލް ބަލިކޮށް ބާސާ ތާވަލުގައި ލީޑު ފުޅާކޮށްފިއެވެ. ރިއަލްގެ ދަނޑުގައި ކުޅުނު މިމެޗު ގޯލަށް ނުރައްކާ ކޮށް ގިނަ ހަމަލާ ތަކެެއް ފޮނުވައި މޮޅަށް ކުޅުނީ ބާސާ އެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ބާސާ އަށް ލީޑު ނަގާ ދިނީ ފޯވާޑް ލުއިސް ސުއަރެޒް އެވެ. ބާސާގެ ދެވަނަ ގޯލު ޖަހާ ލީޑު ފުޅާ ކޮށްދިނީ 39 ވަނަ މިނެޓުގައި ނޭމާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސުއަރެޒް ފޮނުވާލި ބޯޅަ ގޯލުގެ ލައިނުގެ މަތިން ރިއަލް ގެ ޑިފެންޑަރ މާސެލޯ ވަނީ ދިފާއުކޮށްފައެވެ.
ބާސާ އިން 3 ވަނަ ގޯލު ޖެހި ދެވަނަ ހާފު ފެށިގެން މާ ގިނަ އިރު ތަކެއް ނުވެއެވެ. ރީތި ކުޅުމަކަށް ފަހު މިގޯލު ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާއެވެ. މިރޭގެ މެޗުގައި މުހިންމު ދައުރެއް އަދާ ކުރި އިނިއެސްޓާ ވަނީ މި ގޯލުގެ އިތުރުން ނޭމާގެ ގޯލު ކާމިޔާބު ކުރުމަށް ވެސް އެހީތެރިވެދީފައެވެ. ބާސާގެ ފަހު ގޯލު ކާމިޔާބު ކޮށްދިނީ ވެސް ސުއަރެޒް އެވެ. މެޗުގެ ފަހު 15 މިނެޓުތެރޭގައި މިގޯލު ކާމިޔާބު ކުރީ މެސީ އަދި ނޭމާގެ އެހީތެރިކަމާއެކުއެވެ.
އަނިޔާގެ ސަބަބުން ގިނަ ދުވަސް ތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައި މިރެއަކީ މެސީ ފެނުނު ފުރަތަމަ މެޗެވެ. 56 ވަނަ މިނެޓުގައި މެސީ ކުޅެން ނުކުތީ އިވަން ރަކިޓިކް ގެ ބަދަލުގައެވެ.
މިރޭގެ މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ރިއަލްގެ ފޯވާޑުން ވަނީ ގޯލެއް ކާމިޔާބު ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ބާސާގެ ކީޕަރުގެ ހުނަރުވެރި ކަމުން ރޮނާލްޑޯ، ބެންޒީމާ އަދި ޖޭމްސް ފޮނުވާލި ހަމަލާތައް ވެސް ގޯލުގެ ތެރެއަށް ވަންނަ ގޮތެއް ނުވިއެވެ.
މި މޮޅާއެކު ބާސާ އެއްވަނައިގައި އޮތީ 30 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ރިއަލް 24 ޕޮއިންޓާއެކު އޮތީ 3 ވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.