އައްޑޫ ސިޓީއަށް ކުރަމުން ގެންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ފޭދޫގެ ގެތަކަށެވެ. އޭގެ ތެރެއިން ގެއްލުންތައް ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މީޑިޔާތަކުގައި ބައެއް މުއައްސަސާތަކުގެ އިސްވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް ފޭދޫގެ ބައެއް ގެތަކަށް ޒިޔާރަތްކުރުމުން އެއީ ހަގީގަތެއް ނޫންކަން މިވަނީ ހާމަވެގެން ގޮސްފައެވެ.
އެގޮތުން ސ. ފޭދޫ އޯކިޑް މަންޒިލް އަކީ ފެންގަނޑު ވަދެގެން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްގެއެވެ. މުޅި އެގޭ ތެރޭގައި 1 ފޫޓަށް ފެންބޮޑުވެފައިވާއިރު އެ ގޭގައި ޙާއްސަ އެހީއަށް ބޭނުންވާ 2 މީހަކު ދިރިއުޅެއެވެ. ފޭދޫގެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު އެގެއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފައި ނުވުމަކީ އެގޭގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އަލީ ޝަމީމް ބުނި ގޮތުގައި، ކައުންސިލާއި ހައުސިން މިނިސްޓްރީ އާއި ފުލުހުން އަދި ސިފައިންނަށް ވެސް ގުޅާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަމަށެވެ.
ހަސަން ދީދީ އަސަރާއި އެކު ކިޔައިދިނެވެ.
އޯކިޑް މަންޒިލްގެ ތެރޭގައި ފެންބޮޑުވެފައިވާއިރު، ހަސަން ދީދީ އާއި އޭނާގެ މަންމަ އޮށޯވެގެން އޮތް އެނދުގެ ގޮދަނޑިއަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް ފެނުގެ އަސަރުކޮށްފައެވެ. އަދި އެގޭގެ ތެރޭގައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނަށް ވެސް ވަނީ ގެއްލުން ވެފައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގެ މީހުން އެދިގެން މިހާރު އެމްއާރްޑީސީ އިން ވަނީ އެގޭގައި ވެލި ބަސްތާ ޖެހުމަށް ވެލި ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް ޑިޒާސްޓާ މެނޭޖްމެންޓާއި ގުޅަން އެގޭގެ ފަރާތުން މަސައްކަތް ކުރި ނަމަވެސް ނުގުޅޭ ކަމަށް އަލީ ޝަމީމް ބުންޏެވެ.