އައްޑޫގައި ޓެކްސީގެ ހިދުމަތުގެ އަގު ބޮޑު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރިމުންދަނިކޮށް އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދިޔައީ، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގައި ޓެކްސީގެ ޚިދުމަތުން ނެގޭނެ އަގުތައް ފާސްކުރުމާއި ގުޅިގެންނެވެ. އެ އަގުތައް ފާސްކޮށްފައިވަނީ، ޓެކްސީ ޑްރައިވަރުންނާއި އެކު ކައުންސިލުން ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.
ނަމަވެސް އެ އަގުތައް ފާސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ޓެކްސީ ޑްރައިވަރުން މިވަނީ އެ އަގުތަކާއި މެދު ހިތްހަމަ ނުޖެހިގެން ކައުންސިލަށް ގޮސް ޝަކުވާކޮށްފައެވެ. ތެލުގެ އަގު ބޮޑެއް ނުވެއެވެ. އެހެން ކަމުން ކުއްލިއަކަށް ޓެކްސީ ޑްރައިވަރުން ހިތްހަމަނުޖެހިގެން އުޅެން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ޓެކްސީ ޚިދުމަތުގެ އަގު ބޮޑުކުރަން ނިންމަނީ ހެއްޔެވެ؟
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި އެމީހުންގެ މަސައްކަތް ކުރަނީ، ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ނޫން ކަމަށާއި، ޖެހިގެން އުޅޭ މައްސަލައަކީ ހިތަދޫގެ ބައުންޑަރީ ފުލުހުން މާނަ ކުރައްވާ ގޮތާއި އައްޑޫ ސިޓީ ކައުންސިލުން މާނަ ކުރާ ގޮތުގައި އުޅޭ މައްސަލައެއް ކަމަށެވެ.
" އަގު ބޮޑު ކުރާކަށް ނޫޅެން މައްސަލައަކީ ހިތަދޫގެ ބައުންޑަރީ ފުލުހުން މާނަ ކުރައްވާ ގޮތާއި އައްޑޫ ސިޓީ ކައުންސިލުން މާނަ ކުރާ ގޮތުގައި އުޅޭ މައްސަލައެއް" – ޓެކްސީ ޑްރަވަރުން
ފުލުހުން މާނަކުރައްވާ ގޮތުގައި ހިތަދޫ ކަމުގައި ބެލާ ސަރަހައްދަކީ، ކޯއްޓޭ ސަރަހައްދުން ފެށިގެން ގައުކެނޑި (ހަންކެނޑެ ބްރިޖް ހިސާބު) ހިސާބަށެވެ. އެއީ ޖިއޮގްރަފިކަލް ގޮތުން ވެސް ހިތަދޫގެ ސަރަހައްދުކަމަށް ބަލާ ހިސާބެވެ. އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބް ވިދާޅުވި ގޮތުގައި ކައުންސިލުން ހިތަދޫ މާނަ ކުރައްވަނީ، ހަމައެކަނި ހިތަދޫގައި މީހުން ދިރިއުޅޭ ހިސާބެވެ. އެއީ ކޯއްޓޭ ސަރަހައްދުން ފެށިގެން ސްޓޭޑިއަމާއި ހިސާބެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ޓެކްސީ ޚިދުމަތުން ނަގާނެ އަގުތައް ކަނޑައަޅާފައި ވާއިރު ހިތަދޫގެ ކޮންމެ ސަރަހައްދަކަށް ވެސް ކުރާ ދަތުރުތަކަށް، ނެގޭނެ ކަމަށް ބުނެފައިވަނީ، -/25 ރުފިޔާއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަކީ އެއީއެވެ. އެމީހުން ބުނާގޮތުގައި ހިތަދޫގެ ގޮތުގައި މާނަ ކުރުމަށް ކައުންސިލާއި އެކު އެމީހުން ވާހަކަ ދައްކައި އެއްބަސްވެފައި ވަނީ، ހިތަދޫގެ ރަށުތެރޭގެ ދަތުރުތައް ކަމަށް ބަލަންވާނީ ކޯއްޓޭ އިން ފެށިގެން ޒޯން ސްޓޭޑިއަމް އާއި ހަމައަށް ކަމަށެވެ.
