އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަރަދޫފޭދޫގައި ހަދާފައިވާ ކުޑަކުދިންގެ ޕާކް މިއަދު ރަސްމީކޮށް ހުޅުވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޕާކް ހުޅުވަން މިއަދު ހަވީރު 4:00 ގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.
ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި، މަރަދޫފޭދޫ ބޯޅަދަނޑުގެ ކުރިމަތީގައި ހަދާފައިވާ ޕާކް ހުޅުވަން ބާއްވާނީ ވަަރަށް ކުލަ ގަދަކޮށް ކަމަށާއި އެ ރަސްމިއްޔާތުގައި ޕްރީ ސްކޫލް ދަރިވަރުންނާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރި ވާނެ ކަމަށެވެ.
ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫގެ އަވަށްތަކުގައި ޕާކްތައް ތަރައްގީ ކުރަމުން އަންނަ އިިރު، މަރަދޫފޭދޫ ޕާކަކީ އެ މަޝްރޫއުގެ ދަށުން ތަރައްގީކޮށް ހުޅުވާ ފުރަތަމަ ޕާކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓް އުސޫލުން އިދްރީސް ކާޕެންޓްރީ އެވެ. މަރަދޫފޭދޫ ޕާކްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމި އެތަނުގައި ކުދިންނަށް ކުޅިވަރު ކުޅޭނެ ބައެއް ސާމާނުތައް ވެސް މިހާރު ވަނީ ބަހައްޓައިފަ އެވެ.
މީގެ އިތުރުން ފޭދޫ އާއި ހިތަދޫގައި ވެސް ޕާކެއް ހެދުމުގެ މަސައްކަތް ކައުންސިލްގެ ފަރާތުން ގެންދަނީ ކުރަމުންނެވެ.