އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ލިވަޕޫލް ބައްދަލު ކުރި މެޗު ގިނަ ބަޔަކު ހައިރާންކުރުވަނިވި ގޮތަކަށް ސިޓީގެ މައްޗަށް ފަސޭހަ ކަމާއި އެކު ލިވަޕޫލްއިން ކުރި ހޯދައިފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ސިޓީގެ އިތުބާރު ފޯވާޑް ސާގިއޯ އަގުއޭރޯ ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. އަގުއޭރޯ މެޗަށް ކުޅެން ނުކުތުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ މެޗު ނިމޭނީ ސިޓީ ކޮޅަށްކަމުގައެވެ.
ނަމަވެސް މެޗުގެ ފުރަތަމަ 30 މިނެޓު ތެރޭގައި ސިޓީ އޮތި 0-3 އިން ފަހަތުގައެވެ. ފުރަތަމަ ގޯލު ވަނީ މެޗުގެ 8 ވަނަ މިނެޓުގައި ސީޓީގެ ޑިފެންޑަރު މަންގާލާގެ އަތުން ބައިކޮޅަށެވެ. ދެވަނަ ގޯލު 23 ވަނަ މިނެޓުގައި ކުޓީނިއޯ ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ރޮބަޓް ފާރމިނިއޯ ކާމިޔާބު ކޮށްދިން ގޯލާއެކު ސިޓީއަށް މެޗު އަނބުރާލެވޭނެ ފުރުސަތު ހަނިކުރި އެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް އަގުއޭރޯ ވަނީ ސިޓީ އަށް ގޯލެއް ކާމިޔާބު ކޮށް ސިޓީ އަށް މެޗުގެ ނިވެމުން ދިޔަ ހުޅުކޮޅު އާކޮށްދިނެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ސިޓީ އަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުނެވެ. ލިވަޕޫލްގެ ހަތަރު ވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށް ޑިފެންޑަރ ސްކާޓެލްއެވެ.
މެންޗެސްޓާ ޔުނައިޓެޑް އަދި ވަޓްފޮޑް ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާ އަކުން ޔުނައިޓެޑް މޮޅުވެ 27 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް މިހާރު ވަނީ ޖެހިލާފައެވެ.
ލެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗުން ނިއުކާސަލް ބަލިކޮށް 28 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަި މިހާރު އޮތީ ލެސްޓާއެވެ. ރޭގެ މެޗުތަކުގައި ޕޮއިންޓެއް ނުލިބުނު ސިޓީ އަދި އާސެނަލް ވަނީ ތާވަލުގެ ފަހަތަށް ޖެހިފައެވެ. ދެޓީމަށްވެސް 26 ޕޮއިންޓު ލިބިފައިވާއިރު ސިޓީ 3 ވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.