ހިތަދޫގެ ސަރަހައްދު ކަމުގައި ބަލާ، އާރްއޭފް ހިސާބު އަދި ކުނިކޮށި ހިސާބަށް ކުރާ ދަތުރުތަކަށް ވެސް ވަކި އަގުތަކެއް ހިމެނުމަށް ޓެކްސީ ޑްރައިވަރުން ވަނީ ކައުންސިލާއި އެކު 2013 ވަނަ އަހަރު ކުރި މަޝްވަރާތަކުގައި އެދިފައެވެ. ޓެކްސީ ޑްރައިވަރުން ބުނާގޮތުގައި، ކައުންސިލުން ދިން ޔަޤީން ކަމަކީ، ހިތަދޫ ކަމުގައި ބަލާނީ ހަމައެކަނި މީހުން ދިރިއުޅޭ ސަރަހައްދު ކަމަށެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ޓެކްސީ ޑްރައިވަރުން ޚިދުމަތަށް އަގު ނަގަމުން އައިސްފައިވަނީ، ހިތަދޫގެ މީހުން ދިރިއުޅޭ ސަރަހައްދުކަމަށް ކައުންސިލުން މާނަ ކުރާ ސްޓޭޑިއަމް ސަރަހައްދަށް ވުރެ ދުރަށް ކުރާ ދަތުރުތަކަށް -/25 ރުފިޔާއަށް ވުރެ ބޮޑު އަގުތަކެވެ.
ސްޓޭޑިއަމް ހިސާބަށް : -/25 ރުފިޔާ
އީސީސީ ހިސާބަށްް : -/30 ރުފިޔާ
ސަރަހައްދީ ބަނދަރާ ހިސާބަށް: -/50 ރުފިޔާ
ސަރަހައްދީ ބަނދަރުގެ ފާލަމުގެ ކޮޅާ ހިސާބަށް: -/80 ރުފިޔާ
ކައުންސިލުން ފާސްކުރި އަގުތަކުގައި ހުރި އުނިކަމެއްގެ ވާހަކަ ޓެކްސީ ޑްރައިވަރުންގެ ސަމާލުކަމަށް އައީ ރޭ ފުލުހުންނާއި ޓެކްސީ ޑްރައިވަރުންނާއި ދެމެދު ބޭއްވި ބައްދަލުވުމެއްގައި، ހިތަދޫގެ ޖިއޮގްރަފިކަލް ގޮތުން ހިތަދޫގެ ސަރަހައްދުކަމަށް ބަލާ ހިސާބުގައި -/25 ރުފިޔާއަށް ވުރެ ބޮޑު އަގު ނަގާނަމަ އެކަމާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނުމާއި ގުޅިގެންނެވެ.
ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުން
މިހާރު ޓެކްސީ ޚިދުމަތަށް ނެގޭނެ ކަމަށް ބުނެފައިވާ އަގުތަކުގެ ލިސްޓަށް ބަލާއިރު، ހިތަދޫ ކޯއްޓޭ ހިސާބުގައި ހުރެފައި ގައުކެނޑި އާއި ހަމައަށް ކުރާ ދަތުރަކަށް ވެސް ނެގޭނީ، -/25 ރުފިޔާއެވެ. ގާތްގަނޑަކަށް 10 ކިލޯމީޓަރަށް ވުރެ ދިގު ދަތުރެއް ކުރުމުން ވެސް ނެގޭ އަގަކީ -/25 ރުފިޔާ ކަމުގައި އޮތުމަކީ އިންސާފެއް ނޫން ކަމަށް އެމީހުން ޤަބޫލުކުރެއެވެ.
