ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި 0-4 ގެ ނަތީޖާ އަކުން ރިއަލް މެޑްރިޑް ބަލިވި ފަހުން ރޮނާލްޑޯ ރިއަލް ދޫކޮށްލާފައި ދާން އުޅޭ އަޑު ވަނީ ވަރަށް ގަދަވެއްޖެއެވެ. ކޯޗުގެ ނިންމުންތަކާ މެދު ހިތްހަަމަ ނުޖެހިގެން އޭނަ ޓީމުން ވަކި ނުވާ ނަމަ ރޮނާލޑޯ ޓީމު ދޫކޮށްފައި ދާނެ ކަމަށް ވެސް ވަނީ ޚަބަރު ލިބިފައެވެ.
މިއާއި ޚިލާފަށް ބައެއް ނޫސް ތަކުން ބެނިޓެޒް ރޮނާލްޑޯ ވިއްކާލަން އުޅޭ ޚަބަރުތައް ވެސް ވަނީ ޝާއިއު ކޮށްފައެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެފަހަރު ރިއަލް މެޑްރިޑްގައި ހޯދައިފައިވާ ރޮނާލްޑޯ ޓީމް ދޫކޮށް ދިއުމަކީ ރިއަލްގެ އެއްވެސް ސަޕޯޓަރެއް ބޭނުންވާނެ ކަމެއް ނޫނެވެ.
ނަމަވެސް ބެނިޓެޒް ޓީމް ދޫކޮށް ދިއުމަކީ މިހާރުވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އެދުމެކެވެ. 'އެލް ކްލެސިކޯ' އިން ބަލިވުމަށްފަހު، ރިއަލްގެ ސަޕޯޓަރުންގެ ޓުވިޓާ ފީޑް އަށް ބަލާލުމުން މިކަން ވަރަށް ބޮޑަށް ސާފު ވެގެން ދެއެވެ.
އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިިޓެޑް އިން 84 މިލިއަން ޕައުންޑް ގެ ޓްރާންސްފާ ފީ އަކަށް ރިއަލް މެޑްރިޑް އަށް ދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ ރިއަލް ދޫކޮށްލާނެ ޚަބަރުތައް ފެތުރިފައިވާ މިދަނޑިވަޅުގައި އޭނާގެ އޭޖެންޓު ޖޯޖް މެންޑެސް ވަނީ މި ހުރިހާ ހަބަރު ތައް ދޮގު ކޮށް ރޮނާލްޑޯ ކެރިއާ ނިންމާނީ ރިއަލް ގައި ކަމަށް ހާމަ ކޮށްފައެވެ.
ނަމަވެސް ފުޓުބޯޅައިގައި ދެން ވާނެ އެއްޗެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. މީގެ ކުރިންވެސް އެންމެ ގަބޫލުކުރަން ދަތި ޓްރާންސްފާ ތައް ވެސް ވަނީ ހިނގާފައެވެ.