" ގައުކެނޑިން ފެށިގެން ކިލޯމީޓަރެއް ވެސް ނުހުންނާނެ މަރަދޫ އަށް. އެކަމަކު ހިތަދޫގައި ހުރެފައި މަރަދޫއަށް ދާން މިނަގަނީ -/110 ރުފިޔާ. ކިހާ އިންސާފުވެރި. ކުށްވެރިވަނީ އަހަރުމެން. އަހަރުމެން މީހުން ފެލަން އުޅޭ ކަމަށް ވަނީ"
ޓެކްސީ ޑްރައިވަރުން ޤަބޫލުކުރާ ގޮތުގައި އެމީހުން ކުރާ ދަތުރުތަކަށް އެކަށީގެންވާ އަގުތަކެއް ނެގެން ޖެހޭނެއެވެ. އެމީހުން ބުނާ ގޮތުގައި، 10 ކިލޯ މީޓަރުގެ ދަތުރަކަށް -/25 ރުފިޔާ ނެގޭނެ ކަމަށް ފާސްކޮށްފައިވާ އަގު ލިސްޓު އިސްލާޙްކުރަން ޖެހޭނެއެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު، ޓެކްސީ ޑްރައިވަރުން ބޭއްވި ބައްދަލުވުމުގައި އެމީހުން ވަނީ، ކަންބޮޑުވުންތަައް ހިއްސާކޮށްފައެވެ. އެކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކައުންސިލުގެ ފަރާތުން، މާދަމާ ފުލުހުންނާއި އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ޓެކްސީ ޑްރައިވަރުން އުފައްދާ ސުވާލެއް އެބައޮތެވެ. އެމީހުންގެ ޙައްޤުތަކާއި ގުޅިފައި ހުރި ޤަވާއިދެއް ހެދި އިރު ހިތަދޫގެ ޖިއޮގްރަފިކަލް ސަރަހައްދު، ކައުންސިލަށް އޮޅުނީ ތޯއެވެ؟
ޙައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުން
ސަރަހައްދުތަކަށް ވަކި އަގު ނަގައިގެން ޓެކްސީ ދަތުރު ތަކުގެ އަގު ކޮންޓްރޯލް ނުކުރެވޭނަކަން މިވަނީ ސާބިތުވެގެން ގޮސްފައެވެ. އެހެން ކަމުން މި މައްސަލަ ހައްލުކުރުމަށް ދެން އޮތް ހަމައެކަނި ހައްލަކީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރުން ކަމަށް ކައުންސިލުން ވެސް ޤަބޫލުކުރައްވައެވެ. އެހެން ނަމަވެސް އެކަމަށް ބޮޑު ޚަރަދުތަކެއް ހިނގާނެ ކަމަށް ބެލެވޭތީ ކައުންސިލާއި ޓެކްސީ ޑްރައިވަރުން ވެސް އެކަމަށް ފަސްޖެހެނީއެވެ.
ނަމަވެސް މީޓަރު ހަރުނުކޮށް ޓެކްސީގެ ޚިދުމަތުގެ އަގަކީ، ޚިދުމަތް ހޯދާ ފަރާތަށާއި ، ޓެކްސީ ޑްރައިވަރުންނަށް އެންމެ އިންސާފުވެރި އަގެއް ނެގުމަކީ ނުކުރެވޭނެ ކަމެއްކަން މިވަނީ ސާބިތުވެފައެވެ. އެހެން ކަމުގެ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ބާރު އެޅުމުގެ ގޮތުން ޑްރައިވަރުންނަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭ ގޮތަށް ޓެކްސީތަކުގައި މީޓަރު ހަރުކުރުމަކީ ކައުންސިލަށް ކުރެވިދާނެ ކަމެކެވެ. ބޭނުންވަނީ އިޚްލާސްތެރިކަމެވެ.